ކ. ގުރައިދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު ފަތުހުﷲ ޖަމީލް މޫސާއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފައިވާ ސުލޫކީ މައްސަލަ ނުބަލަން އެ ކޮމިޝަނުން ނިންމައިފިއެވެ.
އޭނާއާ ގުޅޭ ގޮތުން މައްސަލައެއް ހުށަހަޅާފައި ވަނީ ޖިނާއީ އިޖުރާތުގެ ގާނޫނާ ޚިލާފުވެފައިވާކަމަށް ބުނެއެވެ.
އެ މައްސަލައާ ގުޅިގެން ޖޭއެސްސީން މިއަދު ބުނީ، އެ ކޯޓަށް ހުށަހެޅި، ގަޒިއްޔާއެއްގެ އަޑުއެހުމުގައި ދައުވާއަކަށް އިއުތިރާފުވެފައިވީ ނަމަވެސް، އެ ގަޒިއްޔާއަކީ އަވަސް ނިޔާގައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަން ނިންމައިފައި އޮތީ ގާނޫނާ ޚިލާފަށް ކަމަށް ބެލެވެން ނެތްކަމަށެވެ.
އެހެންކަމުން އެ މައްސަލަައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދަން ޖެހޭ ސަބަބެއް ނެތްކަމަށް މިދިޔަ މަހުގެ 29ވަނަ ދުވަހު ނިންމައިފައިވާކަމަށް އެ ކޮމިޝަނުންވަނީ ބުނެފައެވެ.
ފަނޑިޔާރުންނާ ގުޅޭ ތިން މައްސަލައެއް ޖޭއެސްސީއަށް ޖެނުއަރީ މަހުވަނީ ހުށަހަޅައިފައެވެ. މިދިޔަ ޑިސެމްބަރުގައި ހުށަހަޅައިފައިވަނީ ހަތަރު މައްސަަލައެެވެ.
އެފަދަ މައްސަލަތައް ބެލުމަށްފަހު ކޮމިޝަނުން އަންނަނީ ފަނޑިޔާރުންނަށް ނަސޭހަތް ނުވަތަ އިތުރު ތަމްރީން ދޭން ފެންނަ ނަމަ އެ ކަން ވެސް ކުރަމުންނެވެ.