އެމްޓީސީސީން ކޮންމެ 11 ދުވަހަކުން ތަރައްގީގެ މަޝްރޫއެއް ނިންމަން: އާޒިމް

އެމްޓީސީސީ އިން ކޮންމެ 11 ދުވަހަކުން ތަރައްގީގެ މަޝްރޫއެއް ނިންމަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އެންމެ ގިނަ މަޝްރޫއުތައް ހިންގި އަދި ހިންގަމުން ގެންދާ ކުންފުނި ކަމަށެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފާއިތު މިވާ ފަސް އަހަރު ތެރޭގައި 135 މަޝްރޫއެއް އެ ކުންފުނިން އެކަނި ނިންމައި ރައްޔިތުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވެސް 130 މަޝްރޫއެއްގެ މަސައްކަތް ނިންމަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާނައަކީ ރައީސް، މި ސަރުކާރުގެ މުއްދަތުގެ ތެރޭގައި ކޮންމެ 11 ދުވަހަކުން ތަރައްގީގެ މަޝްރޫއެއް އަޅުގަނޑުމެން އެކަނި އެބަ ނިންމަން. ޖަޒީރާވަންތަ މި ތަރައްގީގެ ހަގީގަތް ރާއްޖޭގެ ކޮންމެ ރަށަކުން އެ އޮތީ ފެންނަން. އެ ފެންނަނީ މަނިކުފާނުގެ ވައުދުފުޅުގެ ތެދުކަން. އެ ހާމަކޮށްދެނީ ރާއްޖޭގެ ތާރީޚު ދުށް އެންމެ ބަރާބަރު ސަރުކާރަކީ މިއީކަން،" އާޒިމް ވިދާޅުވިއެވެ.

ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން އާޒިމް ވިދާޅުވީ ޖަޒީރާވަންތަ ތަރައްގީގައި އެމަނިކުފާނު ބަލިކޮށްލުމަކީ އެއްވެސް މީހަކަށް ކުރެވޭނެކަމެއް ނޫން ކަމަށެވެ.

ކުޑަގިރި ތަރައްގީކޮށްފައިވަނީ އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. އެކަމަކު ކުޑަގިރި މިއަދު ހުޅުވާފައިވާއިރު އެޗްޑީސީން ބުކިން ހެދުމަށް ހުޅުވާލީ 300 މީހުންނަށެވެ.

މާލެއިން ފުރައިގެން އެންމެ 15 މިނެޓުން ދެވޭ ކުޑަގިރިއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރުގޮސް ހިތްހަމަޖައްސާލުމަށް ޓަކައި، ސަރުކާރުން ތަރައްގީ ކުރި ޕިކްނިކް އައިލެންޑެކެވެ.

comment ކޮމެންޓް