ޑެލްއިން ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

ޑެލް ޓެކްނޮލޮޖީސްއިން ވަނީ ގާތްގަނޑަކަށް 6،650 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފަ --

ޕާސަނަލް ކޮމްޕިއުޓަރުތަކަށް އޮތް ޑިމާންޑް ދަށަށް ދާތީ, ޑެލް ޓެކްނޮލޮޖީސްއިން އެ ކުންފުނީގެ ގާތްގަނޑަކަށް 6،650 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.

އެ ކުންފުނީގެ ގިނަބަޔަކަށް ވަޒީފާ ގެއްލުމުގެ ސަބަބަކަށް ވެފައިވަނީ މިހާރުގެ ބާޒާރުގެ ހާލަތާއި މުސްތަގުބަލަށް އޮތް ނުތަނަވަސްކަމެވެ.

ޑެލްގެ ކޯ ޗީފް އޮޕަރޭޓިން އޮފިސަރު ޖެފް ކްލާކް ނެރުނު މެމޯއެއްގައި ވާގޮތުން އެ ފިޔަވަޅު އަޅަނީ، ކުންފުނީގެ ޚަރަދު ކުޑަކުރުމަށް ޓަކައި އަލަށް މީހުންނަށް ވަޒީފާ ދިނުން ހުއްޓާލުމާއި ދަތުރުފަތުރު ކުރުން މަދުކުރުން ފަދަ ފިޔަވަޅުތައް ވެސް މީގެ ކުރިން އެޅުމަށް ފަހުގައެވެ.

އެ ކުންފުނީގެ ތަރުޖަމާނު ވިދާޅުވީ ވަޒީފާތައް މަދުކުރުމަކީ ކުންފުނީގެ ޚަރަދުތައް ކުޑަ ކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށެވެ. މައިކްރޮސޮފްޓް، އެމެޒޯން، ގޯލްޑްމަން ސޭކްސް އަދި އަލްފަބެޓް ފަދަ ގިނަ ކުންފުނިތަކުން ވެސް ފާއިތުވި މަސްތަކުގައި ގިނަ ބަޔަކު ވަޒީފާއިން ކަނޑާލާފައިވާ އިރު، ޑެލް އަކީ މިފަދަ ގޮތަކަށް ގަނޑުކޮށް ގިނަބަޔަކު ވަޒީފާއިން ވަކިކުރާ ހަމައެކަނި ޓެކްނޮލޮޖީ ކުންފުންޏެއް ނޫނެވެ.

އަލްފަބެޓް އިން މިދިޔަ މަހު 12،000 ވަޒީފާ ހުސްކޮށްފައިވާއިރު، އޭގެ އަސަރު އެ ކުންފުނީގެ އިންޖިނިއަރިން، ޕްރޮޑަކްޓްސް އަދި ރެކްރޫޓިން ދާއިރާތަކަށް ވެސް ކޮށްފައިވެއެވެ.

މިދިޔަ މަހު ސްޕޮޓިފައިއިން އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ހަ ޕަސެންޓް މީހުން ކަނޑާލަން ނިންމާފައިވާ އިރު މައިކްރޮސޮފްޓްއިން ވަނީ 10،000 ވަޒީފާ އުވާލަން ނިންމާފައެވެ.

އެމެރިކާގައި އެންމެ ގިނައިން ވަޒީފާއިން ގަނޑުކޮށް މީހުން ވަކިކުރާ ދެވަނަ ދާއިރާއަކަށް ޓެކްނޮލޮޖީ ކުންފުނިތައް ވެފައިވާއިރު، އެމެރިކާގައި ވަޒީފާއިން ވަކިކުރުމުގެ ރިޕޯޓް ފާއިތުވި ދެ އަހަރުގައި އެންމެ މައްޗަށް ގޮސްފައިވަނީ މިދިޔަ ޖެނުއަރީ މަހު ކަމަށް ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.

އިންފްލޭޝަން މަތިވެ، އިންޓްރެސްޓް ރޭޓް މަތިވެފައިވާ މި އިގްތިސާދީ މާހައުލުގެ ސަބަބުން އާންމުންނާއި ކުންފުނިތަކުން ޚަރަދު ކުރާ މިންވަރު ދަށްވެ، ކުންފުނިތަކުން ކުރާ ޚަރަދާއި މަސައްކަތުގެ މާހައުލަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށް ދިރާސާވެރިން ބުނެއެވެ.

ޑެލް ޓެކްނޮލޮޖީސް އަކީ މައިކަލް ޑެލް 1984 ވަނަ އަހަރު އުފެއްދި މަލްޓިނޭޝަނަލް ޓެކްނޮލޮޖީ ކޯޕަރޭޝަނެކެވެ. ކުރިން ޕީސީސް ލިމިޓެޑްގެ ނަން ދީފައިވާ މި ކުންފުނި ފެށީ އެމީހުންގެ އަމިއްލަ ކޮމްޕިއުޓަރުތައް ސީދާ ކަސްޓަމަރުންނަށް ވިއްކާ ކޮމްޕިއުޓަރު ރީޓެއިލަރެއްގެ ގޮތުގައެވެ.

ނުވަދިހައިގެ އަހަރުތަކުގައި ޑެލް އަކީ ދުނިޔޭގެ އެންމެ ބޮޑު ޕީސީ އުފައްދާ އެއް ކުންފުންޏަށްވެ، އެ ކުންފުނީގެ އުފެއްދުންތައް އިތުރުކޮށް، ސާވާ، ސްޓޯރޭޖް، ނެޓްވޯކިން އަދި ސޮފްޓްވެއާތައް ވަނީ ވަރަށްބޮޑަށް މަޝްހޫރުވެފައެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެ ކުންފުނިން ވަނީ އީއެމްސީ ކޯޕަރޭޝަން ގަތުމުގެ އިތުރަށް އެހެން ކުންފުނިތައް ވެސް ގަނެ، މި ދާއިރާއިން ކުރި ހޯދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު