ރަށް ގިރުމުގެ މައްސަލަ ހައްލުވުމާއެކު ކޮޅުފުއްޓަށް އުފާވެރިކަން

މ. ކޮޅުފުށީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ

މ. ކޮޅުފުށީގެ ގިރާ ސަރަހައްދު ހިމާޔަތް ކޮށް ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަކީ އެ ރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައި ތިބި އެއް ކަންތައް ކަމަށާއި އެކަން ފުރިހަމަ ވުމާއެކު، އެކަމާ މުޅި ރަށް އުފާކުރާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ދެހާސް ހަތަރުވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށް ފަހު ރަށްގިރުމުގެ މައްސަލައަކީ ކޮޅުފުއްޓަށް ދިމާވެފައިވާ، ރަށު ރައްޔިތުން އެކަމާ ކަންބޮޑުވާ ބޮޑު މައްސަލައެކެވެ.

އެކަން ހައްލު ކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީން ވަނީ ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް 9.22 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެކަމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމްޓީސީސީން ފެށިއިރު، އިއްޔެ ވަނީ އެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ.

މ. ކޮޅުފުށީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ

އެ މަޝްރޫއުގެ ދަށުން ކޮޅުފުށީގައި ޒަމާނުއްސުރެ ގިރަމުންދިޔަ ހަތަރު ސަރަޙައްދެއް ވަނީ ޙިމާޔަތްކޮށްފައެވެ. އެގޮތުން އެ ރަށުގައި 5،575 ކިއުބިކް މީޓަރުގެ މޫދަށް އެރޭ ސަރަޙައްދު ފުންކޮށް، 4،108 ކިއުބިކް މީޓަރުގެ ސެންޓްރަލް ވޭސްޓް ސަރަޙައްދެއް ވަނީ ފުން ކޮށްފައެވެ. އަދި 518 މީޓަރުގެ ރިވެޓްމަންޓެއް ޖަހައި، 202 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮއްޓެއް ވެސް އެރަށުގައި ވަނީ ގާއިމުކޮށްފައެވެ.

އެކަމާ ގުޅިގެން ކޮޅުފުށީ ކައުންސިލްގެ ރައީސް އަބްދުލް އަލީމް މިއަދު "ސަން"އަށް ވިދާޅުވީ ރަށް ގިރާ މައްސަލައަކީ އެ ރަށަށް ކުރިމަތިވެފައިވާ އެތައް އަހަރެއްވީ މައްސަލައެއް ކަމަށެވެ.

އެކަމުގެ ބުރަ އެ ރަަށު ރައްޔިތުން މިއަދާ ހަމައަށް ވެސް އުފުލާފައިވާއިރު އެންމެ ބޮޑަށް އެ މީހުން ބޭނުންވެފައި ހުރި ކަމަކީ ރަށްގިރުމުގެ މައްސަލަ ހައްލުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މ. ކޮޅުފުށީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ

އެގޮތުން ލޮނު އަރާ ދުވަސްކޮޅެއްގައި ނަމަ މީހުން ދިރިއުޅޭ ގެތައް ހުންނަ ސަރަހައްދަށް ވެސް ލޮނު އަރާ ކަމަށާއި އެއީ އެތައް އަހަރެއް ވަންދެން އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ގުޅިފައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ގެތައް ހެދި ދާނެ. އެކަމު އެގޮތަށް ލޮނު އަރައިގެން ރަށް ސަލާމަތުން ނޯންނަންޏާ ގެތަކެއް ވެސް ނުހުންނާނެ. ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ނުލިބި އޮތް ނަމަ ރަށް ބުރި ވުމުގެ ބިރުވެސް އަޅުގަނޑުމެންނަށް އޮތް. އެހާ ބޮޑުވެފައި އޮތް މައްސަލައެއް މި މައްސަލަ އަކީ މި ރަށަށް،" އަލީމް ވިދާޅުވިއެވެ.

ހަމައެއާއެކު އެ ރަށު ދެކުނު ކޮޅުގައި އޮންނަ ކުޅި ސަރަހައްދުން ބޭރުގައި ހުރި 2،000 އަށްވުރެ ގިނަ ރުކާއި އިތުރު ގަސްތައް ވެސް ރަށް ގިރުމުގެ މައްސަލައާ ހެދި މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރީގައި، ކުޅީގައި ހުރި ރީތި ކަމެއް މިހާރު ނުހުންނަ ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކަށް ވީ ވެސް ރަށް ގިރުމުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.

މ. ކޮޅުފުށީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ

ނަމަވެސް ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތާއެކު އެ ސަރަހައްދުގައި ހުރި ގަސްތަކުގައި ރީނދޫވެފައި ހުރި ފަތްތައް ފެހިވެ ގަސްތައް ރީތިވަމުން އަންނަ މަަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރީގަ މި ރަށު ކުޅި އަކީ ވަރަށް ރީތި ކުޅިއެއް. އެކަމު ރަށް ގިރުމުގެ މައްސަލައާ ގުޅިގެން ކުރީގަ އޮތް ގޮތަކަށް ނޫން އޮންނަނީ އެތަން. ރަށް ގިރުމުގެ މައްސަލަ ހައްލުކުރަމުން ގޮސް ނިމިފައިވާއިރު ކުޅި ސަރަހައްދުން އެކަމުގެ ސަބަބުން އަންނަމުންދާ ބޮޑު ރަނގަޅު ބަދަލު މިހާރުވެސް ފެނޭ،" އަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ކޮޅުފުއްޓަށް އެންމެ ގިނަ އަހަރުތަކެއް ވަންދެން ދިމާވެފައި އޮތް މައްސަލަ އަކީ ރަށް ގިރުމުގެ މައްސަލައަށް ވީއިރު، އެކަމުގެ މަސައްކަތް އެއްކޮށް ނިމުމަކީ މުޅި އެ ރަށަށް ވެސް ލިބުނު ބޮޑު ހިތްހަމަ ޖެހުމަކާއި އުފާވެރިކަމެއް ކަމަށެވެ.

މ. ކޮޅުފުށީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ

އެކަމުގެ އުފާ ކޮޅުފުށީގެ ހުރިހާ ރައްޔިތުން ވެސް ކުރާ ކަމަށާއި ރަށް ގިރުމުގެ މައްސަލަ ހައްލުވުމަކީ އެ ރަށުގެ ހުރިހާ ރައްޔިތުން ވެސް ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް އަލީމް ވިދާޅުވިއެވެ.

ކޮޅުފުއްޓަކީ އާބާދީގައި 1406 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ. ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި ވެސް އެންމެ ބޮޑެތި ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ކޮޅުފުށި ހިމެނެއެވެ.

comment ކޮމެންޓް