ޓެލެގްރާމްގެ އެންމެ ފަހުގެ އަޕްޑޭޓާއެކު މެސެޖު ވަގުތުން ތަރުޖަމާ ކުރެވޭނެ

ޓެލެގްރާމްގެ އާ އަޕްޑޭޓާއެކު މެސެޖުތައް ވަގުތުން ތަރުޖަމާ ކުރެވޭނެ -- ފޮޓޯ/ ފޯންއެރީނާ

ޓެލެގްރާމްގައި ތަފާތު ބަހުން ވާހަކަ ދައްކާ މީހުންގެ މެދުގައި މުއާމަލާތްތައް ކުރުން ފަސޭހަކުރުމަށް ޓަކައި އާ ފީޗާއެއް ތައާރަފުކޮށްފިއެވެ.

ޓެލެގްރާމްއިން މިއަހަރު ނެރުނު އެންމެ ފުރަތަމަ އަޕްޑޭޓްގައި ހިމެނޭ އެއް އައު ފީޗާއަކީ މެސެޖުތައް ވަގުތުން ތަރުޖަމާ ކުރެވުމެވެ. އެގޮތުން، އެމީހެއްގެ ފޯނުގައި 'ޑިފޯލްޓް ލެންގުއޭޖް'ގެ ގޮތުގައި ކަނޑައަޅާފައިވާ ބަސް ނޫން އެހެން ބަހަކުން މީހަކު މެސެޖު ކޮށްފިނަމަ އެ މެސެޖުގެ މަތީގައި 'ތަރުޖަމާ ކުރަން' ޚިޔާރު ކުރެވޭނެއެވެ. އެ ފީޗާއިން ވަގުތުން ވަގުތަށް މެސެޖު ތަރުޖަމާ ކުރެވޭނެއެވެ.

ޓެލެގްރާމްގެ ޕްރީމިއަމް ސަބްސްކްރައިބަރުންނަށް ގްރޫޕްތަކާއި ޗެނަލްތަކުގައި ވެސް އެ ފީޗާ ލިބެން ހުންނާނެއެވެ.

ޓެލެގްރާމް ބޭނުން ކުރާ ފަރާތްތަކުން ވަނީ ދަތުރެއް ރޭވުން ފަދަ ކަންކަމުގައި އެ ފީޗާ މުހިންމު ވާނެ ކަމަށް ބުނެފައެވެ. އެގޮތުން އެ މީހަކު ޒިޔާރަތްކުރަން ރާވާފައިވާ ސިޓީގެ ޗެނަލަކާ ގުޅި، އެފަދަ ސިޓީއެއްގެ މީހުން ވާހަކަ ދައްކާ ބަހަކުން ދައްކާފައިވާ ވާހަކަތައް އެމީހަކަށް މޭރުން ނުވާނަމަ ވަގުތުން ތަރުޖަމާކޮށްގެން އަމިއްލަ ބަހުން ކިޔާލެވޭނެއެވެ.

މި ފީޗާއާއެކު ޓެލެގްރާމްއިން ވަނީ ޕްރިމިއަމް ޚިދުމަތަށް އަހަރީ ފައިސާ ދެއްކޭނެ އާ އޮޕްޝަނެއް ވެސް ތައާރަފުކޮށް، މުޅި އަހަރަށް ޚިދުމަތް ބޭނުން ކުރާ ނަމަ 40 ޕަސެންޓާ ހަމައަށް ފައިސާ ރައްކާ ކުރެވޭނެ ގޮތްވެސް މިހާރު ހަދައިފައެވެ.

ތަރުޖަމާ ކުރެވޭ ފީޗާގެ އިތުރުން ޓެލެގްރާމުން ވަނީ ސްޓިކާ އާއި އިމޯޖީ، ޕްރޮފައިލް ޕިކްޗާތަކަށް ބަދަލުކުރެވޭނެ ވަސީލަތެއް ވެސް އިތުރުކޮށްފައެވެ. އަދި ގިނަ އަދަދެއްގެ ސްޓިކާ އާއި އިމޯޖީތައް ކެޓަގަރީތަކަށް ބަހާލައިގެން ތަރުތީބު ކުރުމަށް ވެސް އެ ކުންފުނިން ވަނީ ފަސޭހަކޮށްދީފައެވެ. އަދި ބައެއް އިމޯޖީގެ އާ އިންޓަރެކްޓިވް ވާޝަންތައް ވެސް ހުރިއިރު، އެ ކުންފުނިން ވަނީ އާ 10 ކަސްޓަމް އިމޯޖީ ޕެކް ނެރެފައެވެ.

މި އަޕްޑޭޓްގައި އެ މީހަކު ގެންގުޅޭ ފޯނާ ގުޅުން ހުރި ފީޗާއެއް ވެސް ގެނެސްދެއެވެ. އެގޮތުން ރީޑިޒައިންކޮށްފައިވާ ނެޓްވޯކް ޔޫސޭޖް ޓޫލްއަކާއި، ޓެލެގްރާމްއިން މޮބައިލް، ވައިފައި އަދި ރޯމިން ބޭނުންކުރާ މިންވަރު ދައްކައިދޭ ޓެބްތަކާއެކު ޕައި ޗާޓެއް ދައްކައިދެއެވެ.

މީގެ އިތުރުންވެސް ޓެލެގްރާމްއިން ވަނީ 'އޮޓޮމެޓިކް މީޑިއާ ޑައުންލޯޑް' ސެޓިންތައް ވެސް ބަދަލުކޮށް، އެ އެޕްލިކޭޝަނުން އޮޓޮމެޓިކުން ފޯނުގެ ސްޓޯރޭޖަށް ސޭވްކުރާ މީޑިއާގެ ބާވަތާއި ސައިޒަށް ބަދަލު ގެނައުމުގެ އިޚްތިޔާރު މީހުންނަށް ދީފައެވެ.

އެންމެ ފަހުގެ އަޕްޑޭޓް މިހާރު ލިބެން ހުރި ނަމަވެސް، ހުރިހާ ކަސްޓަމަރުންނަށް މިފީޗާތައް ލިބެން ދުވަސްކޮޅެއް ނަގާފާނެއެވެ.

comment ކޮމެންޓް