ތުރުކީއަށް ބިންހެލުން އަންނާނެކަން ލަފާކުރި ކަމަށް ބުނުމުން، ޔޫއެސްޖީއެސްއިން އެކަން ދޮގުކޮށްފި

ޑަޗް ރިސާޗަރެއް ކަމަށްވާ ފްރެންކް ހޫގާބީޓްސް

މިދިޔަ ހޯމަ ދުވަހު ތުރުކީއަށް ބާރުގަދަ ބިންހެލުން އައުމުގެ ކުރިން އެ ބިންހެލުން އަންނާނެ ކަމަށް ބަޔަކު ލަފާކުރި ކަމަށް ބުނާ ބުނުން, ގުދުރަތީ ކާރިސާތަކާ ބެހޭ މައުލޫމާތު ހޯދައި ހިއްސާކުރާ އެމެރިކާގެ ސަރުކާރުގެ އިދާރާ ކަމަށްވާ ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ދޮގުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ތުރުކީގެ ހުޅަނގު ދެކުނަށް އައީ ރިކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެކެވެ. މިއީ ފާއިތުވީ 84 އަހަރުތެރޭ އެ ގައުމަށް ދިމާވި އެންމެ ބޮޑު ކާރިސާކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާން ވަނީ ވިދާޅުވެފައެވެ.

ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އެ ބިންހެލުން އައީ އެގައުމުގެ ގަޑިން، ފަތިހު 4:17ގައެވެ.

އޭގެ ކުރިން، މި މަހުގެ ތިން ވަނަ ދުވަހު ނެދަލޭންޑްސްގެ ރިސާޗަރެއް ކަމަށްވާ ފްރެންކް ހޫގާބީޓްސް ކުރި ޓްވީޓެއްގައި، ތުރުކީއަށް 7.5 މެގްނިޓިއުޑަށް ވުރެ ބޮޑު ބިންހެލުމެއް އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އޭނާގެ ލަފާ ހަގީގަތަކަށްވެ ބިންހެލުން އައި ފަހުން، އޭނާގެ ޓްވީޓަށް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައެވެ.

ފުރަތަމަ ބިންހެލުން އައިތާ ކުޑައިރުކޮޅެއް ފަހުން، އިތުރު ބިންހެލުމެއް އަންނާނެ ކަމަށް ލަފާކޮށްވެސް ހޫގާބީޓްސް ޓުވީޓެއްކުރިއެވެ.

އެ ޓްވީޓަށް ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން ތުރުކީއަށް ދެވަނަ ފަހަރަށް ރިކްޓާ މިންގަނޑުން 7.6ގެ ބާރުމިނުގެ ބިންހެލުމެއް އައެވެ.

އެހެންނަމަވެސް ޔޫއެސްޖީއެސްއިން ވަނީ ބިންހެލުމަކީ ދުރާލާ ލަފާކުރެވޭނެ އެއްޗެއް ނޫން ކަމަށާއި އެފަދަ ވާހަކަތައް ގަބޫލުކުރުމުގައި ސަމާލުވުމަށް އެދިފައެވެ.

ޔޫއެސްޖީއެސްއިން ބުނީ މިހާތަނަށް އެއްވެސް ސައިންސްވެރިއަކަށް، ބޮޑު ބިންހެލުމެއް އަންނާނެ ކަމަށް ލަފާކުރެވިފައި ނުވާ ކަމަށެވެ.

ޔޫއެސްޖީއެސްގައި ބިންހެލުންތައް ދިރާސާކުރާ ސެއިސްމޮލޮޖިސްޓެއް ކަމަށްވާ ސޫޒަން ހޯފް ވިދާޅުވީ، ހޯމަ ދުވަހުގެ ބިންހެލުން އައި ސަރަހައްދަކީ އާންމުކޮށް ބިންހެލުން އަންނަ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން އެ ސަރަހައްދަށް ބިންހެލުން އަންނާނެ ކަމަށް ތަކުރާރުކޮށް ލަފާކުރުމުން، ބައެއް ފަހަރު އެކަން ހަގީގަތަށް ވާނެ ކަމަށް ދޭހަވާ ގޮތަކަށް ހޯފް ވާހަކަދެއްކެވިއެވެ.

"ތުރުކީގެ އެ ސަރަހައްދަކީ ބިންހެލުން އަންނަކަން އެނގޭ ސަރަހައްދެއް. އެ ސަރަހައްދުގެ ވާހަކަ އަޅުގަނޑުމެންނަށް އެނގޭއިރު މި ސައިޒުގެ ބިންހެލުން އައުމަކީ އެކަށީގެންވާ ކަމެއްކަންވެސް އެނގޭ،" ހޯފް ވިދާޅުވިއެވެ.

ތުރުކީގެ ހުޅަނގު ދެކުނަށް އައި ބިންހެލުމުގެ ގެއްލުން -- ފޮޓޯ/ ރޮއިޓާސް

ހޫގާބީޓްސް އަކީ ސޯލާ ސިސްޓަމް ޖިއޮމެޓްރީ ސާވޭ (އެސްއެސްޖީއޯއެސް) ކިޔާ ނެދަލެންޑްސްގެ ޖަމިއްޔާއެއްގައި މަސައްކަތް ކުރަމުންދާ މީހެކެވެ. އެސްއެސްޖީއޯއެސްއަކީ، ދުނިޔެއަށް އަންނަ ބިންހެލުތަކާ އެހެން ގުރަހަތަކާ އޮތް ގުޅުން ދިރާސާ ކުރާ ޖަމިއްޔާއެކެވެ.

ހޫގާބީޓްސް ކުރި ޓްވީޓާ ގުޅިގެން ބައެއް މީހުން ވަނީ އޭނާ އަކީ "ފޭކު ސައިންޓިސްޓެއް"ގެ ގޮތުގައި ލޭބަލްކޮށް، އޭނާ ކުރިން ލަފާކުރި ކަންކަމާ މެދު ވެސް ސުވާލު އުފައްދާފައެވެ.

ހޫގާބީޓްސް ވަނީ 2015 ވަނަ އަހަރު އެމެރިކާގެ ކެލިފޯނިއާއަށް 8.8 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ މަތީގެ ނުރައްކާތެރި ބިންހެލުމެއް އަންނާނެ ކަމުގެ އިންޒާރުދީފައެވެ. އެ އިންޒާރަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބި، އޭގެ ނުރައްކަލާ މެދު ބިރު އުފެދުނު ނަމަވެސް އެފަދަ ބިންހެލުމެއް އެ ދުވަސްވަރު ނާދެއެވެ.

ސެއިސްމޮލޮޖިސްޓުން ބުނާ ގޮތުގައި ހޯމަ ދުވަހު ތުރުކީއަށް އައި ފުރަތަމަ ބިންހެލުމަކީ އެގައުމުގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބޮޑު އެއް ބިންހެލުމެވެ. އެ ބިންހެލުން ތަޖުރިބާ ކުރި ބައެއް މީހުން ވަނީ ބިންހެލުމަށް ފަހު އިމާރާތްތައް ތެޅުން ހުއްޓުނީ ދެ މިނެޓް ފަހުން ކަމަށް ބުނެފައެވެ. ފުރަތަމަ ބިންހެލުމަށް ފަހު 7.5 މެގްނިޓިއުޑުގެ ބާރުމިނުގައި ދެވަނަ ބިންހެލުން އައީ 12 ގަޑިއިރު ފަހުންނެވެ.

ތުރުކީއާއި ސީރިއާއިން މިހާރު ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ދެ ގައުމުގައި ފިނިގަދަވުމުގެ ސަބަބުންނާއި ކަރަންޓުގެ ޚިދުމަތް ކެނޑެމުން ދިޔުމުގެ ސަބަބުން އެ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ.

ތުރުކީގެ ދެކުނުގެ ސަރަހައްދަކީ ފަރުބަދަތައް ވަރަށް ގިނަ އަދި ބިންހެލުންތައް ވަރަށް ގިނައިން އަންނަ ސަރަހައްދެކެވެ. ދޭތެރެއަކުން ކުދި ބިންހެލުންތައް އައިނަމަވެސް ފަހުގެ ތާރީޚެއްގައި އެސަރަހައްދަށް އެންމެ ބޮޑު ބިންހެލުމެއް އައިސްފައިވަނީ 1999 ވަނަ އަހަރެވެ. އެއަހަރު ރިކްޓާ މިންގަނޑުން 7.6ގެ ބާރުމިނުގައި އައި ބިންހެލުމުގައި 17,000 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވިއެވެ.

comment ކޮމެންޓް