މާއުނގޫދޫގައި ހޭންޑްބޯޅަ އާއި ފުޓްބޯޅައަށް ޚާއްސަ އެކަޑަމީއެއް ހުޅުވައިފި

ށ.މާއުނގޫދޫ ބައޯނިކް ކްލަބުން އެރަށުގައި ޤާއިމްކުރި ފުޓުބޯޅައާއި ހޭންޑްބޯޅަ އެކަޑަމީ ހުޅުވުމުގެ ތެރެއިން---

ށ. މާއުނގޫދޫ ބައޯނިކް ކްލަބުން އެރަށުގައި ފުޓުބޯޅައާއި ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންނަށް އެކަޑަމީއެއް ހުޅުވައިފިއެވެ.

މާއުނގޫދޫ ފުޓްސަލް ދަނޑުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެކަޑަމީ އިފްތިތާޙްކޮށްދެއްވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އެކަޑަމީ ކޯޗު އިބްރާހީމް ޝާފިއު (ޝާއްކޮ) އާއި ހޭންޑްބޯލް ޓްރެއިނަރު މުހައްމަދު އަސްލަމްއެވެ.

ދެ ޖިންސުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ހުޅުވި މި އެކަޑަމީ އަކީ މާއުނގޫދޫގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ކުޅިވަރުގެ އައު ޖީލެއް ބިނާކުރުމުގެ މަޤްސަދުގައި ހުޅުވުނު އެކަޑަމީއެކެވެ. އެގޮތުން އަންހެން ކުޅުންތެރިންނަށް ހޭންޑްބޯލް އަދި ފިރިހެން ކުޅުންތެރިންނަށް ފުޓުބޯޅަ ވަނީ ޚާއްސަކުރެވިފައެވެ.

ށ. މާއުނގޫދޫ ބައޯނިކް ކްލަބުން އެރަށުގައި ޤާއިމްކުރި ފުޓުބޯޅައާއި ހޭންޑްބޯޅަ އެކަޑަމީ ހުޅުވުމުގެ ތެރެއިން ---

މި ރަސްމިއްޔާތުގައި އެކަޑަމީގެ ކުދިންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ބައޯނިކް ކްލަބުގެ ރައީސް އުބައިދުﷲ މުހައްމަދު ވިދާޅުވީ، މިއަދު އިފްތިތާޙްކުރި އެކަޑަމީއަކީ މީގެ އެތަކެއް އަހަރެއް ކުރިން ދެކެމުން އައި ހުވަފެނެއް ކަމަށާއި މިއީ އެކުވެރިކަމާއެކު އެކީގައި މަސައްކަތްކުރާ ޓީމެއްގެ ބުރަ މަސައްކަތް ކަމަށެވެ. އެހެންކަމުން ބައޯނިކް ކްލަބުގެ ރައީސް ވަނީ ކްލަބުގެ ހުރިހާ މެންބަރުންނާއި ވަކިން ޚާއްސަކޮށް އެކަޑަމީގައި އުޅޭ ކުދިންގެ ބެލެނިވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

ހޭންޑްބޯލް ޓްރެއިނަރު އަސްލަމް ބުނީ، ކޮންމެ ކުޅިވަރެއް ކުޅުނު ކަމުގައި ވީނަމަވެސް އެ ކުޅިވަރަކުން ކުރިއަރާދާނީ ރިވެތި އަޚްލާގާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއެކު ކަމަށެވެ. އެގޮތުން ތަމްރީނުތައް ކުރިއަށްދާ ވަގުތު ތަކުގައި ކޯޗުން ކިޔައިދޭ ކަންކަމަށް ސަމާލުވުމަށް އޭނާ ވަނީ ބައިވެރިންނަށް އިލްތިމާސްކޮށްފައެވެ.

ށ. މާއުނގޫދޫ ބައޯނިކް ކްލަބުން އެރަށުގައި ޤާއިމްކުރި ފުޓުބޯޅައާއި ހޭންޑްބޯޅަ އެކަޑަމީ ހުޅުވުމުގެ ތެރެއިން---

ބައޯނިކް ކްލަބުގެ އެކަޑަމީގައި މިހާތަނަށް 94 ކުދިން ރެޖިސްޓްރީ ވެފައިވާއިރު، ފުޓުބޯޅަ އެކަޑަމީގައި 58 ކުދިން އަދި ހޭންޑްބޯޅައިގައި 36 ކުދިން ވަނީ ރެޖިސްޓްރީ ވެފައެވެ. މީގެ އިތުރުން އެކަޑަމީއަށް އިތުރު ކުދިން ވެއްދުމަށް އެ ކްލަބުން ދަނީ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

ށ.މާއުނގޫދޫ ބައޯނިކް ކްލަބުން އެރަށުގައި ޤާއިމްކުރި ފުޓުބޯޅައާއި ހޭންޑްބޯޅަ އެކަޑަމީ ހުޅުވުމުގެ ތެރެއިން---

ބައޯނިކް ކްލަބަކީ 2006 ވަނަ އަހަރުން ފެށިގެން މާއުނގޫދޫގައި ހަރަކާތްތެރިވަމުން އަންނަ ކްލަބެކެވެ. އެ ކްލަބުން އަންނަނީ ރަށުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ކުޅިވަރާއި މި ނޫންވެސް ރަށުގެ ޒުވާނުންނާ ގުޅޭ ކަންކަމުގައި އެންމެ ގާތުން ޝާމިލް ވަމުންނެވެ.

ށ.މާއުނގޫދޫ ބައޯނިކް ކްލަބުން އެރަށުގައި ޤާއިމްކުރި ފުޓުބޯޅައާއި ހޭންޑްބޯޅަ އެކަޑަމީ ހުޅުވުމުގެ ތެރެއިން---

ހަމައެއާއެކު، ބައޯނިކް ކްލަބުން އަންނަނީ އެ ރަށު ސްކޫލާއި އެހެނިހެންވެސް މުއައްސަސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ބައޯނިކުން ވަނީ ތަފާތު އެކި މުބާރާތްތަކުގައި ވާދަކޮށް ރަންވަނަތައްވެސް ހާސިލްކޮށްފައެވެ.

comment ކޮމެންޓް