ބަތަލާ ސްރީ ދޭވީގެ ބައޮގްރަފީގެ ނަމަކީ، ''ދަ ލައިފް އޮފް ލެޖެންޑް''

އިންޑިއާގެ ސިނަމާގައި އެންމެ ނަން ވިދާލި ބަތަލާ ސްރީދޭވީގެ ޙަޔާތުގެ މައްޗަށް ބިނާކޮށް ބައޮގްރަފީއެއް ނެރެން ނިންމައިފިއެވެ.

އިންޑިއާގެ އެންމެ ކާމިޔާބު ޕަބްލިޝާ ވެސްޓްލޭންޑް ބުކްސްއިން ފޮތް ޕަބްލިޝްކުރުމުގެ ހުއްދަ ލިބިފައިވާ މިބައޮގްރަފީގެ ނަމަކީ، "ދަ ލައިފް އޮފް ލެޖެންޑް"އެވެ.

މި ބައޮގްރަފީ ލިޔުމުގެ ޒިންމާ ޙަވާލުވެފައިވަނީ ޓެލެވިޒަން ޕްރޮޑިއުސަރު/ޑައިރެކްޓަރު ދީރަޖް ކުމާރްއާއެވެ. "ދަ ލައިފް އޮފް ލެޖެންޑް"އިން ދީރަޖް ކުމާރު ލިޔުންތެރިކަމުގެ ދުނިޔެއަށް ތަޢާރަފްވާނެއެވެ. ދީރަޖްއަކީ ސްރީދޭވީގެ ޢާއިލާއާ ވެސް ވަރަށް ގާތްގުޅުމެއް އޮންނަ ޢާއިލާ ރަޙްމަތްތެރިއެކެވެ.

މި ބައޮގްރަފީއިން ބަތަލާ ސްރީދޭވީގެ ފިލްމީ ކެރިއަރުގެ މުހިއްމު އެތައް ވާހަކަތަކެއް ޢާއްމުންނަށް އެނގިގެންދާނެއެވެ. ހަމައެއާއެކު އަމިއްލަ ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް ވެސް "ދަ ލައިފް އޮފް ލެޖެންޑް" މެދުވެރިކޮށް ޢާއްމުންނާ ޙިއްސާކުރެވޭނެއެވެ. ފަސް ޤަރުނު ވަންދެން ބަތަލާ ސްރީދޭވީ ވަނީ ތަމަޅަ، ތެލުގޫ، މަޅަޔާލަމް، ކަންނާޑާ އަދި ހިންދީ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ.

ސްރީދޭވީ ކުޅެފައިވާ ފިލްމުތަކުގެ ޢަދަދު 300އަށްވުރެ ގިނަވާނެކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އިންޑިއާގައި ފަންނުވެރިންނަށް ދެވޭ އެންމެ ޝަރަފްވެރި ޕަދްމާޝްރީގެ އިތުރުން އިންޑިއާގެ ޤައުމީ އެވޯޑް ވެސް ބަތަލާ ވަނީ ޙާޞިލުކޮށްފައެވެ.

ސްރީދޭވީގެ ބައޮގްރަފީ ނެރުމާބެހޭގޮތުން ވާހަކަދައްކަމުން ސްރީދޭވީގެ ފިރިމީހާ މަޝްހޫރު ޕްރޮޑިއުސަރު ބޮނީ ކަޕޫރު ބުނެފައިވަނީ، ސްރީދޭވީއަށް އެންމެ ބޮޑު އުފަލެއް ލިބިގެންދާ އެއްކަމަކީ، ބެލުންތެރިންނަށް ފިލްމެއް ހުށަހަޅައިދެވުމުން ކަމަށެވެ. ނަމަވެސް އަންހެނުން ސްރީދޭވީއަކީ ވަރަށް ޕްރައިވެޓް ދިރިއުޅުމަކަށް ލޯބިކުރި ފަރާތެއް ކަމަށް ވެސް ބޮނީ ވަނީ ފާހަގަކޮށްފައެވެ. ދީރަޖް ކުމާރްފަދަ ޢާއިލާގެ ގާތް މީހަކު ސްރީދޭވީގެ ބައޮގްރަފީ ލިޔުމަކީ، ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް ބޮނީވަނީ ބުނެފައެވެ.

ސްރީދޭވީ މަރުވެފައިވަނީ 2018 ވަނަ އަހަރު ދުބާއީގައިއޮތް ޢާއިލީ ކައިވެނީގެ ޙަފްލާއަކަށް ގޮސްގެން އުޅެނިކޮށެވެ. ސްރީދޭވީގެ މަރަށްފަހު އެޢާއިލާއަށް ފުންހިތާމައަކާއި ކުރިމަތިލާންޖެހުނެވެ. ޚާއްޞަކޮށް ބޮނީ ކަޕޫރު ވަރަށް އެކަނިވެރިވިކަމަށާއި އެކަމުގެ އަސަރު ދެމަފިރިންގެ ދެ އަންހެން ކުދިންނަށް ވެސް ލިބުނުކަމަށް ޢާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.

ބޮނީ ކަޕޫރަށް ލިބުނު އެކަނިވެރިކަމުން އަރައިގަތުމުގައި އެންމެބޮޑު އެހީތެރިކަމެއް ވެދީފައިވަނީ ބޮނީގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިންނެވެ. ޚާއްޞަކޮށް ދޮށީ ދަރިފުޅު އަދި އެކްޓަރު އަރުޖުން ކަޕޫރު ވަނީ ސްރީދޭވީ މަރުވުމަށްފަހު އެ ޢާއިލާއާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފައެވެ. ސްރީދޭވީއާއި ބޮނީ ކަޕޫރުގެ ޖާންވީ ކަޕޫރަކީ މިހާރު ބޮލީވުޑްގެ ބަތަލާއެކެވެ. ޖާންވީގެ ފަހަތުން ޚުޝީ ކަޕޫރުވެސް ވަނީ ހިންދީ ސިނަމާއަށް ތަޢާރަފްވުމަށް ތައްޔާރުވެފައެވެ.

comment ކޮމެންޓް