ރާއްޖޭގެ ވައި އެއްކޮށް ސާފުވާން ފަށާނީ މެއި މަހު

--ސަން ފޮޓޯ/ ފަޔާޒު މޫސާ

އިރުވައި މޫސުމާ ދިމާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ނުސާފުވުމަށްފަހު އެއްކޮށް ސާފުވާން ފަށާނީ އަންނަ މެއި މަހު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ވަޔާއެކު ރާއްޖެއާ ހަމައަށް ހިރަފުހާއި ދުން އައުމުގެ ސަބަބުން މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވަނީ ވަރަށް ބޮޑަށް ވައި ނުސާފުވެފައެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ވައި ނުސާފުވުމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ދުރު ފެންނަ މިންވަރު ހަތަރު ކިލޯމީޓަރަށްވެސް ދަށްވެފައިވެއެވެ.

"ސަން" އާ ވާހަކަދައްކަމުން މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ވައި ނުސާފުވާން މެދުވެރިވަނީ ވައި ޖެހޭ މިސްރާބުގެ ގޮތުން ކަމަށާއި، ފާއިތުވި ދެ ދުވަހު ކޮންމެވެސް ވަރަކަށް ވައި ސާފުވުމަށްފަހު އަނެއްކާވެސް ވައި ނުސާފުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ވޭތުވެ ދިޔަ ދެ ދުވަހު ކޮލަމްބޯ ކައިރީގައި އުފެދިފައިވާ ތޫފާނުގެ ސަބަބުން ވައިގެ މިސްރާބު ކޮންމެވެސް ވަރަކަށް ބަދަލުވީ ނަމަވެސް މިހާރު އަނެއްކާވެސް ވައި ޖެހެނީ އިރުމަތީ ބިތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ވައި ނުސާފުވުމުގެ ފުރުސަތު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

އިރުވައި މޫސުން ނިމެންދެން ކޮންމެވެސް ވަރަކަށް ހޭޒްގެ އަސަރު ވައިގެ ތެރޭގައި ހުންނާނެ ކަމަށާއި، އެކަމުގެ އަސަރު ރާއްޖޭގެ ސަރަހައްދުން އެއްކޮށް ފިލައިގެން ދާނީ ހުޅަނގު މޫސުން ފެށެން ކައިރިވުމުން ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ ދުވަހަކު ތަންކޮޅެއް ހޭޒީ ވެލާފަ ހުރެފަ ކްލިއަރެންސް އައިސްދާނެ. ހޭޒީ ކަންތައް އެއްކޮށް ރާއްޖޭގެ ސަރަހައްދުން ފިލައިގެން ދާނީ އަނެއްކާވެސް ވައިގެ މިސްރާބު ބަދަލުވީމަ. ބަދަލުވާނީ ހުޅަނގު މޫސުން ފެށެން ކައިރިވީމަ. މެއި މަހުގެ ފުރަތަމަ ހަފުތާގައި ހުޅަނގު މޫސުން އާންމުކޮށް މި ފެށެނީ. މޫސުމާ ބެހޭ ގައުމީ އިދާރާ

މެޓް އޮފީހުން ބުނީ ހޭޒްގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ކަމަށެވެ. ނަމަވެސް ދެކުނުގެ ރަށްތަކަށްވެސް ކޮންމެވެސް ވަރަކަށް އަސަރު ކުރާނެ ކަމަށް އެއިދާރާއިން މައުލޫމާތުދެއެވެ.

ވައި ނުސާފުވުމުގެ ސަބަބުން އެކަމުގެ ސިއްހީ ނުރައްކާތައް ހުރިހާ އުމުރެއްގެ މީހުނަށް ވެސް ކުރިމަތިވާކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފައެވެ.

އެގޮތުން ލޮލާއި ނޭފަތާއި ކަރުގައި ރިއްސުން އެކަށީގެންވާ ކަމަށާއި، ހަމުގެ މައްސަލަ ނުވަތަ ފުއްޕާމޭގެ މައްސަލަ ހުންނަ މީހުންނަށް މިކަމުގެ އަސަރު ބޮޑަށް ކުރާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އެހެންކަމުން ވައި ނުސާވުމުން މެދުވެރިވެދާނެ ސިއްހީ މައްސަލައަކުން ސަލާމަތްވުމަށް ބޭރަށް ނުކުންނަ ވަގުތުތަކުގައި މާސްކް އަޅުމަށް އެ އޮތޯރިޓީން އިލްތިމާސް ކުރެއެވެ.

"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް މިހާރު ވައި ނުސާފުވުމަށް މެދުވެރިވާ "ހޭޒް" އަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. އެއީ ދުންފިންޏެއް ނޫނެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ.

އާންމު ގޮތެއްގައި ހޭޒްގެ މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. ފާއިތުވި ދެއަހަރުގެ ފަހުކޮޅު ވެސް ރާއްޖެއަށް ހޭޒްގެ އަސަރު ވަރަށް ބޮޑަށްކޮށް ވައި ތަޣައްޔަރުވިއެވެ.

comment ކޮމެންޓް