ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިއްޔެ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ގިނަ ކަންތައްތަކަކާ ގުޅޭ މަޝްވަރާ ކުރައްވައިފައެވެ.
އެގޮތުން ދެ ގައުމާ ގުޅިފައިވާ ދާއިރާތަކާ ގުޅޭ މަޝްވަރާ ކުރެއްވިއެވެ. އަދި އެކުވެރިކަމުގެ ގުޅުން ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލާއި، ލަންކާގައި ހުންނަ ރާއްޖޭގެ ސަފީރު އަލީ ފާއިޒް ވެސްވަނީ ބައިވެރިވެލައްވައިފައެވެ.
މި ދަތުރުފުޅަކީ ލަންކާގެ ޚާރިޖީ ވަޒީރު އަލީ ސަބްރީގެ ދައުވަތަކަށް ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ލަންކާގެ ވެރިރަށް ކޮލަންބޯގައި، އެ ގައުމުގެ މިނިވަން ދުވަސް ފާހަގަކުރަން މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު --
ލަންކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ ހަތަރުވަނަ ދުވަހެވެ. މި އަހަރު ފާހަގަކުރަނީ އެ ގައުމުގެ 75ވަނަ މިނިވަން ދުވަހެވެ.
މި ދަތުރުފުޅުގައި ޝާހިދު، ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި އެ ގައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާގެ އިތުރުން އަލީ ސަބްރީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓީން ބުންޏެވެ.