ފާއިތުވި ދެ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިން އިތުރު

ފަތުރުވެރިން ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި ދެ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 94،261 ފަތުރުވެރިންނެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހާ ހަަމައަށް 136،146 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވާއިރު މި އަހަރުގެ އެ މުއްދަތުގައި 178،159 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު އެ މުއްދަތުގައި މި އަހަރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ނިމި ދިޔަ އަހަރަށްވުރެ 30 ޕަސެންޓް އިތުރުވެފައެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝީޔާއިންނެވެ. އެގޮތުން އެ ގައުމުން 24،154 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ރަޝިއާ އަކީ މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.

ރަޝިއާއަށް ފަހު މި އަހަރު އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އަދި އިޓަލީ، ޔޫކޭގެ އިތުރުން ޖަރުމަނުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ކޮވިޑުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ހުރި މިންވަރަށް މިހާރު އިއާދަވެފައިވާއިރު މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން 69 ޕަސަންޓް ފަތުރުވެރިންނަކީ ރިސޯޓުތަކަށް އައި ފަތުރުވެރިންނެވެ. އަދި 23 ޕަސަންޓް ފަތުރުވެރިން ގެސްޓް ހައުސްތަކަށް އައިއިރު، ސަފާރީތަކަށް އައީ ފަސް ޕަސަންޓް ފަތުރުވެރިންނެވެ.

ރާއްޖޭގެ 116 ރަށެއްގައި ގެސްޓްހައުސް ހިންގަމުން އަންނައިރު، އެންމެ ގިނަ ގެސްޓްހައުސްތައް ހިންގަމުން އަންނަނީ ކ، އއ، އދ އަދި ވ އަތޮޅުގައެވެ.

ނިމިދިޔަ އަހަރަށް ވުރެ މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.

comment ކޮމެންޓް