ލަންކާގެ ރިޔާސީ އިންތިޚާބުގައި ސިރިސޭނާ ވާދަކުރައްވާނެ

ލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ --

ސްރީލަންކާގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެގައުމުގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އިއުލާން ކުރައްވައިފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިރިސޭނާ ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވާނީ އޭނާ ޗެއާޕާސަންގެ ގޮތުގައި ހުންނަވާ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކަމަށެވެ.

ސިރިސޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އޭނާއަށް ކިތަންމެ ފުރައްސާރައެއް ކުރިޔަސް ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނީ އޭނާގެ ޕާޓީގެ ފުރިހަމަ ތާއީދާއެކު ކަމަށެވެ. އަދި އެ އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑު އެއްވެސް ރޭވުމަކަށް ބިރެއް ނުގަނޭ. ޝަރުޢީ ދާއިރާއާއި ޤާނޫނަށް އަޅުގަނޑު އިޙްތިރާމް ކުރަން،" ސިރިސޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ސިރިސޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް، އެގައުމުގެ ހަތް ވަނަ ރައީސްގެ މަގާމު ފުރުއްވާފައެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރެއްވީ އޭރު ވެރިކަމުގައި ހުންނެވި ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރާ ދެކޮޅަށް، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުގެ ގޮތުގައެވެ.

ސިރިސޭނާ ވަނީ ރައީސްކަން ކުރެއްވި ފަސް އަހަރަށް ފަހު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރައްވާފައެވެ.

ސިރިސޭނާއަކީ ސްރީލަންކާގައި ރައީސްކަން ކުރެއްވުމަށްފަހު ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވި ދެވަނަ ރައީސެވެ. ރައީސްކަން ކުރެއްވުމަށްފަހު މަޖިލީހަށް އިންތިޚާބުވި ފުރަތަމަ ކުރީގެ ރައީސަކީ ގައުމުގެ ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސައެވެ.

ސިރިސޭނާ ރައީސްކަމުގައި ހުންނެވި ދުވަސްވަރު އެގައުމުގެ ސިޔާސީ މަސްރަޙު އެންމެ ހަލަބޮލިވީ، 2018 ވަނަ އަހަރު އެމަނިކުފާނު ކުއްލި ގޮތަކަށް މިހާރުގެ ރައީސް އަދި އޭރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކޮށް، ޕާލިމެންޓް ވެސް އުވާލެއްވުމުންނެވެ.

ސިރިސޭނާ އޭރު ވިދާޅުވީ ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރު ކުރެއްވި މައިގަނޑު ސަބަބަކީ އޭނާ އަވަހާރަކޮށްލަން ބަޔަކު ރޭވި މައްސަލަ ސީރިއަސްކޮށް ނުނަންގަވާތީ ކަމަށެވެ.

ސިރިސޭނާ ޕާލިމެންޓް އުވާލެއްވި މައްސަލަ އޭރު ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އެމަނިކުފާނު އަމަލުކުރެއްވީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންކަމުން ސިރިސޭނާ އަނެއްކާވެސް ރަނިލް ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވިއެވެ. އަދި ޕާލިމެންޓުގެ މަސައްކަތްތައް އަލުން ފެށިއެވެ.

މީގެ އިތުރުން، އޭޕްރިލް 21، 2019ގައި ލަންކާގައި ފައްޅިތަކަކަށާއި ހޮޓެލްތަކަކަށް އަމާޒުކޮށް ހަމަލާތައް ދިނީ ވެސް ސިރިސޭނާގެ ވެރިކަމުގައެވެ. އެ ހަމަލާތަކުގައި 269 މީހަކު މަރުވިއެވެ.

އެ ހަމަލާތައް ކާމިޔާބުވީ ސަރުކާރުގެ ވެސް އިހުމާލުތަކެއް އޮތުމުން ކަމަށް ބުނެ ސިރިސޭނާގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އެ މައްސަލައިގައި މި މަހު ލަންކާގެ ސުޕްރީމް ކޯޓުން ވަނީ ހަމަލާތަކާ ބެހޭ ސިއްރު މައުލޫމާތު ލިބުނު ނަމަވެސް ސިރިސޭނާ އާއި އޭނާގެ ސަރުކާރުގެ އޮފިޝަލުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ ކަމަށެވެ.

އެހެންކަމުން، ހަމަލާގައި ގެއްލުން ލިބުނު މީހުންނަށް ބަދަލުގެ ގޮތުގައި 100 މިލިއަން ސްރީލަންކަން ރުޕީސް (273،300 ޑޮލަރު) ދެއްކުމަށް ކޯޓުން ވަނީ ސިރިސޭނާއަށް އަމުރުކޮށްފައެވެ.

comment ކޮމެންޓް