ފާޙިޝް އަމަލުތައް ފަޚުރުވެރި އަމަލުތަކަށް!

ދަންވަރުގެ ޕާޓީއެއްގެ މަންޒަރެއް --- ފޮޓޯ/ހައުސްއޮފްފްރޭންކީ.ކޮމް

އަހަރެމެންގެ މި އިސްލާމީ މުޖުތަމައުގައި އާއްމުވެފައިވާ ފާފަތަކުގެތެރޭގައި ހިމެނޭ އެއްކަމަކީ ކައިވެނީން ބޭރުން ނަހަމަ ގުޅުންތައް ހިންގުމެވެ. ލަދެއް ހަޔާތެއް ނެތި ސިއްރާއި ފާޅުގައެވެ. ޚާއްޞަ ތަންތަނާއި އާއްމު ތަންތަނުގައެވެ. ފަހަކަށް އައިސް މިކަމަށް މަގުފަހިކޮށްދޭ ވިޔަފާރިވެރިން ގިނައެވެ. އަދި މި ނުބައި އަމަލަށް އާނބަސް ބުނެގެން ތިބޭ ބެލެނިވެރީން ގިނައެވެ.

ހިތާވެގެން އުޅޭކަމަށް ބުނާ ދެމީހުން އެކުގައި ބޭނުން އިރަކު ބޭނުން ތަނަކަށް ގޮސްއައިސްވުމުގައި އިމެއް ހައްދެއްނެތެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ތަންތަނަށެވެ. ރިޒޯޓުތަކާއި ގެސްޓުހައުސްތަކަށެވެ. މަންމައާއި ބައްޕަ ސިޓިން ރޫމުގައި ތިބޭއިރު، ކުރިމަތީން ގޮސް ދެކުދިން ކޮޓަރިއަށް ވަންނައިރު އެދެމީހުންނަށް ކަހެރުވަކެކޭވެސް ހީނުވާކަހަލައެވެ. އެއީ ފިކުރާވެގެން އުޅޭ ދެކުދީންނަށްވާތީ، މައިންބަފައިން އެކުދީން ކުރާ ކަންކަމަކާ ނުބެހެނީއެވެ. އެކުދީން ދެކެ ވާ ލޯބިން އެކުދީންގެ ޕްރައިވެސީ އަށް ހުރަސްނާޅަނީއެވެ. ނަމަވެސް ... ތިޔަ ހެދެނީ ރޯ ގޯހެކެވެ. ލޯ މަރައިލައިގެން ތިޔަ ތިބެވެނީ ނުބައިވެގެންވާ ކަމަކާ މެދުގައެވެ. އޭގެ ނަތީޖާއަކަށްވާނީ ދަރީން ދެދުނިޔޭން ގެއްލި ހަލާކުވެގެން ދިއުމެވެ.

ޝަރުޢީ ނައްޞުތަކުން އެނގޭގޮތުގައި، ހިލޭ ފިރިހެނަކާއި އަންހެނަކު މަޙްރަމަކާނުލައި އެކަހެރިވުމަކީ ޙަރާމްކަމެކެވެ.(متفق عليه) އަދި ހިލޭ އަންހެނަކާއި ފިރިހެނަކު އެކަހެރިވެއްޖެނަމަ، ނުބައި ކަމަށް ގޮވައިލުމަށް އެދެމީހުންނާއެކު ތިންވަނަ ފަރާތަކަށް ޝައިޠާނާ ހުންނާނެކަމަށް އަންގަވާފައިވެއެވެ.(އަޙްމަދު: 1/18) މިކަން މިގޮތަށް ކަނޑައަޅުއްވާފައިވަނީ ވަރަށް މަތިވެރި ޙިކުމަތްތަކަކަށްޓަކައެވެ. އަންހެނަކާއި ފިރިހެނަކާ ދެމެދު ހިންގޭ ޚާއްޞަ ގުޅުން ތަކުގެ އަސްލަކީ ޙަރާމްވެގެން ވުމެވެ. އެއިން ކަމެއް ހުއްދަވާނީ ކައިވެނީގެ ޢަޤުދުން ގުޅުނީމައެވެ. އެ ޢަޤުދުން ބޭރުން އެފަދަ ގުޅުމެއް ހިންގައިފިނަމަ އެއްގޮތެއްގައި އެވާނީ ޒިނޭއަށެވެ. އެއީ ޙައްދު ކަނޑައެޅިފައިވާ ބޮޑު ފާފައެކެވެ. އަނެއްގޮތެއްގައި އެވާނީ ބަދުއަޚުލާޤީ އަމަލަކަށެވެ. އެއީ ތަޢުޒީރީ އަދަބު ކަނޑައެޅޭ ފާފައެކެވެ. އެއީ ﷲ ގެ ކޯފާއާއި އަޒާބު ހައްގުވެދާފަދަ ނުބައި އަމަލުތަކެވެ. ހެޔޮލަފާ މީހުންގެ ނަފުރަތާއި ލަޢުނަތް ލިބި މީސްތަކުގެމެދުގައި ތިމާގެ އަގުވެއްޓޭފަދަ ދަށު ދަރަޖައިގެ ކަންކަމެވެ.

ހިތާވެގެން އުޅޭ ދެކުދީންނަށްވާތީ ނުވަތަ ދަރީންދެކެ ވާ ލޯބިންކަމަށް ބުނެ، ދަރީން ފާފަކުރަން ދުކޮށްލައިގެން ތިބޭ ބެލެނިވެރީން ވިސްނައިލާންޖެހެއެވެ. ﷲ ގެ ވަޙީބަސްފުޅުގައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا (ތަޙްރީމް: 6) "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ!" މިއާޔަތުން އެނގޭގޮތުގައި؛ ތިމާގެ އަމިއްލަ ނަފުސު ނަރަކައިން ސަލާމަތް ކުރުމަށް މަސައްކަތްކުރާ ފަދައިން ތިމާގެ އަހުލުވެރީންވެސް އެ ނަރަކައިން ސަލާމަތް ކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ. އެކަމަށްޓަކައި ތިމާގެ އާއިލާގެ މީހުންނަށް ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރަންޖެހޭނެއެވެ. އެބައިމީހުން އުޅޭނޫޅޭގޮތް ބަލައި، ތެދުމަގުން ކަސިޔާރުވާނަމަ ހަމަ މަގަށް އަޅުވަން މަސައްކަތް ކުރުން ލާޒިމުވާނެއެވެ. ދަރީންނަކީ އެންމެ ގާތް މީހުންކަމަށްވާތީ، އެމީހުންގެ މައްޗަށް އެފަދަ އިސްލާހީ އަމުރުތައް ހިންގުން އައުލާވެގެންވާނެކަމާމެދު ޝައްކެއްނެތެވެ.

ޒިނޭއާއި ބަދުއަޚުލާޤީ އަމަލުތަކާއި، ނުބައިކަމަށް މަގުފަހިކޮށްދޭ ނުބައި އަމަލުތައް ކުރުމަށް އެހީތެރިވެދޭ އެއްބަޔަކީ ވިޔަފާރިވެރީންނެވެ. މީގެ ފާޅުކަން ބޮޑު އެއްމިސާލަކީ ކާބޯތަކެތި ވިއްކާ ކެފޭ ފަދަ ތަންތަނުގައި އާއްމުވަމުން އަންނަ "އަނދިރި ކޮޓަރި" ތަކެވެ. ރީތިކޮށްލަންވެގެން، "ކަރޯކޭ ރޫމް" ނުވަތަ "ފެމިލީ ކަރޯކޭ" ފަދަ ނަމެއް ޖަހާފައި އޮވެދާނެއެވެ. ނަމަވެސް އެބުނާ ބައެއް ތަންތަނުގެ އެތެރޭގެ ހާލަތު، އެ ތަންތަނަށް ވަންނަ ޒުވާނުންގެ ދުލުން ކިޔައިދޭއިރު އަޑު އަހާލަން ފަސޭހައެއްނޫނެވެ. ދެޖިންސު މަސްހުނިވެގެން ލަވަކިޔައި ނަށަނީއެވެ. އޮޅުލައި ބަގުޑިލައިގެން މަޖާ ކުރަނީއެވެ. ޒާތް ޒާތުގެ ދުންތައް ބޮއެ ދުންއަރުވަނީއެވެ. މިހުންނަނީ ނުބައިކަން ބޮޑު ޝައިޠާނީ އަމަލުތަކެވެ. އެ ނުބައިކަމުގެ ތެރޭގައި ވަނިކޮށް ﷲ ގެ ކޯފާ އަތުވެދާނެފަދަ ނުރައްކާތެރި ކަންކަމެވެ. ﷲ އަށް ބިރުވެތިވާ ޞާލިޙު އަޅެއްނަމަ މިކަންކަމާމެދު ބިރުވެތިވެ ހިތާމަ ކުރާނެއެވެ. އެކަންކަން ހުއްޓުވޭނެ މަގެއް އޮތްތޯ ވިސްނާނެއެވެ.

ބަޔާންވެދިޔަ ވާހަކަތަކަކީ ބައެއްމީހުންނަށް މާގަޔާވާ ވާހަކަތަކެއްކަމުގައި ނުވެދާނެއެވެ. ނަމަވެސް މުސްލިމެއްވިއްޔާ ތިމާ ކުރާ ކޮންމެ ކަމަކީވެސް ﷲ ގެ ރުއްސެވުން އަދައިގެން ކުރެވޭ ކަމަކަށް ހެދުމަށް މަސައްކަތް ކުރާންޖެހޭނެއެވެ. ﷲ ތިމާއާ ހަވާލުކުރައްވާފައިވާ ދަރީންނަކީ ހެޔޮ ލަފާ ބައެއްކަމުގައި ހެދުމަށް މަސައްކަތް ކުރުމީ މައިންބަފައިންގެ ވާޖިބެކެވެ. ތިމާގެ ދަރިފުޅު ހިލޭ މީހުންގެ ތުންފުއްސަކަށްވުމަށް ދޫކޮށްލައިގެން ހުރުމީ އެ ދަރިފުޅު ދެކެ ލޯބިވުމެއްނޫނެވެ. އެއީ އެދަރިފުޅުގެ އިއްޒަތް ވެއްޔާ މޮޑެލުމެވެ. މަންމަ އައުރަ ނިވައިކޮށްގެން ދާއިރު އެއްފަރާތުގައި ހުންނަ ދަރިފުޅު އޮރިޔާމުން ބެހެއްޓުމީ އެ ދަރިފުޅު ނީލަން ކިއުމެވެ. އެއީ ނުބައި ޚިޔާލުގެ މީހުންނަށް ދެވޭ ދައުވަތެކެވެ. އެފަދަ މީހުންގެ ނުކިއްސަރު ބެލުންތައް އަމާޒުކުރުމަށް ހުޅުވައިލެވޭ ދޮރެކެވެ. މިކަން މިހެން ވިޔަނުދިނުމަށްޓަކައި ދުރާލާ ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރު މައިންބަފައިންނަށް ލިބިގެން ވެއެވެ. އެ ބާރުގެ ބޭނުންނުކުރުމުން، ދަރީން އުޅޭނެގޮތަކަށް އުޅެ ކުށްވެރި ފާޖިރުންނަށްވީމައި ދެން އެކަމާ ހިތާމަކުރުމުގެ ބޭނުމެއް ނޯންނާނެއެވެ.

ކާބޯ ތަކެތި ވިއްކުމާއި މީސްތަކުން ހިތްހަމަ ޖައްސައިލައި އުފާކުރެވޭނެފަދަ ޚިދުމަތްތައް ދިނުމަކީ އިސްލާމްދީނުގައި ހުއްދަ ކަންކަމެވެ. އަދި ކީއްހެއްޔެވެ؟ އެއީ ތަނެއްގައި ދިރިއުޅޭ އެންމެންގެ ހައްގުގައި ކޮންމެވެސް އެއްބަޔަކު އަދާކުރަންޖެހޭ ކިފާޔަތުގެ ފަރުޟެއްވެސްމެއެވެ. ނަމަވެސް މި ފަރުޟު އަދާކުރުމުގައިވެސް ތަބާވާންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. އެގޮތުން، ޙަރާމް ތަކެތި ވިއްކައި، ނުބައި ކަންކަމަށް މަގުފަހިކޮށްދޭފަދަ ޚިދުމަތްތައް ދީގެން ނުވާނެއެވެ. ޚިދުމަތް ދޭ ތަންތަނުގައި އެއްބައެއްގެ ފަރާތުން އަނެއްބަޔަކަށް އުނދަގޫވާކަމެއް ކުރާނަމަ އެކަމެއް ހުއްޓުވާންޖެހޭނެއެވެ. ދީނުގައި ޙަރާމްކަމެއް ނުވަތަ ޤާނޫނުން މަނާކޮށްފައިވާ ކަމެއް ކުރާނަމަ އަމުދުން އެކަމެއް ހުއްޓުވާންޖެހޭނެއެވެ. ތަނުގެ ވެރީންގެ އަތުގައި އެ ބާރު އޮންނާނެއެވެ. ނަމަވެސް ވިޔަފާރިއަށް ލޮޅުމެއް އަރާފާނެކަމުގެ ބިރުގައި އެ ބާރުގެ ބޭނުން ނުކުރާކަމީ ހިތާމަ ހުރި ކަމެކެވެ. ރިޒުޤު ދެއްވާ ފަރާތަކީ ﷲ އެވެ. އެކަލާނގެ ރުއްސެވުން ހޯދުމަށްޓަކައި އަޅާ ފިޔަވަޅަކުން ރިޒުޤު ބަންދެއްނުވާނެއެވެ. އެކަލާނގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ﷲ އަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒުޤު ދެއްވާނެތެވެ."(ޠަލާޤު: 2-3)

ގުޅޭ ޓެގު
comment ކޮމެންޓް