އަލަށް ސިނަމާގައި އަޅުވާ ފިލްމަކުން ވިޔަސް ފެންނަނީ އޭނާއެވެ. ފިލްމުގެ ލީޑު އެކްޓަރެއްގެ ރޯލު ކުޅެނީވެސް ހަމަ އޭނާއެވެ. އޭނާގެ ހުނަރުވެރި އެކްޓިންގެ ސަބަބުން ބެލުންތެރިންގެ ހިތްތައް އަންނަނީ އަތުލަމުންނެވެ. އެއީ މިއަދު ފިލްމީ ދާއިރާއަށް އާ މޫނެއް ނޫނެވެ. ޝަރަފް އޭ ބުނުމުން އެއީ ކާކުކަން ނުދަންނަ މީހަކު ވަރަށް މަދުވާނެއެވެ.
ރ. މީދުއަށް އުފަން، ޝަރަފުއްދީން އަބްދުއްﷲ (ޝަރަފް) އަކީ، މިއަދު ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ވިދަމުން އަންނަ ތަރިއެކެވެ. ރާއްޖޭގައި މިވަގުތު އެންމެ ހިނގާ ޕްރޮޖެކްޓްތަކުގެ ލީޑް ރޯލް ބައި ކުޅެމުން އަންނަ ކުޅަދާނަ އަދި ހުނަރުވެރި ފަންނާނެކެވެ.
މިހާރު އުމުރުން 31 އަހަރުގެ ޝަރަފް އޭނާގެ ކުޑައިރުގެ ހަޔާތް ވޭތުކޮށްފައިވަނީ އުފަން ރަށުގައެވެ. ކިޔަވާ ނިންމުމަށްފަހު އޭނާ މާލެ ބަދަލުވީ 2010 ވަނަ އަހަރުއެވެ.
"މާލެ ބަދަލުވީ ސްކޫލް ނިންމާ ވަޒީފާއަކަށް ދިއުމަށް. އެހެންނަމަވެސް އެއްގޮތަކަށްވެސް ހިޔެއް ނުކުރަން މިހާރު މިކުރާ މަސައްކަތް ކުރާނެ ކަމަކަށް," ޝަރަފް ބުންޏެވެ.
އޭނާ ވީޓީވީގައި، އައިޓީ ޓެކްނިކަލް މަސައްކަތް ކުރަމުން އަންނަތާ ނުވަ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ފުރަތަމަ މުޅިން ވެސް މަސައްކަތް ކުރީ ކެމެރާ ފުރަގަހުގައެވެ.
ރާއްޖޭގެ ފިލްމީ ދާއިރާއިން ޝަރަފް ފެނިގެން ދިޔުމާއެކު އޭނާވީ ގިނަ އާންމުންނަށް ކަމުދިޔަ މޫނަކަށެވެ. އޭނާގެ އެކްޓިންވީ ޑައިރެކްޓަރުން އޭނާއާ އެންމެ ގަޔާވި އެއް ސަބަބަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝަރަފްގެ ނަން ވިދާލީ އޭނާގެ މޮޅު އެކްޓިންގެ ސަބަބުންނެވެ.
ފިލްމް ކުޅުމަށް ޝަރަފްގެ ޝައުގުވެރިކަން ހުރި މިންވަރު
އެންމެ ކުޑަ އިރުވެސް ފިލްމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ޝަރަފް ވަރަށް ގިނައިން ފިލްމް ބަލާ އުޅެއެވެ. އެގޮތުން ޝާހުރުކް ޚާން އަކީ އޭނާގެ އެންމެ "ފޭވަރިޓް" އެކަޓަރެވެ.
"ޝާހުރުކް ޚާން އެއީ ކުޑައިރުއްސުރެ ވެސް ހަމަ އެންމެ ފޭވަރިޓް. ވަރަށް އޭނާ ވެފަ ހުންނާނީ އަބަދުވެސް. ދެން ޓޮމް ކްރޫސް ގެ ފިލްމްތައް ވެސް ބަލާ އުޅެން،" ޝަރަފް ބުންޏެވެ.
އޭނާގެ ރަހުމަތްތެރިންނާ އެކީ ފަޅު ރަށްތަކަށް ދަތުރު ގޮސް އުޅޭ އިރުވެސް، އެކްޓް ކޮށް ވީޑިއޯ ކުޅުމަކީ އޭނާ ވަރަށް ފޯރިއާއެކު ކުރި ކަމެކެވެ.
"އޭރު ވެސް އެހެން އުޅޭ އިރު ބުނަން ކޮންމެސް ދުވަހަކުން ފިލްމެއް ކުޅޭނަމޭ." ޝަރަފް ކިޔައިދިނެވެ.
ފިލްމް އިންޑަސްޓްރީގެ ތެރެއަށް އެންމެ ފުރަތަމަ ވަދެވުނީ ކިހިނެއް؟
ޝަރަފް އެންމެ ފުރަތަމަ އެކްޓު ކުރީ ފިލްމް އިންޑަސްޓްރީއަކު ނޫނެވެ. އެއީ ވީޓީވީގައި މަސައްކަތްކުރަމުން ދަނިކޮށް 2014 ވަނަ އަހަރުގެ ރޯދަމަހު އެ ޓީވީން ދެއްކި ޑްރާމާއެއްގައެވެ. އެއީ ކެމެރާ ކުރިމައްޗަށް އޭނާ އެރި އެންމެ ފުރަތަމަ ފަހަރެވެ.
އޭގެ ފަހުން އޭނާއަށް، ވީޓީވީގައި ކުރިން މަސައްކަތްކޮށްފައިވާ އަދި މިހާރު އައިފިލްމްސްގެ އިލްޔާސް ވަހީދުގެ "ބަވަތި" ފިލްމަށް އެކްޓު ކުރުމަށް ފުރުސަތު ލިބިގެންދިޔައެވެ.
މި ފުރުސަތު ވީ ޝަރަފްގެ ހުވަފެން ކާމިޔާބު ކުރުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތަކަށެވެ. އޭނާ ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެހިގެން ދިޔައީ އެހިސާބުންނެވެ.
"އޭރު ހިތަށް އެރި އެންމެ ފުރަތަމަ ކުޅެންވީބާއޭ ނުކުޅެންވީބާއޭ. 'ބަވަތި' ބަލާފަ ދެން ހިތަށްއެރީ ކުޅެންވީއޭ." ޝަރަފް ބުންޏެވެ.
ޝަރަފްގެ އެ ހުވަފެނުގައި ކުލަޖެއްސުމަށް އިއްލެގެ ފަރާތުން ލިބުނު ފުރުސަތު އޭނާ ބަލައިގަތީ ޝުކުރުވެރިކަމާ އެކުއެވެ.
މިހާތަނަށް ފިލްމް އިންޑަސްޓްރީގައި ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް
ފިލްމް އިންޑަސްޓްރީއަށް ނުކުމެ، މިހާތަނަށް ޝަރަފް ވަނީ ތިން ފިލްމް ކުޅެފައެވެ. އެއީ 'ނީނާ'، 'ބަޅިނދު' އަދި 'ހިނދުކޮޅެއް' މި ތިން ފިލްމެވެ.
"އަދި އެއްވެސް ފިލްމެއްގެ މަސައްކަތެއް އެއްވެސް މީހަކަށް ފެނިފައެއް ނުވޭ." ޝަރަފް ބުންޏެވެ.
"އެހެންނަމަވެސް 'ނީނާ' އަދި 'ބަޅިނދު' މި ދެ ފިލްމް މިއަހަރު ތެރޭ ސިނަމާއަށް އަންނާނެ. އަދި ކުރިއަށް އޮތް މާޗު މަހު ތެރޭ 'ހިނދުކޮޅެއް' މި ފިލްމްވެސް މީޑިއާނެޓުން ފެންނާނެ. ދެން ކުޅެފަ ހުރި ސީރީސްތައްވެސް ހުންނާނެ މިހާރު ބައެއް ޕްލެޓްފޯމްތަކުން ފެންނަށް،" ޝަރަފް ބުންޏެވެ.
އޭގެ އިތުރުން މިވަގުތު އިތުރު ދެ ސީރީޒްއެއްގެ މަސައްކަތްވެސް ޝަރަފް އަންނަނީ ކުރަމުންނެވެ. އެއީ "ޔާރާ" އަދި "މިރާއީ" ސީރީޒްއެވެ.
"އޭގެ އިތުރަށް ވާހަކަ ދެކެވިފަ އެބަހުރި އިތުރު ޕްރޮޖެކްޓްސް ތަކުގެ މަސައްކަތް. ސީދާ ފެށޭނެ ދުވަހެއް ބުނާކަށް ނޭނގޭ." ޝަރަފް ބުންޏެވެ.
ޝަރަފް ބުނީ މިދާއިރާއަށް ވަނީ އެއްވެސް ހާލެއްގައި މަޝްހޫރުވުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އެއީ އޭނާ އެންމެ ކުރާހިތްވާ އަދި ކުރަން ބޭނުންވާ މަސައްކަތް ކުރުމަށް ކަމަށް އޭނާ ބުންޏެވެ.
"ދާއިރާގައި މިހާ ހިސާބަށް އައި އިރު އެންމެ ހިތްހަމަޖެހޭ އެއްކަމަކީ ބެލުންތެރިންގެ ސަޕޯޓް" ޝަރަފް ބުންޏެވެ.
އެގޮތުން މިހާތަނަށް ކޮށްފަ ހުރި މަސައްކަތުގެ ތެރެއިން މީހުންގެ ފަރާތުން ލިބިފަ ހުރި ކޮމެންޓްސްތަކަށް ބަލާއިރު "މިރާއީ"ގަ ވަރަށް ހިތްހަމަ ޖެހޭ ކޮމެންޓްތައް ލިބިފަ ހުރިކަން ޝަރަފް ފާހަގަ ކުރިއެވެ.
"އެންމެން ވެސް އޭގަ 'ހަމަ ވަރަށް މޮޅޭ' އެކަހަލަ ކޮމެންޓްސް ލިބިފަ ހުރީ. އެކަމާ ވަރަށް ހިތްހަމަޖެހޭ. މިހާރު އެންމެ ބޭނުންވަނީ ކުރިއަށް އޮތް ތަނުގަ ބެލުންތެރިންނަށް ތަފާތު އެއްޗެއް ދެއްކޭތޯ މަސައްކަތްކުރުން،"
ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުން ހާސިލް ކުރަން ބޭނުންވާ ގޯލް
ޝަރަފް އަންނަނީ މި ދާއިރާއާ މެދު ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އެގޮތުން ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރަމުން އޭނާ ހާސިލްކުރަން އެންމެ ބޭނުން ކަމަކީ އަމިއްލައަށް ފިލްމެއް ޑައިރެކްޓް ކުރުމެވެ.
"ޝަރަފް އަމިއްލައަށް ފިލްމެއް ޑައިރެކްޓް ކުރާ ދުވަސް ދެކެން ވަރަށް ބޭނުން." ޝަރަފް ބުންޏެވެ.
ފިލްމް އިންޑަސްޓްރީ ޝަރަފް ސިފަކުރަނީ ވަރަށް މަޖާ، އަދި އެކަކު އަނެކަކަށް އެހީތެރިވާ ބައެއް އުޅޭ ތަނެއްގެ ގޮތުގައެވެ.
"މި އިންޑަސްޓްރީގަ މަސައްކަތްކުރާ އިރު އެކީ ވޯކް ކުރަން ވަކި މީހަކު ފަސޭހައޭ ބުނެވޭކަށް ނެތް. ހުރިހާ އެންމެން ވެސް ވަރަށް ބަލާނެ ޝަރަފްއަށް އާ ކުއްޖެއް ވީމަ މި އިންޑަސްޓްރީއަށް. ދޫކޮށްލާފައެއް ނުބަހައްޓާނެ. އެގޮތަށް ވަރަށް ސަޅި އެންމެންވެސް." ޝަރަފް ބުންޏެވެ.
އެންމެ ފުރަތަމަ ކެމެރާ ކުރިމައްޗަށް އަރަން ޖެހުމުން ވަރަށް ބައިވަރު ޗެލެންޖަސްތަކާ ޝަރަފް ވަނީ ކުރިމަތިލާފައެވެ. އެހެންނަމަވެސް އެކުގައި މަސައްކަތް ކުރާ މީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ޝަރަފްއަށް ވަނީ ލިބިފައެވެ.
"ނުޒޫ ގެ ހެލްޕް ވަރަށް ލިބޭ. ޚާއްސަކޮށް ފުރަތަމަ ފިލްމްގަ ނުޒޫގެ ހެލްޕް ފާހަގަކޮށްލަން" ޝަރަފް ބުންޏެވެ.
ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ޝަރަފަށް އެންމެ ކަމުދަނީ ކޮން ބައެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ ކޮންމެ ފަންނާނަކީވެސް ވަރަށް ހުނަރުވެރި މީހެއް ކަމަށެވެ. އޭގެ ތެރޭން އޭނާއަށް އެންމެ ކަމުދަނީ ރަވީ، ނުޒޫ، އިފްނާޒް އަދި ރިޝްމީއެވެ.
ވީޓީވީގަ މަސައްކަތް ކުރަމުން ފިލްމް ކުޅެމުން ދެކަމަށް ވަގުތު ހުސްކުރަނީ ކިހިނެއް؟
ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރުމަކީ އެކަމަށް އެތައް ވަގުތެއް ހޭދަކުރަންޖެހޭ އަނެއްހެން ބުނާ ނަމަ "ބިޒީ ޝެޑިއުލެއް" އޮންނަ ދާއިރާއެކެވެ. އެހެންނަމަވެސް ޝަރަފް އަންނަނީ އޭނާގެ މަސައްކަތުގެ އިތުރުން އިންޑަސްޓްރީގެ މަސައްކަތް ވެސް ކުރަމުންނެވެ.
"ދެން އޮފީސް ޝެޑިއުލް ވީކްލީ ޗޭންޖް ވާނެ. މި ހަފުތާ ހެނދުނު ޑިއުޓީ ވިއްޔާ ދެން އަންނަ ހަފުތާ އިންނާނީ މެންދުރު ފަސް. އެހެންވީމަ ފިލްމް ޝޫޓިންގްތައް ހެނދުނު ޑިއުޓީ ވިއްޔާ އާފްޓަނޫން ޝޫޓެއް ލައިދޭށޭ ބުނެފަ މެންދުރުފަސް ޑިއުޓީ އޮންނަންޔާ ހެނދުނު ކުރަން ޖެހޭ ޝޫޓިންގްތައް ނަގަނީ." ޝަރަފް ކިޔައިދިނެވެ.
އެގޮތުން ޝޫޓިންތަކުގައި މާ ބިޒީ ވާނަމަ އޮފީހުންވެސް ވަރަށް ފަސޭހައިން ރިލީޒް ލިބެއެވެ.
ޝަހޫއާ ދިމާވީ ކިހިނެއް؟
ޝަރަފް ވަނީ މިފަހުން ޒަވާޖީ ހަޔާތެއް ފަށާފައެވެ.
ޝަރަފް ވަނީ އޭނާއާ މަޝްހޫރު ޕްރެޒެންޓާ ޝަހުދާ މަހްމޫދުއާ ދިމާވި ގޮތުގެ ވާހަކަ ހިއްސާކޮށްފައެވެ.
ޝަހޫއާ ދިމާވީ 2013 ވަނަ އަހަރު ވީޓީވީގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭރުންސުރެވެސް ޝަހޫއާ އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. އޭރުއްސުރެ ވެސް ދެމީހުން ވެސް އައީ ވަރަށް ބައިވަރު ކަންކަން ހިއްސާ ކުރަމުން ގުޅުން ބަދަހި ކުރަމުންނެވެ.
"ދެން އެހެން އުޅެމުން ޝަހޫ ބަދަލުވީ ޕީއެސްއެމްއަށް. އަނެއްކާވެސް ދެމީހުން ދިމާވަނީ ކޯވިޑްގެ ފަހުގަ. އެއަށްފަހު ދެމީހުން ޑޭޓް ކުރަން ފެށީ." ޝަރަފް ބުންޏެވެ.
ސަރަފަށް ޝަހޫގެ ކިބައިން އެންމެ ކަމުދާ ސިފައަކީ ސަޕޯޓިވްވުމެވެ. އެއީ އަބަދުވެސް ޝަރަފް ވަރަށް ބަލައިގަންނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
ރާއްޖޭގެ ފިލްމް އިންޑަސްޓްރީއަކީ ހުވަރުވެރި އެތައް ފަންނާނުންނެއް އުފައްދާފައިވާ އިންޑަސްޓްރީއެކެވެ. ކޮންމެ ފަންނާނަކީވެސް އޭނާގެ އަމިއްލަ ސްޓައިލްގައި މީހުންގެ މަޤްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.
އެގޮތުން ޝަރަފްއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މީހުންގެ މަޤުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. ކޮންމެ ގޮތެއްވިޔަސް ޝަރަފްގެ 'ފިލްމީ ލުކް' ބެލުންތެރިންނަށް ނުހަނު ކަމުދެއެވެ.
ޝަރަފްގެ ވާހަކަތަކުންވެސް އެންމެ ފާހަގަކުރެވުނީ ފިލްމީ ދާއިރާއިން އޭނާ ކުރިއަށް ދާން ބޭނުންވެފަ ހުރި ވަރެވެ. ފިލްމީ ދާއިރާއަށް ޚިދުމަތް ކުރުމުގައި އޭނާގެ ހުރި ޝައުގުވެރިކަމެވެ.
"ބެލުންތެރިންނަށް ބުނެލަން އޮތީ އިންތިޒާރުކޮށްލާށޭ. މި އަހަރު ސިނަމާއިންވެސް ފެންނާނެއޭ. އަދި ކުރިއަށް މަސައްކަތްތައް ހުރީ،" ޝަރަފް ބުންޏެވެ.