ޖޭއެސްސީ ބަދަލުނުކުރަނީސް ޝަރުއީ ނިޒާމު މިނިވަން ނުވާނެ: އުޝާމް

ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް --- ފޮޓޯ / މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވައުދުވެވަޑައިގެންނެވި ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލުނުކުރައްވައި، ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ދެއްކެވުން ރަނގަޅު ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.

ޖުޑީޝަލް އަހަރު ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ޝަރުއީ ދާއިރާ މިހާރު ހިނގަމުން ދަނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ އިތުބާރު ޝަރުއީ ދާއިރާއަށް ލިބެމުން އަންނަ ކަމަށެވެ.

އެވާހަކަތަކަށް ރައްދުދެއްވައި އެމްއެންޕީގެ ނައިބު ރައީސް އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ އުޝާމް "ސަން"އަށް މިއަދު ވިދާޅުވީ ޝަރުއީ ނިޒާމަށް އޭގެ ފުރިހަމަ މާނައިގައި މިނިވަން ކަމާއެކު މަސައްކަތް ކުރެވޭނީ ފަނޑިޔާރުންނާ ގުޅޭ އެންމެހާ ކަންކަން ބެލުމުގައި އިންސާފުވެރިކަމާއެކު ކުރެވޭ ބަޔަކު ތިބެގެން ކަމަށެވެ. އެގޮތުން، ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބި ބަޔަކު ޖޭއެސްސީގައި ތިބެގެން ނޫނީ ޝަރުއީ ނިޒާމް ހަގީގަތުގައި މިނިވަން ނުވާނެ ކަމަށާއި، ޖޭއެސްސީ މިހާރު އެކުލަވާލާފައި އޮތްގޮތުން އެކަން އެހެންވާން ނެތް ކަމަށެވެ.

ސިޔާސީ ނުފޫޒު ޖޭއެސްސީއަށް ފޯރުވޭ މަގާމުތަކުގައި ސިޔާސީ ފަރާތްތައް އެބަތިބި. އެހެންވީމަ ޖުޑީޝަރީ ތެރޭގައި މަސައްކަތްކުރާ ފަނޑިޔާރުން ހަގީގަތުގައި ބިރުވެރިކަމެއްގެ ތެރޭގައި ތިބެނީ. ވޭތުވެ ދިޔަ ހަތަރު އަހަރެއްހާ ދުވަސް ތެރޭ އަޅުގަނޑުމެންނަށް ފެނިއްޖެ އެކި މަސައްލަތަކުގައި ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފަ، ބައެއް ފަނޑިޔާރުން ރިޓަޔާކޮށްފަ އަދި ބައެއް ފަނޑިޔާރުންގެ މައްސަލަތައް ނުބަލާ ވެސް އެބަތިބި. ސިޔާސީ ފަރާތްތަކުން ގަބޫލުކުރާ ގޮތަށް އަމަލުކުރާ ފަނޑިޔާރުންނާމެދު އަމަލުކުރާ ގޮތްވެސް ތަފާތު. ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް

އުޝާމް ވިދާޅުވީ، ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުވުމަކީ އެޖެންޑާ 19 މެނިފެސްޓޯގައިވެސް ހިމަނާފައިވާ ކަމަކަށް ވީ ހިނދު، ޖުޑީޝަރީ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތް އަދިއަދަށް ދާންދެންވެސް ކޮށްފައިނުވާ ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން މިހާރު އެކުލެވިގެންވާ ގޮތަށް ބަލާއިރު، މިހާރު އެކޮމިޝަނުގައި ތިއްބަވަނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ބަންޑާރަ ނައިބާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގާނޫނީ ވަކީލުންގެ ތެރެއިން ވަކީލެއްގެ އިތުރުން، ދަށު ކޯޓުތަކުގެ ފަނޑިޔާރަކާއި، ހައި ކޯޓު ފަނޑިޔާރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.

މިހާރު ޖޭއެސްސީ އެކުލަވާލާފައިވާ ގޮތުން އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރުވޭ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކޮށްފައިވެއެވެ. މިހާތަނަށް މިވެރިކަމުގައި ޖޭއެސްސީ އިސްލާހުކުރުމުގެ މަސައްކަތް ކޮށްފައިނުވާއިރު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ދެފަހަރެއްގެ މަތިން ޖޭއެސްސީ އިސްލާހުކުރުމަށް މަޖިލީހަށް ހުށަހެޅި ބިލްވެސް ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ނަމަވެސް ޖޭއެސްސީ އިސްލާހުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ފަށާފައިވާއިރު، އެ އިސްލާހު މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް