ހަނިމާދޫ އެއާޕޯޓަށް ރޭގަނޑު ކުރާ ދަތުރުތައް މެދުކަނޑާލަނީ

މޯލްޑިވިއަންގެ ފްލައިޓެއް ވީއައިއޭގައި ---

ހދ. ހަނިމާދޫ އެއާޕޯޓުގެ ރޭގަނޑު ދަތުރުތައް ކުރިއަށް އޮތް މާރިޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން ނިންމައިފިއެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި ކަމަށްވާ އައިލެންޑު އޭވިއޭޝަނުން މިއަދު ބުނީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާތީ މޯލްޑިވިއަން އިން އެ އެއާޕޯޓަށް ރޭގަނޑު ކުރާ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

މޯލްޑިވިއަނުން ބުނީ މި ގެނައި ބަދަލާއެކު ހަނިމާދޫ އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް ވެސް ހަމަ އެ ދުވަހުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ކުރިއަށް އޮތް މާރިޗު މަހުގެ ފުރަތަމަ ދުވަހުގެ ފަހަށް ޓިކެޓު ނަގާފައިވާ ފަރާތްތަކުން، މޯލްޑިވިއަންގެ ކޯލް ސެންޓަރު މެދުވެރިކޮށް ދަތުރުގެ ކަންތައްތައް ހަމަޖެއްސައިދޭނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މިއީ 136.6 މިލިއަން އެމެރިކާ ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް އަޅާނެއެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއާޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ވެސް މަޝްރޫއުގެ ދަށުން ގާއިމުކުރާނެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

comment ކޮމެންޓް