ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ތެރޭގައި މުޅި ލޯމަތި ފަޅާލައި، ލިބުނު ލާއިންސާނީ އަނިޔާއަށް އަދިވެސް އިންސާފު ލިބިފައިނުވާތީ ގާނޫނީ ވަކީލު އަހުމަދު ތޯލިބުގެ ފަރާތުން އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅުއްވައިފިއެވެ.
މިއީ 2018ވަނަ އަހަރުގެ މާޗު މަހު ހިނގި ހާދިސާއެކެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި، އެސްއޯ ފުލުހުން އޭނާ ހައްޔަރުކޮށް، ގެންދިއުމުގެ ތެރޭގައި ވަނީ، ލޯމަތީ ކަކުލުން ޖަހާ އަނިޔާކޮށްފައެވެ.
އެ މައްސަލަ އެންއައިސީއަށް ހުށަހަޅުއްވަމުން ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި، އެ ދުވަހު ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ލޯ ހުރީ އެއްކޮށް ރަތް ވެފައެވެ. އަދި، މުޅި ލޯމަތި ހުރީ ދުޅަވެފައެވެ.
އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ތޯލިބު ވިދާޅުވީ މި ހާދިސާއަށް މިހާ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު ވެސް މިހާތަނަށް އިންސާފު ލިބިފައިނުވާ ކަމަށެވެ. އެހެންވެ، މި މައްސަލަ ހުށަހެޅީ މިފަދަ މައްސަލަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އެފަދަ ކަންކަން އިސްލާހު ކުރުމަށްޓަކައި ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށް އެފަދަ ފޮޓޯތައް ބޭނުންކުރި ކަމަށެވެ. އެކަމަކު، ވެރިކަން ބަދަލުވުމަށް ފަހުގައި ވެސް އިންސާފު ލިބިފައިނުވާތީ އެފަދަ މައްސަލަތަކަށް އަހައްމިއްޔަތުކަން ދޭ މިންވަރު ސާފުކުރަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
"ފުލުހުންގެ ތެރޭގައި އިންޓެގްރިޓީ ގެއްލިފައި ތިބޭ މީހުން ތިބުން. އެކަމަށް ކޮންމެވެސް ކަހަލަ ތަހުގީގެއް ކުރެވި، އެކަމުގެ ކޮޅު ހޯދެން ޖެހޭ،" ތޯލިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ގާނޫނެއް އެކުލަވާލައި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނެއް ވެސް އޮތް އިރު، އެފަދަ މައްސަލަތަކަށް ދޭން ޖެހޭ އަހައްމިއްޔަތުކަން ދޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންވެ، މި މައްސަލައަށް ނިމުމެއް އަންނާނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ސުވާލަކީ ޕޮލިސް ބުރޫޓާލިޓީގެ ސަބަބުން މީހަކު މަރުވީމާތޯ އޭ، މިފަދަ މައްސަލަތައް ހައްލު ކުރަން އުޅެންވީ؟" ތޯލިބު ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.
އެހެންވެ، އޭނާގެ ފަރާތުން މިއަދު ވަނީ އެ މައްސަލަ ބަލައިދީ، އިންސާފު ހޯދައިދިނުމަށް އެންއައިސީއަށް ހުށަހަޅުއްވައިފައެވެ.