ޖޭޕީގެ ލީޑަރު ގާސިމްގެ އެޑްވައިޒަރަކަށް ނިހާން އައްޔަންކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އެޑްވައިޒަރުގެ މަގާމަށް އައްޔަންކޮށްފައިވާ ނިހާން ހުސެއިން މަނިކު /ފޮޓޯ: ޖޭޕީ

ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު އައްޔަންކޮށްފިއެވެ.

އެމަގާމަށް ނިހާން އައްޔަންކޮށްފައިވާކަން ޖޭޕީން މިއަދު ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ގާސިމް އިބްރާހީމްގެ އެޑްވައިޒަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދާއި ވިލިފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދާއި އަލަށް އައްޔަންކުރި ނިހާންއެވެ.

ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރަކަށް ނިހާން އައްޔަންކޮށްފައިވާއިރު، މިއަހަރުގެ ރިޔާސީ އިންތިހާބާމެދު ގޮތެއް ނިންމުމަށް އެޕާޓީން ބާއްވާ ކޮންގްރެސް މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންގްރެސްގައި ޖޭޕީގެ ހިންގާ ގަވާއިދު އިސްލާހު ކުރާއިރު ޕާޓީގެ ލީޑަރުގެ ބަދަލުގައި ރައީސަކު އައްޔަން ކުރަން ގަވާއިދު އިސްލާހު ކުރުމަށް އަސާސީ ގަވާއިދަށް ބަދަލު ގެނައުމަށް އެޕާޓީން ވަނީ ނިންމާފައެވެ.

ނިހާން ސިޔާސީ މައިދާނަށް ނުކުންނަވާފައިވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއެކު ޑީއާރުޕީ އިންނެވެ. އެއަށްފަހު ޕީޕީއެމް އާ ގުޅިވަޑައިގަތުމަށްފަހު، ސަރުކާރު ބަދަލުވުމުން 2019 ވަނަ އަހަރުގެ އޮގަސްޓްމަހު އޭނާ ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.

ޖޭޕީއާ ގުޅުނީ ޕާޓީގެ ލީޑަރު ގާސިމް އާއި އެ ޕާޓީ އެހެން ހަރުފަތަކަށް ގެންދިއުމަށް ކަމަށާއި ޕާޓީގެ އެއްވެސް މަގާމެއް ބޭނުންނުވާ ކަމަށް ޖޭޕީއަށް ގުޅިވަޑައިގަތުމަށްފަހު ނިހާން ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައްޔާއި ސިޔާސީ ދާއިރާގެ ކުރީ ސަފުގައި މީގެކުރިން ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު، މިފަހުން ނިހާން ސިޔާސީ މައިދާނުގައި އެކްޓިވްކޮށް ފެނިގެން ގޮސްފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި އަމަލުކުރާނެ ވަކިގޮތެއް އަދި ހާމަކޮށްފައިނުވި ނަމަވެސް، މިހާރު އޮތް ސަރުކާރު ކޯލިޝަނުގައި ދެމި އޮންނާނެ ކަމަކަށް ގިނަ ފަރާތްތަކުން ގަބޫލުނުކުރެއެވެ. އެގޮތުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ގާސިމް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއަށް ތާއީދުކުރައްވާނެ އެއްވެސް ގޮތެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ދާދިފަހުން ވަނީ ވިދާޅުފައެވެ.

comment ކޮމެންޓް