ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު އެމްވީ ގެލީނާއަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަޑައިގެން، ބޯޓު މަތީގައި މަސައްކަތްތައް ކުރިއަށްގެންދާ ގޮތް ބައްލަވާލައްވައިފިއެވެ.
އެމްވީ ގެލީނާއަކީ އިންޑިޔާއާއި ލަންކާއާއި ރާއްޖެއާ ދެމެދު މުދާ އުފުލުމަށް ބޭނުންކުރާ 680 ކޮންޓެއިނަރުގެ ބޯޓެކެވެ. އެ ބޯޓަކީ އެމްއެސްއެސްގެ އަމިއްލަ ބޯޓެކެވެ.
މިއަދު ނަހުލާ ވަނީ އެ ބޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާއި އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން ޢަބްދުﷲ ސަޢީދާއި އެމްއެސްއެސްގެ އިސްވެރިންނާާއި އެމްޕީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްވީ ގެލީނާ ބައްލަވާލެއްވުމަށް މިނިސްޓަރު އައިޝަތު ނަހުލާ ވަޑައިގެންނެވުން -- ފޮޓޯ/ އެމްޕީއެލް
ނަހުލާ ވިދާޅުވީ، އެމްވީ ގެލީނާ ފަދަ ދިވެހިންގެ އަމިއްލަ ވަސީލަތްތައް އޮތުން ބޭނުންތެރި ކަމަށެވެ. އަދި އެ ވަސީލަތްތައް ބޭނުންކުރުމުގައާއި ޚިދުމަތްތަކުގައި ވީހާވެސް ގިނަ ދިވެހިން ތިބުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަހުލާ އިތުރަށް ވިދާޅުވީ އެ ޚިދުމަތުގައި ދިވެހި ޒުވާނުން ބިނާކޮށް ބައިވެރިކުރުމަށްޓަކައި މިނިސްޓްރީ އިން ދެވެން އޮތް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެ ދާއިރާއަށް ސްކޫލް ކުދިން ޝައުގުވެރިކުރުވުމަށްޓަކައި މަދަރުސީ ދައުރުން ފެށިގެން ދަރިވަރުންނަށް މިފަދަ ކަންކަމާ ގުޅޭ މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމްވީ ގެލީނާ ބައްލަވާލެއްވުމަށް މިނިސްޓަރު އައިޝަތު ނަހުލާ ވަޑައިގެންނެވުން -- ފޮޓޯ/ އެމްޕީއެލް
އެމްއެސްއެސްގެ ނަމުގައި އެސްޓީއޯއިން ސަބްސިޑަރީ ކުންފުންޏެއް އުފައްދާ ރަޖިސްޓްރީ ކޮށްފައިވަނީ 2021 ވަނަ އަހަރުގެ މާޗް މަހުއެވެ.
އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ދިވެހި ކުންފުންޏެއް މެދުވެރިކޮށް ގެނެވޭނެ މަގުފަހިކޮށްދިނުމެވެ.