ވިއްސާރަވުމުން، ތައިލެންޑްގެ ފްލޯޓިން ރެސްޓޯރެންޓެއް އަޑިއަށް

ތައިލެންޑްގެ ސިޓީއެއް ކަމަށްވާ ޕަޓާޔާގައި ޕައިރޭޓް ތީމްގެ ފްލޯޓިން ރެސްޓޯރެންޓެއް ކަމަށްވާ "ކްރެކެނިއަން ދަ ޕްރައިވެޓް" އަޑިއަށް ގޮސްފި -- ފޮޓޯ/ އޭޝިއަން ނިއުސް ނެޓްވޯކް

ތައިލެންޑްގެ ޕަޓާޔާ ސިޓީގައި, ކަނޑުމަތީގައި ހިންގާ ފްލޯޓިން ރެސްޓޯރެންޓެއް ކަމަށްވާ "ކްރެކެނިއަން ދަ ޕްރައިވެޓް" އަޑިއަށް ހިނގައްޖެއެވެ.

ފަތުރުވެރިންނަށް ޚާއްސަކޮށް ހަދާފައިވާ އެ ރެސްޓޯރެންޓް ބަންޑުންޖަހާލީ ޕަޓާޔާ ސިޓީއާ ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައިވާ ގަދަ ކަނޑުގެ ތެރޭގައެވެ.

އޭޝިއާ ނިއުސް ނެޓްވޯކްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ހާދިސާ ހިނގި ވަގުތު މޫސުން ގޯސްވުމުގެ ސަބަބުން ރެސްޓޯރެންޓް ހުރީ ބަންދުކޮށްފައެވެ. އެހެންކަމުން ރެސްޓޯރެންޓް އަޑިއަށް ދިޔައިރު އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވެއެވެ.

އެ ރެސްޓޯރެންޓުގެ ވެރިޔާ ޕްރަޗިއަޕޯން ޕްލޮއިމުކްޑާ ބުނީ ދޯނި އަޑިއަށް ދިޔައީ ވައި ގަދަވެ، ރާޅުތައް ވެސް ބޮޑުވުމުން ކަމަށެވެ.

"ދޯނީގެ ފަހަތު ބައި އަޑިއަށްދިޔައީ ރާޅު އަރައި، ދިޔަވުމުން،" އޭނާ ބުންޏެވެ.

ތައިލެންޑްގެ ސިޓީއެއް ކަމަށްވާ ޕަޓާޔާގައި ޕައިރޭޓް ތީމްގެ ފްލޯޓިން ރެސްޓޯރެންޓެއް ކަމަށްވާ "ކްރެކެނިއަން ދަ ޕްރައިވެޓް" އަޑިއަށް ގޮސްފި -- ފޮޓޯ/ އޭޝިއަން ނިއުސް ނެޓްވޯކް

ބެންކޮކް ޕޯސްޓްގައިވާ ގޮތުން އެ ރެސްޓޯރެންޓް އަޑިއަށް ދިޔައީ ފެން ޕަމްޕެއް ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ކަމަށް ވަނީ ބެލެވިފައެވެ.

އެ ރެސްޓޯރެންޓް ފުންކުރުމުގެ މަސައްކަތް ކުރަނީ ސަލާމަތީ ބާރުތަކުންނެވެ.

ޕްރަޗިއަޕޯން ބުނީ އެ ރެސްޓޯރެންޓަކީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން، 'ޕައިރެޓް' ތީމްއަކަށް ހިންގަމުން އައި ރެސްޓޯރެންޓެއް ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް 100 އެއްހާ ކަސްޓަމަރުންގެ ޖާގައިގެ ރެސްޓޯރެންޓެއް ކަމަށް އޭނާ ބުންޏެވެ.

"މި ދޯނީގައި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމުގެ ފުރުސަތުދީ، މިއުޒިކް ޝޯތަކާއި ކަރައޯކޭ ވެސް ބާއްވާ،" ޕްރަޗިއަޕޯން ބުންޏެވެ.

އެ ރެސްޓޯރެންޓަށް ކަސްޓަމަރުން އައިސް ގޮސް ހެދީ ސްޕީޑްބޯޓުތަކުގައެވެ.

comment ކޮމެންޓް