ޔުކްރެއިނަށް އަސްކަރީ ފައިޓާޖެޓް ނުދެވޭނެ: އެމެރިކާ

އެމެރިކާގައި އުފައްދާ އެފް 16 މަރުކާގެ ފައިޓާޖެޓެއް

ވޮޝިންޓަން (31 ޖަނަވަރީ 2023): ޔުކްރެއިނަށް އެމެރިކާގެ އަސްކަރީ ފައިޓާޖެޓް ނުދޭނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ޔުކްރެއިނަށް ފައިޓާޖެޓް ދިނުމަށް އެ ގައުމުގެ ރައީސް ވްލަދިމީރު ޒެލެންސްކީ ތަކުރާރުކޮށް އެދެމުންދާއިރު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ބައިޑެން ވިދާޅުވީ އެމެރިކާއިން ޔުކްރެއިނަށް ފައިޓާޖެޓް ނުދޭނެކަމުގައެވެ. ނަމަވެސް މިކަމުގެ ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.

ޔުކްރެއިނާ ދެކޮޅަށް މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ރަޝިއާ ފެށި ހަނގުރާމައަށް އެއްއަހަރު ވާން ގާތްވެފައިވާއިރު ޔުކްރެއިނަށް ހަތިޔާރާއި އަސްކަރީ ޖާސޫސީ މައުލޫމާތާއި އެނޫން އެހީތައް ދެމުންގެންދަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. ނަތީޖާއަކީ އަސްކަރީގޮތުންނާއި އިގްތިސާދީގޮތުން އެމެރިކާއާއި ޔޫރަޕަށް މުޅިން ބަރޯސާވާން ޖެހިފައިވާ ގައުމަކަށް ޔުކްރެއިން ވެގެންދިޔުމެވެ.

ހަނގުރާމައަށް އެއް އަހަރު ވަމުންދާއިރު ރަޝިއާ ވަނީ ޔުކްރެއިންގެ ބިމުގެ ގާތަގަނޑަކަށް 20 އިންސައްތަ ހިފައި އެތަންތަން ރަޝިއާގެ ތަންތަނުގެ ގޮތުގައި ހަދައިފައެވެ. އަދި ރަޝިއާގެ ބާރުގަދަ ހަމަލާތަކުގައި ޔުކްރެއިންގެ ގިނަ ސިޓީތަކާއި ޓައުންތަކާއި ވިލެޖްތައް ވަނީ ވަރަށްބޮޑަށް ހަލާކުކޮށް ސުންނާފަތިކޮށްލާފައެވެ.

ނަމަވެސް ޔުކްރެއިންގެ ލީޑަރުން ދެކޭގޮތުގައި ހުޅަނގުން ހަތިޔާރު ހޯދައިގެން ޔުކްރެއިން ސިފައިންނަށް ރަޝިއާ އަސްކަރީގޮތުން ބަލިކުރެވޭނެއެވެ. އަދި ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދުތައް މިނިވަންކޮށް ރަޝިއާ އެދޭ އެއްވެސް ދުލެއްނުދީ ޔުކްރެއިނަށް ހަނގުރާމަ ކާމިޔާބު ކުރެވޭނެއެވެ. މިގޮތުން ރަޝިއާ އަސްކަރީގޮތުން ބަލިކޮށް ޔުކްރޭން އެދޭފަދަ ސުލްހައިގެ މުއާހަދާއެއްގައި ސޮއިކުރަން ރަޝިއާއަށް މަޖުބޫރު ކުރެވޭނެއެވެ.

ރަޝިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ވަރުގަދަ އަސްކަރީ ބާރެވެ. އަދި ދުނިޔޭގެ އެއްވަނަ ނިއުކްލިޔާ ބާރެވެ. ހަތިޔާރުގެ ސިނާއަތާއި އަސްކަރީ ޓެކްނޮލޮޖީއަށް ބަލާއިރު ރަޝިއާއަކީ އެމެރިކާއާ ދާދި އެއްފެންވަރެއްގައި އުޅޭ ގައުމެކެވެ.

ޔުކްރެއިން އެދޭ އެދުމުގެ މަތިން ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާއިން ވަނީ ޔުކްރެއިނަށް ހަނގުރާމައިގެ ޓޭންކްތައް ދޭން އެއްބަސްވެފައެވެ. ޔުކްރެއިން އެދިފައިވަނީ 300 އަށްވުރެ ގިނަ ޓޭންކަށެވެ. ނަމަވެސް ހުޅަނގުގެ ނުވަ ގައުމަކުން ޔުކްރެއިނަށް ދޭނެކަމަށް ބުނެފައިވަނީ 106 ޓޭންކެވެ. މިޓޭންތައް ޔުކްރެއިންއަށް ލިބި އޭގެ ބޭނުންހިފޭވަރުވާނީ އަދި ދެމަސްފަހުންކަމަށް ހުޅަނގުގެ އަސްކަރީ މަސްޢޫލުވެރިން ވިދާޅުވެއެވެ.

އެއީ ޔުކްރެއިން ސިފައިންނަކީ ރަޝިއާގެ ހަތިޔާރަށް ތަމްރީންވެފައި ތިބި ބަޔަކަށްވެފައި ހުޅަނގުގެ ޓޭންކްތައް ބޭނުންކުރުމަށް ޔުކްރެއިން ސިފައިންނަށް ގިނަ ތަމްރީންތަކެއް ބޭނުންވާތީއެވެ. ރަޝިއާއަކީ ހަނގުރާމައިގެ 22،000 ޓޭންކްގެ ބޮޑު ސްޓޮކެއް އޮންނަ ގައުމެކެވެ. ނަމަވެސް ހުޅަނގުން ޔުކްރެއިނަށް ބަރު ހަތިޔާރު ފޯރުކޮށްދިނުމަކީ ރަޝިއާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ގާބިލްކަން ޔުކްރެއިންގެ ސިފައިންނަށް ލިބިގެންދާނެ ކަމެއް ކަަމަށް ވަނީ ބެލެވިފައެވެ.

ހުޅަނގުގެ ޓޭންކްތައް ޔުކްރެއިންގެ ހަނގުރާމައިގެ މައިދާނަށް ގެނައުމުގެ މަގުމަތީގައި އެތަކެއްޗަށް ހަމަލާދީ ހަލާކުކޮށްލާނެކަމުގެ އިންޒާރު ރަޝިއާގެ މަސްއޫލުވެރިން ވަނީ ދެއްވާފައެވެ. ޔުކްރެއިންގެ ޓްރާންސްޕޯޓް ވިއުގަތައް ހިމެނޭގޮތަށް އެ ގައުމުގެ އިންފްރާސްޓްރަކްޗާގެ ބޮޑުބައެއް ރަޝިއާއިން ހަލާކުކޮށްލާފައިވާތީ އާއި ރަޝިއާގެ ހަމަލާތައްވެސް އެއަށް އަމާޒުކުރާނެކަމަށް ބެލެވޭތީ ހުޅަނގުން ދޭ ޓޭންކްތައް ޔުކްރެއިނަށް ގެނައުން ވެގެންދާނީ ވަރަށް ދަތިކަމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޔުކްރެއިނަށް އަސްކަރީ ފައިޓާޖެޓް ދޭން އެމެރިކާ ފަސްޖެހުނު ނަމަވެސް ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން ވަނީ އެ ގައުމުން އުފައްދާ ފައިޓާޖެޓް ޔުކްރެއިނަށް ދެވިދާނެކަމުގެ ނުސީދާ އިޝާރާތެއް ކުރައްވާފައެވެ.

comment ކޮމެންޓް