ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ޝަކީލް --

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް، ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފިއެވެ.

އެކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފައިވަނީ މިމަހު 16ވަނަ ދުވަހުއެވެ. ޖުޑީޝަލް ސާވިސަސް ކޮމިޝަނުން މިއަދު ވަނީ ސުންގަނޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ނަންތައް ހާމަކޮށްފައެވެ.

މިގޮތުން، އެ މަގާމަށް ކުރިމަތިލައްވާފައިވަނީ:

1. އަޙްމަދު ޝަކީލް / ސިޔާމާމަންޒިލް، އއ.ފެރިދޫ

2. މުޙައްމަދު ޝަނީޒް ޢަބްދުﷲ/ ހަނދުވަރީނާޒް، ގދ.ގައްދޫ

3. ޙުސައިން ޝަކީބް / ހުޅުމާލެ، ދޮޅަސް، މާލެ

4. މަރްޔަމް ވަޙީދު / ބެލޫން، ސ.ފޭދޫ

ހައި ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާއިން ޑިގްރީ ހާސިލްކޮށްފައިވާ މީހުންނަށެވެ. އަދި ގާޒީއެއްގެ ގޮތުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މީހުންނަށެވެ.

މީގެ އިތުރުން ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހަކީ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ ޢަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރި ކަމަށް ސާބިތުވެފައިނުވުމާއެކު އެފަދަ ކުށެއް ކޮށްފައިވާނަމަ ހުކުމެއް ތަންފީޒުކޮށް ނިމިފައިވާތާ ހަތް އަހަރު ވާންޖެހެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 36،000 ރުފިޔާ ލިބޭއިރު ލިވިން އެލެވެންސެއްގެ ގޮތުން 15،000 ރުފިޔާއާއި ރިސްކް އެލަވަންސަކަށް 3300 ރުފިޔާ ދެއެވެ. އަދި ފޯނު އެލަވެންސާއި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް