އާ މަގާމުތައް އުފެއްދުން ހުއްޓައިލާ، ޚަރަދު ކުޑަކުރަން އަންގައިފި

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

އާ މަގާމުތައް އުފެއްދުން ހުއްޓައިލަން އަންގައި، ސަރުކާރު އޮފީސްތަކުގެ ޚަރަދު ވީހާވެސް ކުޑަވާނެހެން ބަޖެޓު ތަންފީޒުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަންގަވައިފިއެވެ.

މިނިސްޓަރު އަމީރު ސޮއިކުރައްވައި، އިއްޔެ ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައި ވަނީ ބަޖެޓު ތަންފީޒުކުރުމަށް އަމަލުކުރަންވީ ގޮތްތަކެއް ފާހަގަކޮށްފައެވެ.

އެގޮތުން މުވައްޒަފުންނަށް ހިނގާ ޚަރަދާއި، އޮފީސްތަކުގެ ދަތުރު ޚަރަދުގެ އިތުރުން، ތަމްރީނުތައް ހިންގުމާއި އޮފީސް ހިންގަން ބޭނުންވާ ތަކެތި ހޯދުމުގައި ޚަރަދުކުރުމުގައި ސަމާލުވާންވީ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އަދި އޮފީސް ޚަރަދުތަކުގެ އެފިޝެންސީ ވީހާ ވެސް މަތިވާނެހެން އަމަލުކުރުމަށް ވަނީ އަންގައިފައެވެ.

މިނިސްޓްރީން އަޅަން އެންގި ބައެއް ފިޔަވަޅުތައް:

  • މި މިނިސްޓްރީގެ ހުއްދަ ނެތި ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ގޮތަށް އެއްވެސް އާ މަގާމެއް ނުއުފެއްދުން.

  • ނެޝަނަލް ޕޭ ކޮމިޝަނުން ދިރާސާ ކުރުމަށްފަހު، މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނައުން.

  • ބަޖެޓްގައި ހިމެނިފައި ވީނަމަވެސް، މިހާރު ދޭން ފަށާފައިނުވާ އާ އެއްވެސް އެލަވަންސެއް، މިނިސްޓްރީގެ ހުއްދަ ނެތި އަހަރު ތެރޭގައި ދޭން ނުފެށުން.

  • މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަށް، ރޭންކަށް އަދި މުސާރައާއި އިނާޔަތްތަކަށް ބަދަލެއް އަންނާނެ ފަދަ ކަމެއް ކުރިއަށް ނުގެންދިއުން.

  • ރަސްމީ ގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމޭނެ ގޮތަކަށް މަސައްކަތްތައް ރޭވުމާއި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން.

މީގެ އިތުރުން މުވައްޒަފުންގެ ތަމްރީނަށް ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ސްކޮލާޝިޕް ސްކީމްތަކުގެ ބޭރުން، އެއްވެސް އިތުރު އާ ސްކޮލަޝިޕެއް ނުދިނުމާއި، ރާއްޖޭން ބޭރުން ހުރިހާ ޚަރަދެއް ލިބޭ ކުރުމުއްދަތުގެ ކޯސްތަކާއި ޓްރެއިނިންތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުން ވެސް ހިމެނެއެވެ.

މި އަހަރުގެ ބަޖެޓަށް ކަނޑައަޅައިފައިވަނީ 43 ބިިލިއަން ރުފިޔާއެވެ. އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 32 ބިލިއަން ރުފިޔާއެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ވެސް އަންނަނީ ލަފާދެމުންނެވެ. ނަމަވެސް ޚަރަދު ކުޑަކުރުމުގެ ބަދަލުގައި އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ބޮޑުކުރީ އާންމު ޚިދުމަތްތަކުން ނަގާ ޖީއެސްޓީއެވެ.

comment ކޮމެންޓް