ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް ވޯޓަށް ނުފޫޒު ފޯރުވާ ކަމުގެ ޝަކުވާތައް ލިބޭ ކަމަށާއި އެފަދަ ކަންކަން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކެންޑިޑޭޓުން ތަފާތު ކަންތައްތައް ކުރައްވާ ކަމަށެވެ. އެފަދަ ކަންކަން ހުއްޓުވަން މާ ބޮޑެތި ފިޔަވަޅުތަކެއް އެޅެން ނެތްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އީސީން ދޭނެ ޔަގީން ކަމަކީ ކޮންމެ މީހަކު ވެސް އިންތިޚާބުގައި ލާ ވޯޓުގެ ސިއްރުކަން ކަމަށެވެ. ވޯޓުގެ ސިއްރުކަން ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
"ކެންޑިޑޭޓަށް ފުރުސަތު އެބަ އޮވޭ، އޭނަގެ ދަށުގައިވާ މުއައްސަސާތަކާއި އޮފީސްތައް ބޭނުން ކުރައްވައިގެން އިތުރު މަގާމުތައް އުފައްދަވާ، މަގާމުތަކަށް މީހުން ލައްވާ، އެކަހަލަ ކަންތައް ކުރެއްވުމުގެ." އޭނާ ވިދާޅުވިއެވެ.
ފުއާދު ގަބޫލުކުރައްވާ ގޮތުގައި އެއީ އީސީއަށް ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. އަދި، އެފަދަ ފަރާތްތަކުން ނުފޫޒު ފޯރުވުމަށް ކުރާ ކަންކަން ކުރަނީ ވެސް އެއަށްވުރެ މޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އޭނާ ވިދާޅުވީ ނުފޫޒު ފޯރުވުމުގެ ގޮތުން ކެންޑިޑޭޓުން ކުރައްވާ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ. މިގޮތުން، ވަޒީފާތައް ދިނުމާއި ފައިސާ ބެހުން ފަދަ ކަންކަމަކީ ހަމައެކަނި ސަރުކާރުގައި ހުންނަ ކެންޑިޑޭޓަކު ކުރައްވަފާނެ ކަންކަން ނޫންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ވިޔަފާރިވެރިއެއް އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް އެފަދަ ނުފޫޒެއް ފޯރުވުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
"އަޅުގަނޑުމެން ފަހި ކޮށްދޭނަމޭ ސިއްރުން ވޯޓު ލުމުގެ ފުރުސަތު. އެހެންވީމާ، އަދި ކޮންމެ ކަހަލަ ޕްރެޝަރެއް އަޔަސް، ކޮންމެ ކަހަލަ ހެޔޮ ކަމެއް ކޮށްދިނަސް، [ބޭނުން ކެންޑިޑޭޓަށް ވޯޓު ދިނުމުގެ މިނިވަންކަން އޮންނާނެ]" ފުއާދު ވިދާޅުވިއެވެ.
"އެކަންކަމުގެ ސަބަބުން ވޯޓަށް ބަދަލު ނުގެންނާށޭ. އެއީ، ސިއްރުން ވޯޓު ލެވޭނެ. އެމީހަކު ނުބުނާހާ ހިނދެއްގައި އެއީ ކާކު ލީ ވޯޓެއްކަން އެނގޭނެ ގޮތެއް ނުހުންނާނެ."
އޭނާ ވިދާޅުވީ ބައެއް ވޯޓުލާ މަރުކަޒުތަކުގައި މީހުން ވޯޓުލަނީ ކޮން ކެންޑިޑޭޓަކަށްކަން އެނގޭ ގޮތަށް ކެމެރާ ހަރުކޮށްފައި ހުންނާނެ ކަމަށް ބުނެ ވެސް ބައެއް މީހުންނަށް ބިރު ދައްކާ ކަމަށެވެ. އެކަމަކު، އެފަދަ އެއްވެސް ކަމެއް ނުހިނގާނެކަން އީސީން ކަށަވަރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބެއްގެ ވޯޓުލުން ކުރިއަށް ދަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން
ފުއާދު ވިދާޅުވީ ވޯޓަށް ނުފޫޒު ފޯރުވުމަކީ އީސީގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެކަމަކު، ގާނޫނުތަކާއި ކޮމިޝަންގެ ބާރުތައް އޮންނަ ގޮތުން ވެސް އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއް ކެންޑިޑޭޓުން އެބަ ވިދާޅުވޭ، ތިމަންނަ ފައިސާއެއް ނުބަހާނަމޭ، އެކަމު މިސާލަކަށް ގެއަކަށް ވަންނައިރު ހުރެދާނެ ކުޑަކުޑަ ގަހެއް، ދެން ތިމަންނަ މި ގަސް ގަންނަނީ އޭ ކިޔާ ބަހައްޓާފައި އެގޭ މީހުންނަށް ދެއްވަފާނެ ރަނގަޅު އަދަދެއްގެ ލާރި، ފައިސާ. ދެން ބުނެދާނެ ތިމަންނަ ގަތަސް ގަސް މިތާގައި ބަހައްޓާލާށޭ. މިކަހަލަ އުކުޅު އެއްޗެހި ވެސް އެބަހުރޭ ބޭނުންކޮށްފައި." އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާ ގުޅިގެން ވެސް ނުފޫޒު ފޯރުވުމާއި ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ބަލާނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، އީސީއަށް ހުށަހެޅޭ އެފަދަ މައްސަލަތައް ވެސް ކުރިއަށް ގެންދާނީ އޭސީސީން ކަމަށް އޭނާ ވިދާޅުވިއެވެ.