ކިއު ސްޓަޑީގެ އެކްސްޕޯއަށް ކުޅުދުއްފުއްޓާއި އައްޑުއިން ބޮޑު ތަރުހީބެއް

ކިއު ސްޓާޑީ އިން ކުރިއަށް ގެންދިޔަ އެކްސްޕޯގެ ތެރެއިން --- ފޮޓޯ/ ކިއު ސްޓަޑީ

ދިވެހި ދަރިވަރުންނަށް މެލޭޝިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުން މަތީ ތައުލީމް ހާސިލްކުރުމަށް ފުރުސަތު ހުޅުވާލައި "ކިއު ސްޓަޑީ މޯލްޑިވްސް" އިން ފެށި ޚާއްސަ އެކްސްޕޯ ހދ. ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި ވެސް ބާއްވައިފިއެވެ.

ކިއު ސްޓަޑީ އާއި މެލޭޝިއާގެ އެންމެ ފެންވަރު ރަނގަޅު 40 ޔުނިވާސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ އެ އެކްސްޕޯ އެންމެ ފުރަތަމަ ބޭއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު މާލޭގެ މީރުމާ ހޯލްގައެވެ.

އޭގެ ފަހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު އައްޑޫ ސިޓީގައި ވަނީ އެ އެކްސްޕޯ ކުރިއަށް ގެންގޮސްފައެވެ. އަދި މިިދިޔަ މަހުގެ 30 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި ވަނީ އެ އެކްސްޕޯ ކުރިއަށް ގެންގޮސްފައެވެ.

ކިއު ސްޓާޑީ އިން ކުރިއަށް ގެންދިޔަ އެކްސްޕޯގެ ތެރެއިން --- ފޮޓޯ/ ކިއު ސްޓަޑީ

އެކަމާ ގުޅިގެން ކިއު ސްޓަޑީގެ ސީއީއޯ އަހުމަދު ޒައިން ނާޒިމް މިއަދު "ސަން" ވިދާޅުވީ، އެ އެކްސްޕޯގެ ދަށުން މެލޭޝިއާގައި ފައުންޑޭޝަން ލެވެލްއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ތައުލީމް ހާސިލްކުރުމާ ބެހޭ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ އެކްސްޕޯ ތިން ސަރަހައްދެއްގައި ބާއްވަން ނިންމީ ގިނަ ބަޔަކަށް ހުރި ރަނުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މާލޭގައި އަޅުގަނޑުމެން ބޭއްވި އެކްސްޕޯގެ ކޮންޓިނުއޭޝަންއެއް އައްޑޫ އަދި ކުޅުދުއްފުށީގައި ވެސް އޮތީ. ހަމަ އެ މައުލޫމާތުތައް ގިނަ ބަޔަކަށް ފޯރުކޮށްދެން ވެގެން. މިސާލަކަށް ބުނަންޏާ ކުޅުދުއްފުޓަކީ މީގެ ކުރިން ޓަޗް ނުކުރެވޭ މާކެޓަކަށް ވީމަ. ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މުހިއްމު ގިނަ މައުލޫމާތުތަކެއް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން،" އޭނާ ވިދާޅުވިއެވެ.

ޒައިން ވިދާޅުވިގޮތުގައި އެ އެކްސްޕޯއަށް ކުޅުދުއްފުއްޓާއި އައްޑޫއިން ވެސް ބޮޑު ތަރުޚީބެއް ލިބިފައިވާ ކަމަށެވެ.

ކިއު ސްޓާޑީ އިން ކުރިއަށް ގެންދިޔަ އެކްސްޕޯގެ ތެރެއިން --- ފޮޓޯ/ ކިއު ސްޓަޑީ

އެކްސްޕޯއާ ގުޅިގެން އޭނާ އިތުރަށް ވިދާޅުވީ ޔުނިވާސިޓީތަކުގެ މީހުންނާއި ދަރިވަރުންނާ ބައްދަލުވެ, އެމީހަކު ތައުލީމް ހާސިލްކުރުމަށް ޝައުގުވެރިވާ ދާއިރާއަކާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އެކްސްޕޯގައި ހުޅުވާލި ކަމަށެވެ. އަދި އެކްސްޕޯ ތެރެއިން ޔުނިވާސިޓީތަކުން ހުރި ސްކޮލަޝިޕްގެ ފުރުސަތުތަކާއި ވަގުތުން ޖާގަ ކަށަވަރު ކުރުމުގެ ފުރުސަތު ވެސް އެކްސްޕޯގެ ތެރެއިން ކުދިންނަށް ހުޅުވާލި ކަމަށް އޭނާ ވިދާޅުވިއެވެ.

ކިއު ސްޓަޑީން ބުނީ މިފަދަ އެކްސްޕޯއެއް ބޭއްވުމުގެ މަގުސަދަކީ ދަރިވަރުން ޔުނިވާސިޓީތަކުން ތައުލީމް ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް ކުޑަކޮށްދީ، ފަސޭހަކަމާއި އަވަސް ކަމާއެކު ކުދިންނަށް ކިޔެވުމުގެ ކަންކަން ހަމަޖެހިގެން ދިއުން ކަމަށެވެ. އަދި ޔުނިވާސިޓީތަކުގެ ބޭފުޅުންނާ ބައްދަލުވެ ގާތް ގުޅުމެއް އުފެދި، އެކުދިން ޚިޔާރުކުރާ ތަނަކީ އެންމެ އެކަށީގެންވާ ފެންވަރު ރަނގަޅު ޔުނިވާސިޓީކަން ޔަގީންކޮށްދިނުން ކަމަށްވެސް ކިއު ސްޓަޑީން ވަނީ ބުނެފައެވެ.

ކިއު ސްޓާޑީ އިން ކުރިއަށް ގެންދިޔަ އެކްސްޕޯގެ ތެރެއިން --- ފޮޓޯ/ ކިއު ސްޓަޑީ

އެ އެކްސްޕޯގައި ޖުމްލަ 40 ޔުނިވާސިޓީއެއް ބައިވެރިވެފައިވާއިރު، އަށް ޔުނިވާސިޓީގެ ބޭފުޅުން އަމަލީ ގޮތުން ވަނީ އެ އެކްސްޕޯގައި ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް