އެންމެ ތިން އަހަރުގެ ތެރޭ ކެންސަރު ބައްޔަށް 7،500 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދައިފައިވާކަމަށާއި، ރާއްޖޭގައި މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރު ބަލީގައި މަރުވާ މީހުންކަން ތަފާސް ހިސާބުތަކުން އެނގިއްޖެއެވެ.
ކޮންމެ އަހަރެއްގެ ވެސް މިއަދަކީ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ އެ ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި، ބަލި ޖެހުމުން ފަރުވާ ހޯދާނެ ގޮތާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށެވެ.
ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއިން އެންމެ ގިނައިން މީހުން މަރުވާ ސަބަބުތަކުގެ ތެރޭގައި ކެންސަރު ހިމެނޭކަމަށެވެ. އެގޮތުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ މީގެ ތިން އަހަރު ކުރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖެއިން މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރު ބަލީގައި މަރުވާ މީހުންކަމަށް ވެސް ވެއެވެ.
ހަމައެއާއެކު އާސައިންދައިގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި 2016 އިން 2019އަށް 7،500އަށްވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ހޯދައިފައިވާކަން ހާމަވާކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އޭގެ ތެރެއިން ފިރިހެނުން އެންމެ ގިނައިން ފަރުވާ ހޯދީ، ފުއްޕާމެގެ ކެންސަރަށެވެ. އަންހެނުން އެންމެ ގިނައިން ފަރުވާ ހޯދީ އުރަމަތީގެ ކެންސަރަށެވެ.
ރާއްޖޭގައި ފިރިހެނުންނަށް އާންމު ގޮތެއްގައި ޖެހެނީ ފުއްޕާމޭ، ކޮލޮރެކްޓަލް، ޕްރޮސްޓޭޓް ކެންސަރުގެ އިތުރުން ބަނޑާއި ފުރަމޭގެ ކެންސަރެވެ.
ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އަންހެނުންނަށް އެންމެ ގިނައިން ޖެހެނީ އުރަމަތީގެ ކެންސަރާއި، ކޮލޮރެކްޓަލް ކެންސަރުގެ އިތުރުން ފުއްޕާމެއާއި ރަހިމުގެ ދޮރަށް ޖެހޭ ސާވިކަލް ކެންސަރާއި ތައިރޮއިޑް ކެންސަރެވެ.
ކެންސަރަށް މަގުފަހިވާ ނުރަނގަޅު ގިނަ އާދަތަކެއް ހުރެއެވެ. އޭގެ ތެރޭގައި ގިނައީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ކަންކަމަވެ. އެ ކަންކަމުގެ ތެރޭގައި ދުފުމާއި، ސިނގިރޭޓު ބުއިމާއި، އެކަށީގެންވާ މިންވަރަށް ކަސްރަތުކޮށް ނޫޅުމުގެ އިތުރުން ބަރުދަން ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ހުރުން ހިމެނެއެވެ.
ކެންސަރުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ގަވައިދުން އެ ބައްޔަށް ސްކްރީން ކުރުމާއި، ކަސްރަތުކޮށް ބަރުދަން އެއް ވަރެއްގައި ހިފެހެއްޓުމުގެ އިތުރުން ހެޕަޓައިޓިސް ބީއާއި، ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ވެކްސިން ޖެހުން މުހިންމެވެ.