އެކްޓަރު ފަވާދު ޚާންއާއި ސަނަމް ސަޢީދުގެ ސީރީސް ބޭރުގެ ފެސްޓިވަލަކަށް

ޕާކިސްތާނުގެ އެކްޓަރު އަދި ހިންދީ ބައެއް ފިލްމުތައްވެސް ކުޅެފައިވާ ފަވާދް ޚާންގެ ކުރިއަށްއޮތް ސީރީސް "ބަރުޒަޚު" ބޭރުގެ ފިލްމު ފެސްޓިވަލެއްގައި ޕްރިމިއާކުރަން ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ކުންފުނި ޒީ އެންޓަޓެއިންމަންޓްގެ ޒިންދަގީ ޗެނަލްގެ މިވެބް ސިރީސް ޕްރިމިއާކުރާނީ ފްރާންސްގައި އަންނަ މަހު ބާއްވާ ސީރީސް މާނިއާ ފެސްޓިވަލުގައެވެ. ޕާކިސްތާނުގެ ޑްރާމާތަކަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާ އަނެއް އުފާވެރި ޚަބަރަކީ މިވެބް ސީރީސްއިން ފަވާދުއާއެކީ ބަތަލާ ސަނަމް ސަޢީދު ފެނިގެންދާ ޚަބަރެވެ.

ޕާކިސްތާނު ބަތަލާ ސަނަމް ސަޢީދަކީ، 2012ވަނަ އަހަރު ޕާކިސްތާނުގެ ހަމް ޗެނަލްއިން ގެނެސްދިން ވަރަށް ކާމިޔާބު ސީރީސް "ޒިންދަގީ ގުލްޒާރްހޭ"ގެ ބަތަލާއެވެ. ސަނަމްއާއެކު މި ސީރީސްއިން ފެނިގެންދިޔައީ އެކްޓަރު ފަވާދު ޚާންއެވެ.

ޕާކިސްތާނުގެ ހުންޒާ ނަމަކަށްކިޔާ ވާދީގެ ރީތި މަންޒަރުތައް ފެނިގެންދާ މިސީރީސްއަކީ، ސުޕަ ނޭޗުރަލް އެހެންނަމަވެސް ރީތި ލޯބީގެ ވާހަކައެއް ކިޔައިދޭނެ ސީރިސްއެކެވެ. "ބަރުޒަޚް"ގައި އެކްޓަރު ފަވާދު ޚާން ފެނިގެންދާނީ އެކަނިވެރި ބައްޕައެއްގެ ރޯލްއިންނެވެ. އަދި ދިރިއުޅުމުގައި އޭނާއަށް ގެއްލިފައިވާ އުފަލުން މަޙުރޫމްވެފައިވާ މީހެއްގެ ގޮތުގައެވެ.

އެއާ ޚިލާފަށް ސަނަމް ފެނިގެންދާނީ މާބޮޑު ވިސްނުމެއްނެތި ވަރަށް ހަމަޖެހިލާފައި ދިރިއުޅުމައިގެން ކުރިޔަށްދާ އަންހެނެއްގެ ރޯލްއިންނެވެ. އާސިމް އައްބާސް ޑައިރެކްޓްކޮށްފައިވާ މި ސީރީސްއަކީ، ކޮވިޑް-19އިގެ ދުވަސްވަރު ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ދިރިއުޅުމުގެ އެކި ތަޖުރިބާތަކުގެ ރަހަތައްވެސް އެކުލެވޭނެ ސީރީސްއެކެވެ.

ފަވާދުއާއި ސަނަމް ނުވަ އަހަރަށްފަހު އެކީގައި ފެނިގެންދާ މި ސީރީސްއާ ބެހޭގޮތުން ބަތަލާ ބުނެފައިވަނީ "ޒިންދަގީ ގުލްޒާރްހޭ"އަށްފަހުވެސް ދެ މީހުންގެ ގުޅުމަށް މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. ފަވާދާއި ސަނާ އެކީގައި މީގެ ކުރިންވެސް މަސައްކަތްކުރިއިރު ފަވާދަށް ވަރަށް އިޙުތިރާމް ކުރި ކަމަށާއި އެކަމަށް މިއަދާ ހަމައަށް ވެސް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ސަނާ ވަނީ ބުނެފައެވެ. ދެ މީހުންގެ ފިލްމީ ކެރިއަރަށް ވެސް ބޮޑެތި ކުރިއެރުންތައް ލިބިފައިވާކަމަށް ބުނެ ފަވާދު ވެސް ބުނެފައިވަނީ މިއީ ދެ ތަރިން އެކަކު އަނެކަކުގެ ފަރާތުން އާ ކަންތައްތަކެއް ދަސްކުރުމަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމުގައެވެ.

comment ކޮމެންޓް