ދެ ފަނޑިޔާރެއްގެ ސްލޫކީ މައްސަލަ ބަލަނީ

ޖޭއެސްސީއިން ސްލޫކީ މައްސަލަ ބަލަން ނިންމި ދެ ފަނޑިޔާރުން ---

ދެ ފަނޑިޔާރެއްގެ ސްލޫކީ މައްސަލަ ބަލަން, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިވިލް ކޯޓުގެ ގާޒީ ފައްޔާޒް ޝާތިރާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތާހިރުގެ ސްލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގާޒީ ފައްޔާޒްގެ މައްސަލަ ބަލުމަށް ނިންމީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު، މައްސަލައިގެ ޙުކުމް ނުކޮށް އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މައްސަލަ ކުރިއަށް ގެންދިޔުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ހަމައެއާއެކު، މެޖިސްޓްރޭޓް ޒިޔާދާގެ މައްސަލަ ބެލުމަށް ނިންމީ ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގަ އާއި ކޯޓު ހަވާލުވުމުގެ ކަންކަމުގައި އަދި އެ ކޯޓުން ހިންގަންޖެހޭ ޝަރީއަތުގެ މަޖިލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް، އޭނާ އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ ދެ ފަނޑިޔާރުންގެ މައްސަލަ ވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ނިންމީ މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ދެ ވަނަ ޖަލްސާގައި ކަމަށާއި އެ މައްސަލަތައް ތަހުގީގު ކުރުމަށް މިހާރު ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މިހާރު އެކުލަވާލާފައިވާ ޖޭއެސްސީއިން އަންނަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅަމުންނެވެ.

comment ކޮމެންޓް