ޕްރިޔަންކާގެ ދަރިފުޅު މާލްތީގެ މޫނު ދައްކާލައިފި

ބަތަލާ ޕްރިޔަންކާ ދަރިފުޅު މާލްތީ މާރީގެ މޫނު ފެންނަ ފޮޓޯ ފުރަތަމަ ފަހަރަށް އާއްމުންނަށް ދައްކާލައިފިއެވެ.

ޕްރިޔަންކާ ދަރިފުޅާއެކު ނަގާފައިވާ ލޯބި ފޮޓޯތަކެއް ޢާއްމުކޮށްފައިވަނީ ބަތަލާގެ ފިރިމީހާ ނިކް ޖޯނަސް ހިމެނޭ ޢާއިލީ މިއުޒިކް ބޭންޑް، "ޖޯނަސް ބްރަދާސް"އަށް ވޯކް އޮފް ފޭމްގެ ލަޤަބަ ލިބުމާގުޅިގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. އަހަރު ފުރިފައިވާ މާލްތީގެ ފޮޓޯ މިހާތަނަށް ޕްރިޔަންކާ ހިއްސާކުރަމުންއައީ ދަރިފުޅުގެ މޫނު ނުފެންނަ ގޮތަށެވެ.

ބަތަލާގެ ފިރިމީހާ ހިމެނޭ ޢާއިލީ މިއުޒިކް ބޭންޑް "ޖޯނަސް ބްރަދާސް"އަށް ވޯކް އޮފް ފޭމް ޝަރަފު އެރުވި ޙަފްލާގައި ބޭންޑުގެ އަނެއް ދެ މެމްބަރުންގެ އަންހެނުންނާއި ކުދިންވެސް ބައިވެރިވިއެވެ. މިޙަފްލާގެ ފޮޓޯތައް އަމިއްލަ ސޯޝަލް މީޑިއާގައި ޙިއްސާކުރަމުން ޕްރިޔަންކާވަނީ ފިރިމީހާ ނިކާއި ޖޯނަސް ބްރަދާސްގެ ދެ މެމްބަރުން ކަމަށްވާ ޖޯ އަދި ކެވިންއަށް ވެސް މަރުޙަބާ ކިޔާފައެވެ. ޖޯނަސް ބްރަދާސްއަށް މި ޝަރަފް އެރުވުނުއިރު މާލްތީއާއެކު ބަތަލާ ހޭދަކުރި ހިތްގައިމު ލޯބި ވަގުތުކޮޅުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވުމަށް މާގިނަ ވަގުތެއް ނުނަގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނިކް ޖޯނަސް ވަނީ ޕްރިޔަންކާއަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. ނިކް، ޕްރިޔަންކާ ސިފަކޮށްފައި ވަނީ ލަވަކިޔުންތެރިޔާގެ ދިރިއުޅުމުގެ އެންމެ މުހިއްމު އެއް ތަނބުކަމަށެވެ. ދެ މީހުންގެ ކައިވެންޏާމެދު އަބަދުވެސް އުފާކުރާކަމަށާއި މާލްތީގެ ބައްޕަގެ ރޯލަކީ އޭނާ އެރޯލަކަށް ޝުކުރުވެރިވާ ރޯލެއްކަމުގައެވެ. ދަރިފުޅު މާލްތީއާ މުޚާތަބްކުރަމުން ނިކް ބުނެފައިވަނީ އުއްމީދަކީ މީގެ 15 އަހަރުފަހުން އެ ސްޓޭޖްގައި މާލްތީ ހުންނަތަން ފެނިގެންދިއުން ކަމަށެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތަކުން ބޮޑު މަޤުބޫލުކަމެއް ހޯދި ރީތީގެ ރާނީ ޕްރިޔަންކާ އަކީ މިހާރު ހޮލީވުޑްގެ ސެލެބްރިޓީންގެ ތެރެއިން ގުނާލެވޭ ބަތަލާއެކެވެ. ޕްރިޔަންކާއާއި ނިކް ޖޯނަސް 2018ވަނަ އަހަރު ކައިވެނި ކުރުމަށްފަހު ބަތަލާގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރަނީ އެމެރިކާގެ ލޮސް އެންޖަލިސްގައެވެ.

ދެ މީހުންގެ ޢުމުރުގައި ބޮޑު ތަފާތެއް ހުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ރައްދުވިޔަސް އެފަދަ ފާޑުކިޔުންތަކަށް ބެލުމެއް ނެތް ކަމަށް ބަތަލާވަނީ މީގެ ކުރިން ވެސް ބުނެފައެވެ. ޕްރިޔަންކާއާއި ނިކްގެ ދަރިފުޅު މާލްތީ މާރީ ޖޯނަސްއަކީ ސަރޮގޭޓް ކޮށްގެން ހޯދި ކުއްޖެކެވެ.

comment ކޮމެންޓް