ރާއްޖެއިން ތުރުކީއާއި ސީރިއާއަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރަނީ

ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި އެގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ -- ފޮޓޯ/ އޭއެފްޕީ

ތުރުކީއާއި ސީރިއާގެ ރައްޔިތުންނަށް އެހީއެއްގެ ގޮތުގައި، އެއިން ކޮންމެ ގައުމަކަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރައްވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ މިއީ، އެ ދެ ގައުމަށް އައި ބިންހެލުމުން ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ރައީސް ނިންމެވި ނިންމެވުމެއްކަމަށެވެ.

"ރައީސް ނިންމެވި ނިންމެވުމެއް މިއީ. މި ކަން ކުރުމަށް ޓަކައި އަޅުގަނޑުމެން މި އަންނަނީ ތައްޔާރުވަމުން. ދެން ރައީސްވަނީ މި ދަނޑިވަޅާއެކު އެ ދެ ގައުމުގެ ވެރިންނަށް ވެސް ތައުޒިޔާ ރައްދަކުރައްވައި އަޅުގަނޑުމެންނަށް އެހީތެރިކަން ވެދެވެން އޮތް މިންވަރުން އެ ކަން ކޮށްދެއްވާނެކަމަށް ވިދާޅުވެފައި،" މިއުވާން ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ތުރުކީގެ ހުޅަނގު ދެކުނަށް އައީ ރިކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެކެވެ.

މިއީ ފާއިތުވީ 84 އަހަރުތެރޭ އެ ގައުމަށް ދިމާވި އެންމެ ބޮޑު ކާރިސާކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އެ ބިންހެލުން އައީ އެގައުމުގެ ގަޑިން، ފަތިހު 04:17 ގައެވެ.

ތުރުކީއާއި ސީރިއާއިން މިހާރު އަންނަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް އެ ދެ ގައުމުގައި ފިނިގަދަވުމުގެ ސަބަބުންނާއި ކަރަންޓުގެ ޚިދުމަތް ކެނޑެމުން ދިޔުމުގެ ސަބަބުން އެ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ.

މި ބިންހެލުމުގެ ސަބަބުން މިހާތަނަށް ތުރުކީއިން 18،900އަށްވުރެ ގިނަ މީހުން މަރުވެފައިވާކަންވަނީ ޔަގީންކުރެވިފައެވެ.

ސީރިއާއިން މަރުވި މީހުންގެ އަަދަދު 3،377 މީހުންނަށްވުރެ ގިނައެެވެ.

comment ކޮމެންޓް