ޔާމީންގެ މައްސަލަ ބަލާ ފަނޑިޔާރުންނަށް ލިބޭ ޕްރޮމޯޝަން ގުޅެނީ މައްސަލައިގެ ހުކުމާ: ޑރ. ޖަމީލް

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޢަބްދުﷲ ޔާމީންގެ މައްސަލަ ދަށު ކޯޓު މަރުހަލާގައި ބަލާ ފަނޑިޔާރުންނަށް ލިބޭ ޕްރޮމޯޝަން ގުޅިފައި އޮންނަނީ އެ މައްސަލައެއްގައި ފަނޑިޔާރަކު ކުރާ ހުކުމަކާކަމަށް އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ވ. އާރަށު މައްސަލައިގައި ވަކީލުން މިހާރު ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތޫ ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޖަމީލް ވިދާޅުވީ ފަނޑިޔާރުންގެ ޕްރޮމޯޝަނަކީ ފަނޑިޔާރުންގެ ގާނޫނާއި، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އާއި އެހެނިހެން ގާނޫނުތަކުގެ ތެރެއިން ކުރަމުން އަންނަ ކަމެއްކަމަށެވެ.

އެހެންވެ، އެ ކަންކަމާ ދެކޮޅަށް ވަކީލުންގެ ހައިސިއްޔަތުން ދެއްކޭނެ މާ ބޮޑު ވާހަކައެއް ނޯންނާނެކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ނަމަވެސް އުނދަގޫވާ ކަންތައްތަކެއް އެބަހުރި ކަމަށާއި، "ސަބަބުވެރި އިންސާނެއްގެ ވިސްނުމުން" ވިސްނާނަމަ އިއްތިފާގެއްތޯ ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހިނގާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ސަބަބުވެރި ވިސްނުމަކުން ވިސްނާކަމުގައި ވަންޏާމުން، މީގެ މާ ގިނަ އިއްތިފާގުތަކެއް މި ހުންނަނީ ރައީސް ޔާމީނުގެ މައްސަލަތަކާއި ފަނޑިޔާރުންގެ ޕްރޮމޯޝަނާ ގުޅިފައި. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. ސަބަބުވެރި ވިސްނުމަކުން ވިސްނާކަމުގައި ވަންޏާމުން ޚާއްސަ ގޮތެއްގައި މިހާރުގެ ސަރުކާރުން، 2018ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ވުޖޫދުވުމާ އެކީގައި ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ޚާއްސަ ގޮތެއްގައި ރަައީސް ޔާމީނުގެ މައްސަލަ ދަތުރުކޮށްފައިވާ ގޮތަށް ބަލާކަމުގައި ވަންޏާ މުޅި ޖިނާއީ ޢަދުލުގެ ނިޒާމަށް ޖެހުނު ލަށްގަނޑެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރަނީ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ގިނަ ކަންތައްތަކެއް ހިނގަނީ ބަލައިގަންނަން ދަތި އުސޫލަކުންކަމަށެވެ.

https://sun.mv/173485

އާރަށު މައްސަލައިގައި ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލު ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ މި މަހުގެ 16ވަނަ ދުވަހު އެ ކަމަށް ހުޅުވާލުމުންނެވެ.

https://sun.mv/142794

މީގެ ކުރިން، 2019 ވަނަ އަހަރު ގއ. ވޮޑުމުއްލާ މައްސަލައިގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީން ޖަލަށް ލާން ހުކުމް އިއްވި ފަނޑިޔާރު އަލީ ރަޝީދަށް ވެސް ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް އައްޔަންކުރައްވައިފައެވެ.

އޭރު ވެސް އިދިކޮޅުން އެ ކަން ސިފަކުރީ ރައީސް ޔާމީންގެ މައްސަލައިގެ ހުކުމާ ގުޅިގެން އަލީ ރަޝީދަށް ދިން "ހަދިޔާ"އެއްގެ ގޮތުގައެވެ.

comment ކޮމެންޓް