މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޒަމާނީ އާ ވެބްސައިޓާއެކު އެ ކޯޕަރޭޝަންގެ އާ ލޯގޯ މިރޭ އިފުތިތާހުކޮށްފިއެވެ.
އެ ކޯޕަރޭޝަނަށް 15 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި މިރޭ އޮތް ޚާއްސަ ހަފުލާގައި އާ ލޯގޯއާއި ވެބްސައިޓްގެ އިތުރުން އެ ކުންފުނީގެ ހެޑް އޮފީސް ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިތާހުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އެމްޓީޑީސީގެ އާ ވެބްސައިޓު --
މިއީ 6،000 އަކަފޫޓަށްވުރެ ބޮޑު ބިމެއްގައި އަޅައި ހަތް ބުރީގެ އިމާރާތެކެވެ. މި އޮފީހުގައި މަލްޓި ޕާޕަސް ހޯލަކާއި، ޕާކިން އޭރިއާއަކާއި ޖިމަކާއި ބިޒްނަސް ލޯންޖެއްގެ އިތުރުން އޯޕަން އޭރިއާ ޓެރަހެއް ހުންނާނެއެވެ.
މި އޮފީސް އިމާރާތް ހުންނާނީ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގައެވެ. އެމްޓީޑީސީ ހެޑް އޮފީސް ޕްރޮޖެކްޓަކީ އަންނަ އަހަރަށް ނިންމަން މަސައްކަތްކުރާ ޕްރޮޖެކްޓެކެވެ.
މިރޭގެ ހަފުލާގައި ވާހަކަދައްކަވަމުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ މިރެއަކީ އެ ކުންފުނީގެ މުވައްޒަފުންނަށް ވަރަށް އުފާވެރި ރެއެއްކަމަށެވެ.

އެމްޓީޑީސީ ހެޑް އޮފީހުގެ ކުރެހުމެއް --
އޭނާ ވިދާޅުވީ އެމްޓީޑީސީ ވުޖޫދުވެގެން އައީ ޓޫރިޒަމްގެ މަންފާއާއި ނަފާ ހާސިލްކޮށްދިނުމަށް ކަމަށެވެ.
"މިއަދު އެމްޓީޑީސީއަކީ ރާއްޖޭގެ އެންމެ ހިއްސާދާރުން ގިނަ އަދި ދުވަހަކަށްވުރެ ދުވަހެއް ފައިދާ އިތުރުވާ ކުންފުންޏެއްކަމުގައި ދަންނަވަން. ޓޫރިޒަމް ސިނާއަތުގައި ފައިތިލަ ސާބިތުކުރެވޭނެ ވަރުގަދަ އަޒުމާއި ރޫހު ހުރި މުއައްސަސާއެއް. ހިއްސާދާރުންނަށް ފައިދާއާއި ނަފާ ލިބިދޭނެ ހާލުގައި އެ ގާބިލްކަމާއި ފެންވަރު ހުރި ކުންފުންޏެއް،" ތަޒްމީލް ވިދާޅުވިއެވެ.
އެމްޓީޑީސީގެ އަހަރީ ދުވަސް މިރޭ ފާހަގަކުރިއިރު އެ ކުންފުންޏަށް ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އަގުވަޒަންކުރުމުގެ އިނާމު މިރޭވަނީ ދީފައެވެ.