ބައެއް ފުލުހުން ''ހިންދީ ތިކި'' ޖެހުމަކީ ނުރައްކަލެއް: އިލްމުވެރިން

ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން "ހިންދީ ތިކި" ޖެހި ކަމަށް ބުނެ ދައުރު ކުރަމުންދާ ވީޑިއޯއާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތަކެއް ހިމެނޭހެން ހިންގާ އެ ޖަމިއްޔާއިން މިއަދު އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ފުލުހުންގެ އިދާރާގެ ބައެއް މުވައްޒަފުން، އިންޑިއާގައި ކުރިއަށް ގެންދެވުނު ހަރަކާތެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއްގައި ނިއްކުރީގައި ހިންދީ ތިކި ޖަހާފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި އެ އަމަލު ހިނގާފައިވަނީ ފުލުހުންގެ ރަސްމީ ޔުނީފޯމުގައި ކަމަށް ވެފައި، ފުލުހުންގެ އިދާރާއިން އެ ކަމަށް މަޢާފަށް އެދި، އެފަދަ އަމަލުތައް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އަރުވާފައިނުވުމަކީ މުޖުތަމައަށް ވަރަށް ނުރައްކާތެރި، ބިރުވެރި މެސެޖެއް ދެވިގެން ދިޔަ ކަމެކެވެ.

"އަޅުގަނޑުމެންނަށް ފާހަގަވެގެން ދިޔަ ކަމަކީ، އިސްލާމް ދީނާ ހިލާފު، އެހެން ދީންތަކުގެ އަގީދާއާ ގުޅޭ އެފަދަ ކަންކަމާ މެދު ފުލުހުންގެ މުއައްސަސާގައި ދީނީ ގޮތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށެވެ." އެ ސިޓީގައި ވެއެވެ.

ފުލުހުންނަކީ އިސްލާމް ދީނުގެ އަސާސްތައް ދަމަހައްޓާ، އިސްލާމީ ޝަހްސިއްޔަތު ދަމަހައްޓާނެ ބަޔަކަށް ހެދުމަށްޓަކައި އިތުރު މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށް އިލްމުވެރިންގެ ގުޅުމުން ވަނީ ބުނެފައެވެ. އެހެންވެ، ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޕްރޮގްރާމްތައް އިތުރުކޮށް، އެ ޕްރޮގްރާމްތަކުގައި އެ ޖަމިއްޔާގެ ދައުރު އިތުރުކޮށްދިނުމަށް ވަނީ އެދިފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މުއައްސަސާއަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، އެ މުއައްސަސާއިން މިކަމާ ގުޅިގެން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލާ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޖަވާބެއް އަރުވައިފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް