ބޭރަށް ހިންގުމާއި ހޮޑުލުން އާންމުވެ މި އަހަރުގެ މިހާތަނަށް މި ބަލިޖެހިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު 3000އަށްވުރެ އިތުރުވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ، މި އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައި ވަނީ ޖުމުލަ 3580 ކޭސް ކަމަށެވެ. އަދި މިދިޔަ ހަފުތާގައި 113 ކޭސް ރިޕޯޓުކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުންޏެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުގެ އިތުރުން އަރިދަފުސް ރޯގާއާއި ހުން ވެސް މިހާރު ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ ޑރ. އަހުމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވަނީ، އެކި ވައްތަރުގެ ބަލިތައް ގިނަވެ އައިޖީއެމްއެޗް ކުޑަކުދިންގެ ވޯޑު މިހާރު އެއްކޮން ފުރިފައި ވާކަމަށެވެ.
މީގެ އިތުރުން އަރިއަތޮޅުން "މަދިރި އެއް ހަފައިގެން" އައި ކުޑަކުއްޖަކަށް ވެސް މިވަގުތު އިމަޖެންސީގައި ފަރުވާދޭކަމަށް ޓްވީޓުގައި ވެއެވެ.
ބޭރަށް ހިންގުމާއި ރޯގާތަކުން ސަލާމަތްވުމުގެ ގޮތުން ކުރުމަށް ޑޮކްޓަރުން އިރުޝާދުދީފައިވަ ކަންކަން:
- ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަށް އަތް ދޮވުން
- ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުން
- ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުމާއެކު ކާބޯތަކެތި ރައްކާކުރާ ތަނަކީ ސާފު ތަނެކަން ޔަގީން ކުރުން
- ކާބޯތަކެއްޗަށް ދިރޭ ސޫފާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުން
- ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން
ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ އާންމީ މާލޭ ސަރަހައްދުގައެވެ. އަދި އަތޮޅުތެރެއިން މި ބަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ، އދ. އަތޮޅުންނެވެ.