މާލެ އަދި ވިލިމާލޭގެ އާންމު ސަރަޙައްދުތަކުން ކުނި ނެގުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލްގައި ވޭސްޓް މެނޭޖްމެންޓް ސެކްޝަނެއް މިއަދު ހުޅުވައިފިއެވެ.
މިއަދު ހެނދުނު މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުއެވެ.
ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވައިދެއްވުމަށްފަހު މޭޔަރު މުޢިއްޒު ވިދާޅުވީ އެ އޮފީސް ހުޅުވީ މާލެތެރެ ކުނިކަހައި ކުނި މެނޭޖުކުރުމަށް ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ އިދާރީ ކަންކަމަށް ބޭނުންވާ ޖާގަ ނެތުމުން، އެ ޖާގަ ހަމަޖެއްސުމަށް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުވި ވޭސްޓް މެނޭޖްމެންޓް ސެކްޝަން --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
މުއިއްޒު ވިދާޅުވި ގޮތުގައި މިހާރު މަސައްކަތްކުރާ އިދާރީ އަދި މެނޭޖީރިއަލް ލެވެލްގެ ހުރިހާ މުވައްޒަފުންނަށް ރަނގަޅަށް މަސައްކަތް ކުރެވޭވަރުގެ ޖާގަ އެތަނުގައި ހަމަޖެހިފައިވާނެއެވެ.
ކުރިއަށް އޮތް ދެތިން ހަފުތާގެތެރޭގައި އިތުރު ފިޔަވަޅުތައް އެޅި މާލެތެރެ ސާފުކުރުން ހަރުދަނާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ސެކްޝަންގައި ޖުމުލަ 255 މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާލެ ކުނި ކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހާ ހަމައަށް ކުރީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުންނެވެ.
އެގޮތުން ވެމްކޯއާއެކު މާލެ ސިޓީ ކައުންސިލުން ވެފައި އޮތް އެއްބަސްވުން އެންމެ ފަހުން ހަމަވުމުން އެ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރީ ސިޓީ ކައުންސިލުން ވެމްކޯގެ މަސައްކަތާ މެދު ހިތްހަމަނުޖެހިގެންނެވެ.
އެ ކައުންސިލުން ބުނީ ވެމްކޯއިން އެ މީހުންގެ ޒިންމާ އެންމެ ރަނގަޅު ގޮތުގައި އަދާނުކުރާ ކަމަށާއި އެ ކުންފުނިން އެ މަސައްކަތް ކުރާ އަގުވެސް ބޮޑު ކަމަށެވެ.
ނަމަވެސް ވެމްކޯއިން ވަނީ ސިޓީ ކައުންސިލުގެ އެ ވާހަކަތައް ދޮގުކޮށް އެ ވާހަކަތަކަށް ރައްދުދީފައެވެ.