މާލާއަށް ދެއްކި އެކަކު ވެސް ރަނގަޅު ނުވޭ، ބޮޑު ފޭކެއް!

މާލާ ރާއްޖޭގައި: އޭނާގެ މައްސަލަ އަންނަނީ ބަލަމުން-- ފޮޓޯ: މާލާ ފޭސްބުކް

އަޑު އިވުމުން މަހްރޫމް ވެފައިތިބޭ މީހުންނާއި ވާހަކަ ނުދެއްކޭ މީހުން ރަނގަޅުކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ އިރާގުގެ ޑޮކްޓަރު މާލާ އަލީއަށް ދެއްކި މީހުންގެ ކިބައިގައި ހުރި އެއްވެސް ބައްޔަކަަށް އޭނާއަށް ދާއިމީ ފަރުވާއެެއް ހޯދައިދެވިފައި ނެތްކަމަށް އޭނާ ގާތަށް ފަރުވާ ހޯދަން ދިޔަ މީހުން ބުނަން ފަށައިފިއެވެ.

މިދިޔަ މަހުގެ 29ވަނަ ދުވަހު މާލާ ރާއްޖެ އައީ ޗުއްޓީ ހޭދަކުރުމަށްކަމަށް މާލާ ބުނި ކަމަށް އޭނާ ގާތަަށް ފަރުވާ ހޯދަން ދިޔަ ބައެއް މީހުން ބުންޏެވެ.

އެގޮތުން މާލާ އޭނާގެ ޓިކްޓޮކާއި ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުން ފެންނަނީ މަންމަން ކުއްޖަކު ރަނގަޅުކުރާކަމަށް ދައްކާ މަންޒަރެވެ. އެގޮތުން އެ ކުއްޖާގެ އަނގައިގެ ތެރެއަށް އޭނާގެ އިނގިލި ލުމާއި ކޮނޑުގައި ޖެހުން ފަދަ ކަންކަން ކުރުމުން އެ ކުއްޖާއަށް ވާހަކަ ދެއްކޭ ކަމަށް ދައްކައެވެ.

ކުއްޖާގެ ބައްޕަ ހާރިސް އަހްމަދު "ސަން"އަށް ކިޔައިދިން ގޮތުގައި މާލާގެ މުޅި އެ ވީޑިއޯއިން ވެސް ފެންނަނީ މުޅިން ހަގީގަތާ ޚިލާފު ކަންތައްތަކެވެ.

އެގޮތުން އެއްވެސް އިރެއްގައި އޭނާގެ ދަރިފުޅަކީ މަންމަން ކުއްޖެއް ނޫން ކަމަށާއި، އެފަދަ އެއްވެސް ނުކުޅެދުންތެރިކަމެއް އޭނާގެ ދަރިފުޅުގެ ކިބައިގައި ނެތްކަމަށް ބުންޏެވެ.

އެހެެންނަމަވެސް އޭނާގެ ދަރިފުޅަށް ބައެއް ފަހަރުތަކުގައި ރޫހާނީ ގޮތުން އެކި އުނދަގޫތައް ކުރިމަތިވަމުން އައިކަމަށް ބުންޏެވެ. އަދި އެ ކަމަށް ހައްލެއް ބޭނުންވެފައިވަނިކޮށް އިވުނީ މާލާ ރާއްޖެ އައިސް އުޅޭ ޚަބަރުކަމަށް ހާރިސް ބުންޏެވެ. އެހެންވެ އޭނާ ގާތަށް ދިޔައީ ރޫހާނީ ގޮތުން ކުރިމަތިވި އުނދަގޫތަކަށް ހައްލު ހޯދުމަށް ކަމަށް ހާރިސް ބުންޏެވެ.

"ދެން އެސްފީނާތޯ، ނޫނީ ހަސަދައިގެ ކަމެއްތޯ، އެކަހަލަ ކަމެއްވެ ރޭގަނޑު ނުނިދި ގަޔަށް އެއްޗެހި އަރާހެން ހީވެގެން އެގޮތަށް ރުގްޔާކޮށްގެން ފަރުވާ ކުރާތާ ވަަރަށް ދުވަސްވެއްޖެ. އެހެން ހުއްޓާ ޚަބަރު މި ލިބެނީ މީހަކު އަންނަ ވާހަކަ. ދެން ކޮންމެ މީހަކު ވެސް ބޭނުންވާނެ ދޯ ގޮތް ބަލައިލަން ދާން. އެ އުސޫލުން ދިޔައީ،" ހާރިސް ކިޔައިދިނެވެ.

އެ ދުވަހު އެ ތަނަށް ގޮސް ވެސް މާލާ ގާތު އެ ވާހަކަތައް ހިއްސާކުރިކަމަށާއި އެއްވެސް އިރެއްގައި މަންމަންވުން ފަދަ ނުކުޅެދުންތެރިކަމެއް ހުރިކަމަށް ބުނެފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.

އަދި އެންމެ ފުރަތަމަ ފަރުވާ ދޭން ފެށިއިރު ވީޑިއޯ ކުރަމުން އައިކަން ނާނގާ ކަމަށާއި އެކަން ވެސް ހާމަވީ މާ ފަހުން ކަމަށް ހާރިސް ބުންޏެވެ.

"އެ ވަގުތު އެ ތަން ހަމަ ފުރިފައި އޮތީ. އެހެންވެ ދަރިފުޅު ވެސް ހުރީ ހަމަ ބިރުން. ދެން އެގަޑީގައި ރޯން ވެސް ފަށައިފި ދަރިފުޅު. ދެން އޭނަ ހިތަށް އަރާނީ ވާހަކަ ނުދެއްކެނީކަމަށް. ދެން އެކަމު ވެސް ބުނިން މިއީ ނޯމަލް ކުއްޖެކޭ. އެކަމު ރެކޯޑިން ހެދިއިރު އެ އިންނަނަނީ އެ ހަދާފައި ލިޔެފައި ވާހަކަނުދެއްކޭ ކުއްޖަކަށް ވާހަކަ ދެއްކުނޭ. އެހެންވީމާ ފުރަތަމަ ވެސް އެ ގޯސްވީ،" ހާރިސް ކިޔައިދިނެވެ.

ހަމައެއާއެކު އިތުރަށް އޮޅުވާލުމަށް ވެސް ގިނަ ކަންތައްތަކެއް ކުރިކަމަށް އޭނާ ބުންޏެވެ.

"ދެން ހަަމަ އަޅުގަނޑުމެން ގޭގެ އަންހެނުންގެ ކޮއްކޮއެއް. މީ ހަމަ މަންމަނު އަންހެންް ކުއްޖެއް. އޭނާ ދިޔައީމައި ވެސް [ރަނގަޅުކުރިކަމަށް ބުނެ] ހަމަ ދޮގު ހެދީ. އޭނާއަށް ވާހަކައެއް ވެސް ނުދެއްކޭ، އަޑެއް ވެސް ނީވޭ. އެކަމު ހަމަ އިނީ އެތާ އަޑު އިވުނުކަމަށް ބަލައިފައި. އޭނާއަށް އެންމެ ގިނަ އިރުވީ ވެސް. އެކަމު ހަމަ އެއް ގޮތަކަށް ވެސް އަޑެއް ނީވޭ. އެކަމު އޭގައި ވެސް ހަމަ ލިޔުމުގައި އޮތީ އަޑު އިވުނު ކަމަށް،" ހާރިސް ބުންޏެވެ.

މާލާގެ ގާތުން ފަރުވާ ހޯދުމަށް ދާ އެއްވެސް މީހެއްގެ އަތުން އޭނާ ފައިސާއެއް ނުނަގައެވެ. އޭނާ ގާތަށް ދިޔަ މީހުން ގާތު އޭނާ ބުނި ގޮތުގައި އޭނާ ފަރުވާކޮށްދެނީ "ފީ ސަބީލިއްލާހި"އަށް ކަމަށެވެ.

ނަމަވެސް ވީޑިއޯ ނަގައި، މުޅީން ގޯސް ވާހަކައެއް ދައްކަނީ ވަކި ޕްރޮޕެގެންޑާއެއް ފެތުރުމުގެ ބޭނުމުގައިކަމަަށް އޭނާ ގާތަށް ދިޔަ މީހުން ތުހުމަތުކުރެއެވެ.

ހާރިސް ބުނި ގޮތުގައި އޭނާގެ ދޮށީ އަންހެން ދަރިފުޅުގެ ވީޑިއޯ ލީކުކޮށްލުމުން ނަފްސާނީ ގޮތުން ދަރިފުޅަށް ބޮޑު ގެއްލުމެއްވަނީ ވެފައެވެ.

"އަޅުގަނޑަށް ވެސް ހާހެއްހާ ފޯން ކޯލު އަތުވެއްޖެ. އަޅުގަނޑަކީ ރިސޯޓުގައި މަސައްކަތްކުރާ މީހެއް. މިހާރު ބޮޑު ހެޑޭކަކަށް ވެއްޖެ މިކަން. އަޅުގަނޑުގެ ދަރިފުޅު މިހާރު ސްކޫލަށް ދާން ބިރުން އެ އިންނަނީ. ކުދިން ކިޔައިފާނެ އެއްޗަކަށް. ގްރޭޑް ހަތެއްގައި އުޅޭ ސްކޫލަށް ގޮސް ކިޔަވާ ކުއްޖެއް އެއީ. ބަރާބަރު ކުއްޖެއް އެއީ،" ހާރިސް ބުންޏެވެ.

މިއީ މާލާ ގާތަށް ދިޔަ އެންމެންގެ ވެސް ތަޖުރިބާއެެވެ. މި ކަން އެންމެންގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި މާލާ މީހުންނަށް ފަރުވާ ދޭން އުޅޭ ވީޑިއޯތައް އާންމުވުމާއެކުގައެވެ.

https://sun.mv/173812

އެ ކަން ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އައިސް ސިއްހީ ފަރުވާ ދިނުމުގެ ހުއްދަ ނެތި، އެ ފަދަ ކަމެއް ކުރުމުން އޭނާގެ މައްސަލައާއި ކަން ހިނގައިދިޔަ ގޮތް އަންނަނީ ބަލަމުންނެވެ. ނަމަވެސް މިހާރު އޭނާ ރާއްޖެއިން ފުރައިފިއެވެ.

މީގެ ކުރިން ސައުދީ އަރަބިއާއިން ވަނީ މާލާ ޑީޕޯޓްކޮށްފައެވެ. އޭނާ ސައުދީން ޑީޕޯޓްކުރި ސަބަބެއްކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ، މަކަރާއި ހީލަތް ހެދުމެވެ.

comment ކޮމެންޓް