ލަންކާއާއި ރާއްޖެއާ ދެމެދު އިމިގްރޭޝަން ކުށްތައް ހުއްޓުވަން އެއްބަސްވުމެއް

ލަންކާގެ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި ރާއްޖޭގެ އިމިގްރޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ ޓްވިޓާ

ރާއްޖެއާއި ސްރީލަންކާގެ އިމިގްރީޝަނާ ދެމެދު މަސައްކަތުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ލަންކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް މިހާރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާ ބައްދަލުކުރެއްވުމަށްފަހުގައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިނެވެ. ލަންކާގެ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ގަައުމުގެ އިމިގްރޭޝަން ކޮންޓްރޯލަރު ނިހާލް ރަނަސިންއެވެ.

މި އެއްބަސްވުމުގެ ދަށުން ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ދެ އިދާރާއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ފަދަ އެއްބަސްވުމެއް ވުމަށް އެ ގައުމުގެ ކެބިނެޓުން މިދިޔަ ޑިސެމްބަރުގައިވަނީ ރުހުން ދީފައެވެ.

މި އެއްބަސްވުމުގެ ދަށުން، އިމިގްރޭޝަނާ ގުޅުން ހުރި ދާއިރާތަކުން އިންސާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ކުރިއަރުވަން ދެ ގައުމުގެ ދެ އިދާރާ ގުޅިގެން މަސައްކަތް ކުރުމާއި އިމިގްރޭޝަން އޮފިޝަލުންނަށް ތަމްރީނު ދިނުމުގައި އެހީތެރިވުން ހިމެނެއެވެ.

މީގެ އިތުރުން، އިމިގްރޭޝަނާ ގުޅުންހުރި އެކިއެކި ކުށްތައް ހުއްޓުވަން މަސައްކަތްކުރުން ވެސް ހިމެނެއެވެ.

ދެ މިނިސްޓަރުންގެ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުން މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް ކުރަން ހުރި ކަންކަން ކުރުން ހިމެނެއެވެ.

ހަމައެއާއެކު ފަތުރުވެރިކަމާއި، ތައުލީމާއި، ސިއްހަތާއި އެ ނޫން ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކޮށްފައިވެއެވެ.

comment ކޮމެންޓް