ޑރ. މާލާ އަލީ މަހުމޫދު، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ފަރުވާދިން މައްސަލަ ބަލަނީ

ޑރ. މާލާ އަލީ މަހުމޫދު (ކަނާތް ފަރާތުގައި)-- ފޮޓޯ/ ޑރ މާލާ ފޭސްބުކް ޕޭޖް

އަޑު އިވުމުން މަހްރޫމް ވެފައިތިބޭ މީހުންނާއި ވާހަކަ ނުދެއްކޭ މީހުން ރަނގަޅުކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ އިރާގުގެ ޑޮކްޓަރަކު ރާއްޖެ އައިސް ބައެއް މީހުންނަށް ފަރުވާދީފައިވާކަމަށް އަޑު ފެތުރިފައިވާތީވެ، ހެލްތު މިނިސްޓްރީން އެކަން ހިނގާ ދިޔަގޮތް ބަލަން ފަށައިފިއެވެ.

ހެލްތް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އާމިނަތު ޝަތުފާ "ސަން"އަށް ވިދާޅުވީ، ޑރ. މާލާ އަލީ މަހުމޫދު ރާއްޖެ އައިސް ބައެއް ދިވެހިންނަށް ފަރުވާ ދިންކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތް ހޯދުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

ޝަތުފާ ވިދާޅުވީ އޭނާ ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައިކަމަށް މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގޭކަމަށާއި، ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ހުއްދަ ނުނަގައި އެބާވަތުގެ ކަންކަން ނުކުރެވޭނޭކަމަށެވެ.

"ސޯޝަލް މީޑިއާގައި ވީޑިއޯތައް ދައުރުވާން ފެށުމާއެކު އެ ކަންތައް ބަލަމުން މިދަނީ. ހަމަ ގައިމުވެސް މިނިސްޓްރީން ހުއްދަ ނަގައިގެން އައިމީހެއް ނޫން އެއީ. އޭނާ ދިޔަކަމަށް ބުނާ ރަށެއް އަދި ފަރުވާ ދިންކަމަށް ބުނާ ބައެއް އަދި ނުހޯދިގެން މިއުޅެނީ،" ޝަތުފާ ވިދާޅުވިއެވެ.

ބަލިމީހަކު ރަނގަޅުކުރުމުން، ޑރ. މާލާ އަލީ މަހުމޫދަށް ދިވެއްސެއް ކަމަށް ބެލެވޭ މީހަކު ހަދިޔާ ދެނީ-- ފޮޓޯ/ ޑރ މާލާ ފޭސްބުކް ޕޭޖް

އޭނާ ވިދާޅުވީ އެކަމާ ގުޅޭގޮތުން އަދި މިހާތަނަށް އެއްވެސް މީހެއްގެ ޝަކުވާއެއް ލިބިފައި ނުވާކަމަށެވެ.

ޑރ. މާލާ އަލީ މަހުމޫދުގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން، މިދިޔަ މަހުގެ 29 ވަނަ ދުވަހު އޭނާ ވަނީ ރާއްޖެ އައިސްފައެވެ. އަދި އޭނާ ބައެއް ދިވެހިންނަށް ފަރުވާދިންކަން އޭނާގެ ފޭސްބުކް ޕޭޖަށް ލާފައިހުރި ފޮޓޯތަކުން ދޭހަވެއެވެ. މިގޮތުން ފަރުވާދިން މީހަކު ރަނގަޅުވުމުން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ޑރ މާލާ އަލީއަށް ހަދިޔާ ދޭ ފޮޓޯތަކެއްވެސް އޭނާގެ ފޭސްބުކް ޕޭޖުގައި ވަނީ އާއްމުކޮށްފައެވެ.

ޑރ. މާލާ އަލީ މަހުމޫދުގެ މައްސަލަ ބަލަން ފަށާފައިވާއިރު، އޭނާ މިހާރު ވަނީ ރާއްޖެއިން ފުރާފައެވެ.

މީގެ ކުރިން ސައުދީ އަރަބިއާއިން ވަނީ ޑރ މާލާ ޑީޕޯޓްކޮށްފައެވެ. އޭނާ ސައުދީން ޑީޕޯޓްކުރި ސަބަބެއްކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ، މަކަރާއި ހީލަތް ހެދުމެވެ.

comment ކޮމެންޓް