ޗައިނާގެ ފުއްޕާހަމުގައި މުވާސަލާތީ ސިގްނަލްތައް މޮނިޓާ ކުރާނެ ޓެކްނޮލޮޖީ ހުރޭ: އެމެރިކާ

އެމެރިކާއިން ތަކުރާރުކޮށް ބުނަނީ ޗައިނާގެ ފުއްޕާހަމަކީ ޖާސޫސު ކުރަން ބޭނުންކުރާ ވަސީލަތެއް ކަމަށް -- ފޮޓޯ/ ގެޓީ

މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ޖެޓްތަކުން ވައްޓާލި ޗައިނާގެ ޖާސޫސީ ފުއްޕާހަމަކީ މުވާސަލާތީ ސިގްނަލްތައް މޮނިޓާ ކުރެވޭނެ ޓެކްނޮލޮޖީއެއް ހުރި ފުއްޕާހަމެއް ކަމަށް އެމެރިކާ ސަރުކާރުން ބުނެފިއެވެ.

އެމެރިކާގެ ވައިގެ ސަރަހައްދުގައި އެފަދަ ފުއްޕާހަން ހުރުމަކީ އެމެރިކާގެ ސިޔާދަތާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ސިފަކޮށްފައެވެ.

އެމެރިކާގެ ނޫހަކަށް ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މި ފުއްޕާހަމަކީ ސަވައިލަންސް އޮޕަރޭޝަންތައް ހިންގުމަށް ޗައިނާއިން އުފެއްދި ފްލީޓުގައި ހިމެނޭ ފުއްޕާހަމެއް ކަމަށާއި އެއީ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)އާ ގުޅިފައިވާ ފުއްޕާހަމެއް ކަމަށެވެ. އޮފިޝަލް ވިދާޅުވީ މި ފުއްޕާހަމަކީ އިލެކްޓްރޯނިކް ސިގްނަލްތަކަށް ޖާސޫސުކުރުމުގެ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން ލިބިފައިވާ ފުއްޕާހަމެއް ކަމަށާއި އެ ފުއްޕާހަން ފަސް ކޮންޓިނެންޓުގެ 40އަށް ވުރެ ގިނަ ގައުމަށް ދަތުރުކޮށްފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ވައިގެ ސަރަހައްދަށް ފުއްޕާހަން ވަނުމުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ދަނީ ވިސްނަމުންނެވެ. އޮފިޝަލް ވިދާޅުވީ ފުއްޕާހަން އެމެރިކާގެ ވައިގެ ސަރަހައްދަށް ވަނުމަށް ތާއީދުކުރި ޕީއެލްއޭއާ ގުޅުން ހުރި ޗައިނާގެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އެމެރިކާއިން ވިސްނާނެ ކަމަށެވެ. ނަމަވެސް އެމެރިކާއިން އަޅާނީ ކޮން ފިޔަވަޅުތަކެއް ކަމެއް ނުވަތަ ފިޔަވަޅު އަމާޒު ކުރާނީ ސީދާ ކޮން ބަޔަކަށް ކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.

ޗައިނާއިން އެމެރިކާއަށް އޮންލައިންކޮށް ޖާސޫސްކުރުމާއި ސައިބާ ހަމަލާތައް ދެމުން އަންނަ ކަމަށް އެމެރިކާއިން ތަކުރާރުކޮށް ތުހުމަތު ކުރަމުން އަންނަ އިރު، ޗައިނާއިން އެކަން ދޮގުކުރެއެވެ. އަދި ފުއްޕާހަމުގެ މައްސަލާގައި ދެ ގައުމުގެ ގުޅުން ވަނީ އިތުރަށް ހީނަރުވެފައެވެ.

އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ ފުއްޕާހަން ވައްޓާލީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް އެމެރިކާގެ ދިފާއުގައި ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގައުމީ ސަލާމަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެމެރިކާއިން އަޅަމުން ގެންދާނެ ކަމަށެވެ.

އެމެރިކާގެ ސަރުކާރާއި ޓެކް އިންޑަސްޓްރީ ގުޅިގެން އެގައުމުގެ ސައިބާ ޑިފެންސް ހަރުދަނާކުރުމަށާއި ޗައިނާ އާއި އެހެނިހެން ގައުމުތަކުން އެގައުމަށް ދޭ ކަމަށް ބުނާ ސައިބާ ހަމަލާތައް ހުއްޓުވުމަށް އެގައުމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޗައިނާގެ ފުއްޕާހަން ވައްޓާލުމުން އެމެރިކާ އާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ހަމަނުޖެހުންތަކެއް އުފެދި، ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދިދާނެ ކަމަށް ބެލެވެއެވެ. މި ހާދިސާއަކީ، ސައިބާ ޑޮމެއިންގައި އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާއި، ހަމަނުޖެހުންތައް ހުއްޓުވުމަށާއި ސައިބާސްޕޭސްގައި ހަމަޖެހުން ދެމެހެއްޓުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު