އުތުރު ކޮރެއާއާ ގުޅުން ހުރި ބަޔަކު މިދިޔަ އަހަރު 1.7 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނެގި

އުތުރު ކޮރެއާއިން 2022 ވަނަ އަހަރު 1.7 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގާފައިވޭ -- ފޮޓޯ/ ރޮއިޓާސް

އުތުރު ކޮރެއާއާ ގުޅުން ހުރި ހެކަރުންތަކެއް މިދިޔަ އަހަރު 1.7 ބިލިއަން ޑޮލަރުގެ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާ ކަމަށް، ބްލޮކްޗޭންގެ ދިރާސާތައް ހަދާ ކުންފުންޏެއް ކަމަށްވާ ޗެއިނަލިސިސްއިން ބުނެފިއެވެ.

މީގެ ކުރިން ވެސް އުތުރު ކޮރެއާގެ މައްޗަށް ކްރިޕްޓޯ ވަގަށް ނެގި ކަމުގެ ތުހުމަތުކޮށްފައިވެއެވެ. އެގޮތުން 2021 ވަނަ އަހަރު އެގައުމުން 429 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެއާއަޅާބަލާއިރު މިދިޔަ އަހަރު އެގައުމުން ނަގާފައިވާ ކަމަށް ބެލެވެނީ ގާތްގަނޑަކަށް ހަތަރުގުނަ އިތުރު އަދަދެކެވެ.

ޗެއިނަލިސިސްއިން ބުނާ ގޮތުގައި އެއީ މިދިޔަ އަހަރު ކޮށްފައިވާ ކްރިޕްޓޯ ވައްކަމުގެ ޖުމްލަ އަދަދުގެ 44 ޕަސެންޓެވެ. އެގޮތުން މިދިޔަ އަހަރު ޖުމްލަ 3.8 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ ވައްކަމުގެ މައްސަލަ ފެންމަތިވި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެއީ އެއް އަހަރު ތެރޭ، ކްރިޕްޓޯ ހެކިން މެދުވެރިކޮށް އެހާވަރަށް ވައްކަން ކުރި ފުރަތަމަ ފަހަރުކަން ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދީ ގޮންޖެހުންތައް ދިމާވެފައިވާ އުތުރު ކޮރެއާއިން އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަށް ޚަރަދު ކުރަނީ ވަގަށް ނަގާފައިވާ ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެންނެވެ.

އެ ގޮންޖެހުންތަކާއެކުވެސް އެ ގައުމުން ދަނީ ބެލިސްޓިކް އަދި އެހެނިހެން މިސައިލްތައް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އުތުރު ކޮރެއާއިން ހަ ނިއުކްލިއާ ޓެސްޓެއް މިހާތަނަށް ކޮށްފައިވާއިރު އެނަލިސްޓުން ލަފާކުރާ ގޮތުގައި މިއަހަރު ހަތް ވަނަ ޓެސްޓު ކުރިއަށްގެންދާނެއެވެ.

ޗެއިނަލިސިސް އިން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން 2020 ވަނަ އަހަރު އުތުރު ކޮރެއާގެ ޖުމްލަ އެކްސްޕޯޓުގެ އަދަދަކީ 142 މިލިއަން ޑޮލަރުގެ މުދަލެވެ. އެހެންކަމުން ކްރިޕްޓޯކަރަންސީ ހެކިން އަކީ އެ ގައުމުގެ އިގްތިސާދުގެ ބޮޑު ބައެއް ކަމަށް ބެލެވިދާނެ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

އެފަދަ ވައްކަން ކުރާ ހެކަރުން އާންމުކޮށް ކްރިޕްޓޯ ލޯންޑާ ކުރަނީ "މިކްސާ" މެދުވެރިކޮށް ކަމަށް ޗެއިނަލިސިސްއިންގެ ރިޕޯޓްގައިވެއެވެ. އެއީ އެކި މީހުންގެ ކްރިޕްޓޯކަރަންސީތައް އެއްކޮށްލައި، ފައިސާ ނެގީ ކޮން ތަނަކުންކަން ނޭނގޭ ގޮތަށް އޮޅުވާލުމެވެ.

މިދިޔަ މަހު އެފްބީއައި އިން ވަނީ އުތުރު ކޮރެއާއާ ގުޅުން ހުރި ގްރޫޕެއް ކަމަށްވާ، ލާޒާރަސް ގްރޫޕުން 100 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވައްކަންކޮށްފައިވާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް