އެއީ 2014 ވަނަ އަހަރެވެ. ގްރޭޑް ހަތެއް ނިމެން ގާތްވެފައިވަނިކޮށް ކިޔެވުމުގައި އިތުރަށް ކުރިޔަށް ދިއުމުގެ ގޮތުން، ޖެހިގެން އޮތް އަހަރު ގްރޭޑް އަށެއްގައި ކިޔަވާނެ ސްޓްރީމެއްގެ ގޮތުގައި އޭނާ ނިންމީ ސައިންސް ސްޓްރީމެވެ.
ބިޒްނަސް ސްޓްރީމާއި ސައިންސް ސްޓްރީމްގެ ތެރެއިން އޭނާ ސައިންސް ކިޔެވުމަށް ނިންމީ އޭރު ގިނަ ކުދިން ކިޔަވަނީ ސައިންސް ސްޓްރީމަށް ވީމައެވެ.
މުސްތަގުބަލާ މެދު މާބޮޑު ފަރުވާލެއް ނެތި ސައިންސް ސްޓްރީމް އާއެކު އޭނާ ގްރޭޑް 10އެއް ނިންމާލީ މާ ރަނގަޅު ނަތީޖާއަކާ އެއްކޮށެއް ނޫނެވެ. އޭގެ ފަހުން އޭލެވެލް ކިޔެވީ ވެސް ހަމަ އެކަހަލަ ގޮތަކަށެވެ.
އެހިސާބުން އޭނާގެ ކިޔެވުމާ ގުޅިގެން ގިނަ ސުވާލުތަކެއް އުފެދެން ފެށިއެވެ. ކިޔަވާނެ ވަކި އެއްޗެއް ނޭނގި، ކިޔެވުމައިގެން ކުރިއަށް ދާނެ ގޮތަކާމެދު އެތައް ވިސްނުންތަކަކަށް ދިޔައެވެ. އޭގެ ފަހުން މީގެ ކުރިން އޭނާ ކިޔެވި ސްޓްރީމް ދޫކޮށް ބިޒްނަސް މެނޭޖްމެންޓުން ކުރިއަށް ދިއުމަށް ގައުމީ ޔުނިވާސިޓީއަށް ވަނެވެ. އެއީ ވެސް އެކަމާ މެދު ޔަގީންކަން އޮވެގެނެއް ނޫނެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންތަކެއް --- ސަން ފޮޓޯ
އެ ދާއިރާއިން ދެ އަހަރު ކިޔެވުމަށް ފަހު، ކޯސް ނުނިންމާ އޭނާ ކޯސް ދޫކޮށްލިއެވެ. އެ ދެ އަހަރުގެ ތެރޭގައި ގިނަ ޓެސްޓުތަކަކުން ފެއިލްވެ ރީސެޓް ހެދުމަށް ގިނަ ފައިސާތަކެއް ވެސް ޚަރަދުވިއެވެ. މިއީ މިހާރު ސައިކޮލޮޖީއިން ޑިގްރީ ހަދަމުން އަންނަ ދަރިވަރަކު ތައުލީމީ ރޮނގުން ކަޑައްތުކުރަން ޖެހުނު އުނދަގޫ އަހަރުތަކެކެވެ.
އޭނާ ނޫނަސް އެގޮތަށް ކިތަންމެ ކުދިންނެއް މަތީ ތައުލީމް ހާސިލް ކުރަމުން މިހާރު އެބަގެންދެއެވެ. އެ އެންމެން ވެސް އިއްތިފާގުވާ ގޮތުގައި އެފަދަ މައްސަލަތައް ޖެހެން ދިމާވާ އެންމެ ބޮޑު މައްސަލައަކީ، ކިޔެވުމާ ގުޅިގެން ސާނަވީ ތައުލީމު ނިންމުމުގެ ކުރިން ދަރިވަރުންނަށް ދޭން ޖެހޭ އެހީ އެމީހުންނަށް ނުލިބުމެވެ. އެ މައްސަލަ މީހުންނަށް އެންމެ ބޮޑަށް ފަހުމުވާނީ "ކެރިއާ ގައިޑެންސް"އޭ ބުނުމުންނެވެ.
އެންމެ ކުރިންސުރެ ވެސް ރާއްޖޭގައި މީހުންނަށް އެހާ ބޮޑު ސަމާލުކަމެއް ނުދެވޭ، ނަމަވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެއްގެ ގޮތުގައި ކެރިއާ ގައިޑެންސް ވާނެއެވެ. ކެރިއާ ގައިޑެންސް އަކީ ދަރިވަރުން ސާނަވީ ގްރޭޑްތައް ނިންމުމުގެ ކުރިން، ދިރިއުޅުމުގައި ކުރިއަށް ދާނެ ރޮނގެއް އިޚުތިޔާރު ކޮށްދިނުމަށް އެ ދަރިވަރުންނަށް އެހީތެރިވުމެވެ.
ނަމަވެސް އެ އެހީތެރިކަން ނުދެވި ގިނަ ދަރިވަރުންނަށް އެކަމުގެ އުނދަގޫ ތަހައްމަލު ކުރަން ޖެހެއެވެ. ސާނަވީ ތައުލީމް ނިމޭއިރުވެސް، ދެން އިތުރަށް ކުރިއަށް ދާނެ ރޮނގެއް އެމީހުންނަކަށް ނޭނގެއެވެ. އެކަމުގެ ސަބަބުން ގިނަ ދަރިވަރުން އެމީހުންގެ ދިރިއުޅުމުގެ އަހަރުތައް ބޭކާރު ގޮތުގައި ކިޔަވާ ހިތް ނުވާ އެއްޗެއް ކިޔެވުމުގައި ހޭދަކުރަން ޖެހެއެވެ.

ސްކޫލެއްގައި ދަރިވަރުންތަކަކަށް ކިޔަވައިދެނީ --- ސަން ފޮޓޯ
އެ މީހުން ކިޔަވާނެ އެއްޗަކާމެދު ޔަގީން ވަނީ އެހެން ދާއިރާތަކުން ކިޔެވުމުގައި އެތައް އަހަރެއް ނަގާލާ ފަހުންނެވެ. އޭގެ ސަބަބުން ރަނގަޅު ވަޒީފާއެއް ހޯދައިގެން ދެކޮޅު ޖެހޭ ދިރިއުޅުމެއް ހޯދުމަށް ކުރަން ޖެހޭ އިންތިޒާރު ވެސް ދިގުވެއެވެ.
"ހަގީގާތުގައި އަހަރެން ވެސް ތިން އަހަރު ހަމަ ދިޔައީ ބޭކާރަށް. އެންމެ ފަހު ސެމިސްޓާގަ ދޫކޮށްލީ ދެން އޭގެން ކުރިއަށް އިތުރަށް ނުދެވޭނެކަން ޔަގީންވީމަ. އޭގެ ފަހުން މިހާރު މިކިޔަވާ އެއްޗާ މެދުވެސް ޑައުޓު އިނދޭ. އަހަރެންނަށް މި ގޮތަށް ދިމާވި އެންމެ ބޮޑު ކަމަކީ ރަނގަޅު ގައިޑެންސް ނުލިބުން. އެއީ ރާއްޖޭގަ މިހާރު ލެކްވާ ކަމެއް. މިގޮތަށް އުޅޭ ކިތަންމެ ކުދިންނެއް އުޅޭ،" ގައުމީ ޔުނިވާސިޓީގައި ކިޔަވަމުންދާ މީހަކު ބުންޏެވެ.
އެކަން އެގޮތަށް ވަނީ ކަމާބެހޭ އިދާރާތަކުން ރަސްމީ ސިފައެއްގައި އެއްވެސް ވަރަކަށް އެކަން ނުކުރާތީ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެއީ ރާއްޖޭގެ ތައުލީމީ ދާއިރާއިން މަދުވާ، ނަމަވެސް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
އޭގެ އިތުރަށް، މިކަން ގިނަ މީހުންގެ ސަމާލުކަމަށް އަންނަނީ އެމީހަކަށް އެފަދަ ކަމެއް ކުރިމަތިވީމައެވެ. ނަމަވެސް އެއީ އެކަން އޮންނަން ޖެހޭ ގޮތެއް ނޫނެވެ. އެގޮތަށް އެކަންވާނަމަ އެކަމުގެ ނޭދެވޭ އަސަރު ވިސްނާލަން ނޭނގޭ ވަރަށް ބައެއް މީހުންނަށް ކުރެއެވެ.
އޭގެ ކުރިން ކިޔެވުމަށް އިޚުތިޔާރު ކުރާނެ ދާއިރާއެއް ކަނޑައެޅުމަށް އެހީތެރިވެ، މަގު ދައްކައިދެން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުގެ މަތީ ސާނަވީ ތައުލީމުގައި ސްޓްރީމް ކަނޑައަޅާއިރު ކެރިއާ ގައިޑެންސް ލިބެން ޖެހޭނެ ކަމަށް ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.
އެއީ އެކުދިންގެ ކިޔެވުމުގެ ކަންކަން ފަސޭހަ ކޮށްދީ، މަތީ ތައުލީމާ ހަމައަށް ދިއުމުގެ ކުރިން މުސްތަގުބަލުގައި ކިޔަވާނެ ދާއިރާއަށް އަމިއްލަ ނަފުސު ތައްޔާރުކުރުމަށް ވަގުތުވެސް ދިނުމުގެ ގޮތުންނެވެ. އަދި ކިޔެވުމަށް އިތުރު ބޭކާރު ޚަރަދެއް ވެސް ކުރަން ނުޖެހި ވީ އެންމެ އަވަހަކަށް އެމީހަކު އެންމެ ބޭނުންވާ ދާއިރާއަކުން ފުދުންތެރި ދިރިއުޅުމެއް ހޯދޭނެއެވެ.
"ސީދާ ނުބުންޏަސް ގްރޭޑް 10އެއް ނިންމުމުގެ ކުރިން ކުދިންނަށް ކެރިއާ ގައިޑެންސް ދިނުމަކީ މުހިއްމުކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން. އެއީ ކުދިންގެ މުސްތަގުބަލަށް އެންމެ ރަނގަޅު އަދި ފައިދާހުރި ގޮތް ވީމަ. އަދި މިޙާރު އަޅުގަނޑުމެންގެ ތެރޭގަ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމަކަށް ވެސް ވީމަ. ކުރިއަށްވުރެ މިހާރު މީހުން ވެސް ހޭލުންތެރިހެން ހީވޭ،" ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމެންޓްގެ ޑީން އަބްދުﷲ ނާފިޒް ވިދާޅުވިއެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މުހައްމަދު އަފުރާހު
ތައުލީމީ ދާއިރާގެ ބޭފުޅުންގެ ނަޒަރުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކެރިއާ ގައިޑެންސް ޕްރޮގްރާމުތައް ހިންގުމަކީ ކޮންމެހެން ކުރުން މުހިއްމު ކަމެކެވެ. އޭގެ ތެރެއިން މަތީ ތައުލީމް ފެށުމުގެ ކުރިން ކެރިއާ ގައިޑެންސްގެ މުހިއްމުކަން ވެސް އެ ޕްރޮގްރާމުގައި ކިޔައިދޭން ޖެހޭނެ ކަމަށް ތައުލީމީ ދާއިރާގެ ބޭފުޅުން ދެކިލައްވައެވެ.
ހަމައެއާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތައުލީމީ ގޮތުން ކުރިއަށް ދެވޭނެ ރޮނގުތަކާއި އެ ދާއިރާތަކުން ހުރި އިތުރު ފުރުސަތުތަކުގެ ވާހަކަވެސް ކިޔާދިނުން މުހިއްމު ކަމަށް އެބޭފުޅުން ދެކިލައްވައެވެ. އޭގެ ސަބަބުން ތައުލީމީ ގޮތުން އިޚުތިޔާރު ކުރާނެ ދާއިރާއެއް ނޭނގިގެން އުޅެން ޖެހުން ނިމުމަކަށް އަންނާނެ ކަމަށް އެ ބޭފުޅުން ދެކިލައްވައެވެ.
"އަޅުގަނޑުމެންނަށް އެކަން ފާހަގަވެގެން ކޮންމެ އަހަރަކު މިހާރު އެފަދަ ޕްރޮގްރާމުތައް ރާއްޖޭގެ ބޮޑެތި ސްކޫލުތަކުގައި އެމްއެންޔޫގެ ފަރާތުން ކުރިއަށް ގެންދަން. އެކަމު މިއީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެސް ދޭން ޖެހޭނެ އެހީތެރިކަމެއް. އެ ސްކޫލުތަކުން ނުވަތަ އެޑިއުކޭޝަން މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެއް. ކުރުން ކޮންމެހެން މުހިއްމުކަމެއް. އަޅުގަނޑުމެންނަށް ނޭނގިވެސް އެކަމުގެ ސަބަބުން ވަރަށް ގިނަ ކުދިންނަށް ތަކުލީފު ލިބޭ،" ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސިލާ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަރިވަރުންތަކެއް ---
އެހެން ގައުމުތަކުގައި ކޮންމެ އަހަރަކު ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ މިކަމުގެ މުހިއްމުކަން ރާއްޖޭގެ ގިނަ ބަޔަކަށް ވަރަށް ފަހަކާ ޖެހެންދެން ވެސް އޮތީ ނޭނގިއެވެ. އެންމެ ކުރިން ކެރިއާ ގައިޑެންސް ދިނުމުގެ މުހިއްމުކަން ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް މިހާރު ޒަމާނާއި ހާލަތު ވެސް ތަފާތެވެ.
އެހެންކަމުން ދަރިވަރުންނަށް އުޖާލާ މުސްތަގުބަލެއް ލިބުމުގެ މަގު ފަހިކޮށްދޭ ކަމަކަށް ކެރިއާ ގައިޑެންސް ވާއިރު އޭގެ މުހިއްމު ކަން އެނގިތިބެ، އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން އެކަމާ މެދު ރަސްމީކޮށް އަމަލުކުރާނެ ގޮތެއް ނިންމާނީ ކޮން އިރަކުތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.