އިންޑިއާގެ ހޮސްޓެލްއެއްގެ ހަވަނަ ފަންގިފިލާއިން ވެއްޓި ކިޔަވާ ކުއްޖަކު މަރުވެއްޖެ

އިންޑިއާގެ ވެސްޓް ބެންގާލް ކޮޓާގައި ހުންނަ ހޮސްޓެލްއެއްގެ ހަ ވަނަ ފަންގި ފިލާއިން ވެއްޓި ކިޔަވާ ކުއްޖަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ އުމުރުން 20 އަހަރުގެ އިޝާންޝޫ ބަޓަޗަރިޔާ ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ އަކީ އިންޑިއާގެ ސިޓީއެއް ކަމަށްވާ ދުޕްގުރީއަށް ނިސްބަތްވާ ރައްޔިތެކެވެ.

އޭނާ މަރުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 11 ޖަހާކަންހާއިރު ކޮޓާގެ ޖަވާހަރު ނަގަރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި ހުންނަ އޭނާގެ ހޮސްޓެލް އިމާރާތުގެ ހަ ވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ.

އެ ހޮސްޓެލްއަކީ މިދިޔަ އޯގަސްޓް މަހުން ފެށިގެން އޭނާ ދިރިއުޅެމުން އައި ތަނެވެ.

މަރުވުމުގެ ކުރިން ބަޓަޗަރިޔާ ތައްޔާރުވަމުން ދިޔައީ ކޮޓާގެ ކޯޗިން އިންސްޓިޓިއުޓެއްގައި މެޑިކަލް އެންޓްރެންސް ޓެސްޓަށެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮސްޓެލްގެ ހަ ވަނަ ފަންގިފިލާއިން ބަޓަޗަރިޔާ ވެއްޓިފައިވަނީ އޭނާގެ ތިން އެކުވެރިންނާއެކީ ކޮޓަރިއަށް ވަނުމުގެ ކުރިން، ފައިވާނަށް އެރުމަށް ބެލްކަނީގައި ހުރި ފެންސެއް ލެނގިލި ވަގުތުއެވެ. އެ ވަގުތު ފެންސު ނެއްޓި އޭނާ ވަނީ ފެންސާއެކު ބިންމައްޗަށް ވެއްޓިފައެވެ.

އޭނާ ބިންމައްޗަށް ވެއްޓުމާއެކު، ވަގުތުން ވަނީ ޕްރައިވެޓް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އޭރު އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ހޮސްޓެލް މެނޭޖްމަންޓުގެ އިހުމާލު ފާހަގަކޮށް، ކޮޓާ ހޮސްޓެލް އެސޯސިއޭޝަނުން ވަނީ އެ ހޮސްޓެލް ބްލެކްލިސްޓް ކުރަން ނިންމާފައެވެ. އަދި ހޮސްޓެލް އިމާރާތުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން އެ ސިޓީގެ ހުރިހާ ހޮސްޓެލް ތަކަށް އެސްއޯޕީއެއް ވެސް ވަނީ ނެރެފައެވެ.

ހޮސްޓެލްގެ ބެލްކަނީގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއެއްގެ ފޫޓޭޖެއްވެސް ހުކުރު ދުވަހު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެ ވީޑިއޯގައި އޭނާއާއެކީ ތިބި އެކުވެރިން އޭނާ ވެއްޓުނު ސަރަހައްދަށް ދިއުމަށް އަވަސް ވެގެންފައިވާ މަންޒަރު ވެސް ފެނެއެވެ.

އެ ސަރަހައްދުގެ ފުލުހުން ވަނީ މި ހާދިސާގެ ތަހުގީގު މިހާރު ފަށާފައެވެ.

ފުލުހުން ވަނީ ބަޓަޗަރިޔާގެ ހަށިގަނޑު ހޮސްޕިޓަލްގެ މޯޗަރީގައި އޭނާގެ އާއިލާ މީހުން އަންނަންދެން ބާއްވާފައެވެ. އަދި އާއިލާ އައުމަށްފަހު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް