މަހާނަ ކޮނެގެން ނެގީ ސިހުރު ހެދި ފިލާކޮޅުތަކެއް، ކޮނެދިން މުވައްޒަފަށް ފިޔަވަޅު އަޅަނީ

ހެންވޭރު ސަހަރާ ކޮނެ ނެގި ތަކެތި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލޭގެ ސަހަރާއެއްގައި މަހާނައެއް ކޮނެދިން މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފަކަށް ފިޔަވަޅު އަޅަން ހުށަހަޅައިފައިވާކަމަށް އެ ކައުންސިލުން މިއަދު ބުނެފިއެވެ.

ސޯޝަލް މީޑިއާގައި މީގެ ދެ ދުވަސް ކުރިން ދައުރުވާން ފެށި ވީޑިިއޯއެއްގައި ފެންނަނީ ހެންވޭރު ސަހަރާ ތެރެއަށް ތިން މީހަކު ވަދެ، އެ ތަނުން މަހާނައެއް ކޮންނަން އުޅޭ ތަނެވެ.

އެގޮތުން އެކަކު ދުރުގައި ފައިލެއް ހިފައިގެން މަޑުކޮށްގެން ހުރެއެވެ. އިތުރު މީހަކު އެކި މަހާނަތަކުގައި ދަނޑިއެއް ޖައްސަައި ވަކި މަހާނައަކާ ޖެހުމުން އެ މަހާނަަ ކޮންނަން ދުރުގައި ހުރި ކައުންސިލް މުވައްޒަފަށް އިޝާރާތްކުރެއެވެ.

ސަހަރާ ކޮންނަން ހަރަކާތްތެރިވުމުގެ ތެރެއިން --

އެއާއެކު އެ ތަނުގައި ހުރި ކައުންސިލްގެ މުވައްޒަފު އެ މަހާނަ ކޮނެދެއެވެ. ކޮނެ ދިނުމުން އެ ތަނުން ބައެއް ތަކެތި ނަގައި ރަތް ކޮތަޅަކަށް އަޅާ މަންޒަރު ވެސް ފެނެއެވެ.

އެ ކަމާ ގުޅިގެން މިއަދު ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ، ކައުންސިލުން ބެލި ބެލުމުން އެނގުނު ގޮތުގައި ސަހަރާގައި ގަބުރެއް ކޮނެގެން ނެގީ މިނި ކަށިތަކެއް ނޫންކަމަށެވެ.

އެއީ ސިހުރު ހަދައިފައިހުރި ފިލާކޮޅުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން، އެ ފަދަ މައްސަލައެއް ހުށަހަޅައިފައިނުވާކަމަށް ވަނީ ބުނެފައެވެ.

މާލޭގެ ސަހަރާތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ މަސައްކަތެކެވެ. އެ ތަންތަން ހުންނަނީ ކައުންސިލްގެ ބެލުމުގެ ދަށުގައެވެ.

މީގެ ކުރިން ވެސް މާލޭގެ ސަހަރާތަކަށް ގޮތް ނޭނގޭ މީހުން ވަދެ މަހާނަ ކޮންނަ މައްސަލަ ފެންމަތިވެފައިވެއެވެ. ގިނަ ފަހަރު އެ ފަދަ ކަންކަން ކުރަނީ ސިހުރު ހެދުން ފަދަ ކަންކަމުގައެވެ.

comment ކޮމެންޓް