މާދަމާއިން ފެށިގެން ވިލިމާލޭ ބަހުގެ ޚިދުމަތުން އަގު ނަގަނީ

މާދަމާއިން ފެށިގެން ވިލިމާލޭ ބަހުގެ ދަތުރުތަކުން އަގު ނަގަން ފަށަނީ --- ފޮޓޯ/ އެމްޓީސީސީ

ވިލިމާލޭގައި މީގެ ދެ ހަފުތާ ކުރިން ދޭން ފެށި އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިލެކްޓްރިކް ބަހުގެ ޚިދުމަތުން މާދަމާއިން ފެށިގެން އަގު ނަގާނެއެވެ.

ވިލިމާލޭގައި އިލެކްޓްރިކް ބަހުގެ ޚިދުމަތް ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ފުރަތަމަ ދެ ހަފުތާ އެ ޚިދުމަތް މުޅިން ހިލޭ ދީފައިވާއިރު ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށިފަހުން މާދަމާއަށް ދެ ހަފުތާ ވާނެއެވެ.

އެމްޓީސީސީން ވަނީ މާދަމާއިން ފެށިގެން އެ ޚިދުމަތުން އަގު ނަގަން ފެށުމަށް ނިންމާ އެކަން މިއަދު އިއުލާނުކޮށްފައެވެ. އެގޮތުން މާދަމާއިން ފެށިގެން ވިލިމާލޭގައި ބަހުގެ ދަތުރުތަކަށް ފަސް ރުފިޔާ ނަގާނެއެވެ.

އެމްޓީސީސީން ބުނީ ވިލިމާލޭ ބަހުގެ ޚިދުމަތަށް ތިން ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔުއާރް ޓިކެޓް ނަގައިގެންނާއި، ކޮންކްޓެކްޓްލެސް މާސްޓާކާޑު އަދި ވިސާ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށާއި އަދި ބަހުން ކަރުދާސް ޓިކެޓް ނަގައިގެން ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މާދަމާއިން ފެށިގެން ވިލިމާލޭ ބަހުގެ ދަތުރުތަކުން އަގު ނަގަން ފަށަނީ --- ފޮޓޯ/ އެމްޓީސީސީ

ހަމައެއާއެކު ކަރުދާސް ޓިކެޓް ނެގުން ހަމަޖެހިފައިވަނީ ބަހުގެ ތެރެއިން ކަމަށާއި ޓާމިނަލްތަކުން ބަހުގެ ޚިދުމަތުގައި ބޭނުންކުރާ ކަރުދާސް ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އެ ގޮތަށް ނަގާ ޓިކެޓުގެ ފައިސާ ލާނެ ޚާއްސަ ފޮއްޓެއް، ބަހުގެ ތެރޭގައި ބަހައްޓާފައި ހުންނާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން ބަހުގެ ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމާއެކު، ޚިދުމަތް ހޯދާ މީހުން ސީދާ ޓިކެޓުގެ
އަގު ހަމަވާނެހެން ފައިސާ ގެނައުމަށް އެމްޓީސީސީން ވަނީ އެދިފައެވެ. އަދި ބަހުގައި ފައިސާ މާރުކުރެވޭނެ އިންތިޒާމު ނެތީ
ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކުރުމަށާއި، ބަހުގެ ޝެޑިއުލަށް ބުރުލެއް އެރިޔަ ނުދިނުމަށް ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ ކަރުދާސް ޓިކެޓް ގަނެވޭނެ
އިންތިޒާމް ހަޖައްސާފައިވުމުގެ މަގުސަދަކީ އިސް ރަށްވެހީންނަށް ބަހުގެ ޚިދުމަތް ބޭނުންކުރުމުގައި ފަސޭހަކޮށްދިނުން ކަމަށެވެ.

ބަހަށް ފައިސާ ދެއްކުމަށް ބޭނުންކުރާ އާރްޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނައިރު ކިޔުއާރް ޓިކެޓް ސްކޭން ކުރުމަށްޓަކައި ބަހަށް އެރުމަށްފަހު ޓިކެޓް ވެލިޑޭޓް ކުރުމަށް ކަނޑައެޅިފައިވާ މެޝިނަށް ދިމާކުރުމަށްފަހު ސްކޭން ކުރަން ޖެހޭނެއެވެ.

މީގެ އިތުރުން، ދުނިޔޭގެ ކޮންމެ ބޭންކެއް ގެވެސް ކޮންޓެކްޓްލެސް މާސްޓާކާޑު އަދި ވިސާ ބްރޭންޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް
ކާޑެއް އަތުގައި އޮވެއްޖެނަމަ އާރްޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތުގައިވެސް ޓެޕް އެންޑް ޕޭ މެތަޑުން ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މާދަމާއިން ފެށިގެން ވިލިމާލޭ ބަހުގެ ދަތުރުތަކުން އަގު ނަގަން ފަށަނީ --- ފޮޓޯ/ އެމްޓީސީސީ

މާދަމާއިން ފެށިގެން އަގު ނަގައިގެން ދަތުރުކުރަން ފެށި ނަމަވެސް 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދައްކައިގެން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދައްކައިގެން ހިލޭ ދަތުރުކުރެވޭނެއެވެ.

ވިލިމާލޭގައި އިލެކްޓްރިކް ބަހުގެ ޚިދުމަތަށް ބޭނުންކުރަނީ ހަ ބަހަށް ވާއިރު އެމްޓީސީސީން ބުނި ގޮތުގައި މި ބަސްތަކުގައި 11 މީހުންނަށް އިށީނދެގެން ތިބެވޭނޭހެން ސީޓު ހަރުކޮށްފައި ހުންނާނެއެވެ. އަދި ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގައާއެކު ޖުމްލަ 15 މީހުންނަށް އެއްފަހަރާ މި ބަހުގައި ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އާރުޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބޭނެއެވެ. ބަހުގެ ޚިދުމަތް ކޮންމެ ބަސް ހުއްޓިއަކުން ވެސް ފަސް މިނިޓާއި 10 މިނިޓާ ދޭތެރޭގެ ވަގުތުކޮޅެއްގައި ލިބޭނެއެވެ.

ބަސް ދަތުރުކުރާ ރޫޓުތައް ކަނޑައަޅާފައި ވަނީ ރައްޔިތުން އެންމެ ގިނައިން ދާންޖެހޭ ސަރަހައްދުތައް ދެނެގަތުމަށްފަހު ކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން ސްކޫލުތަކާއި، ހޮސްޕިޓަލާއި، ފެރީ ޓާމިނަލް އަދި ބީޗުތައް ހިމެނެއެވެ.

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދޭން ފަށާފައިވަނީ، އެ ރަށުގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް މި މަހުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަކަން މާލޭ ސިޓީ ކައުންސިލުން އިއުލާންކުރި ފަހުންނެވެ.

މާދަމާއިން ފެށިގެން ވިލިމާލޭ ބަހުގެ ދަތުރުތަކުން އަގު ނަގަން ފަށަނީ --- ފޮޓޯ/ އެމްޓީސީސީ

އެހެންކަމުން މާލޭ ސިޓީ ކައުންސިލުން ވަނީ އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުމުން އެކަމާ ނުރުހުން ފާޅުކޮށް، ބަހުގެ ޚިދުމަތް ފެށި ނަމަވެސް އެ ކައުންސިލުން ދޭން ނިންމައިފައިވާ އިލެކްޓްރިކް ބަގީގެ ޚިދުމަތް ދޭނެ ކަމަށް ބުނެފައެވެ.

ވިލިމާލޭގައި މީގެކުރިން އަމިއްލަ ބައެއް ފަރާތްތަކުން ބަގީގެ ދަތުރުތައް ކުރިނަމަވެސް، ބެޓްރީ ސައިކަލްތައް ގިނަވެ، ބަގީގެ ޚިދުމަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ވިލިމާލޭގައި އެކަށޭނަ ބަގީގެ ޚިދުމަތެއް ނެތުމަކީ، އެރަށަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ މީހުންނާއި، ހުކުރާއި ހޮނިހިރު ދުވަހު އެރަށަށް ދަތުރުދާ ވަރަށް ގިނަ އާއިލާތަކެއްގެ ޝަކުވާއެކެވެ.

comment ކޮމެންޓް