ޔާމީން ނޫން ޗޮއިސްއަކަށް ޕީޕީއެމްގެ ލީޑާޝިޕުގެ ތެރޭ ހިމޭން މަޝްވަރާތަކެއް!؟

ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ގުޅޭ ގޮތުން ސިއްރު މަޝްވަރާތަކެއް އަންނަނީ ކުރެވެމުން -- ސަން ގްރެފިކްސް / ނާއިލް ހަފީޒް

މި އަހަރުގެ ރިޔާސީ އިންތިޚާބަކީ އިދިކޮޅުގައި އޮތް ހަމައެކަނި ޕާޓީ ޕީޕީއެމަށް މުހިންމު އިންތިޚާބެކެވެ. ރިޔާސީ އިންތިޚާބަށް މާ ކުރިއާލައި އެ ޕާޓީން ގިނަ މަސައްކަތްތަކެއް ފެށީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނަވަނިކޮށެވެ. އެއިރު އެ މަސައްކަތް ފެށީ ރައީސް ޔާމީން މިނިވަންވާނެކަމުގެ އުންމީދު އާކޮށްގެންނެވެ. ކަންވީ ވެސް އެހެންނެވެ. ސުޕްރީމް ކޯޓު މަރުހަލާއިން ފުރަތަމަ ހުކުމުން ސަލާމަތްވެ ސިޔާސީ މަސައްކަތަށް އޮތް ހުރަސް ރައީސް ޔާމީނަށް ނެތިގެން ދިޔައީއެވެ.

ނަމަވެސް އެ މަނިކުފާނުގެ ސަޕޯޓަރުންގެ ނަޒަރުގައި "ސިޔާސީ" ގޮތުން ރައީސް ޔާމީނަށް ކުރަމުން އައި އެކި ދައުވާތަކާއެކު އެ މަނިކުފާނަށް މި އިންތިޚާބުގައި ހަމަޖެހިގެން ވާދަކޮށްލުމުގެ ފުރުސަތު ސަރުކާރުން ނުދޭނެކަން މުޅި ޕީޕީއެމުން ވެސް ތިބީ ދަނެގެންނެވެ. މިއަދު އެމަނިކުފާނު އެ އޮންނެވީ 11 އަހަރުގެ ޖަލު ބަންދެއްގައެވެ.

އެއާއެކު، ރައީސް ޔާމީނަށް މާ ކުރިން ވެދުން ކޮށްފައިވާ އެ ޕާޓީގެ ރިޔާސީ ޓިކެޓަށް އެ ޕާޓީގެ ލީޑާޝިޕް މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުންގެ ނަޒަރު ހުއްޓިފައިވާކަމުގެ އަޑުތައް އަންނަނީ އިވެމުންނެވެ. އަމިއްލަ މަގުބޫލުކަން އިތުރުކުރުމަށް މާ ކުރިއާލައި މަސައްކަތް ފަށައިފައިވާކަމުގެ އަޑުތައް ވެސް ގަދައެވެ.

ޔާމީން މިނިވަންވުމަކީ ބޮޑު ހުރަހެއް، އެތެރެއިން ވެސް ކުރަނީ އެކަން

ރައީސް ޔާމީނަކީ މި ވަގުތު ރާއްޖޭގައި އެއް ސިޔާސީ ލީޑަރަކަށް ރައްޔިތުންގެ އެންމެ މަގުބޫލުކަން އޮތް އެއް ލީޑަރުކަމަށް އެ މަނިކުފާނަށް ތާއީދުކުރާ މެމްބަރުން ބުނެއެވެ. ނަމަވެސް ރައީސް ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެ މަނިކުފާނުގެ މައްޗަށް މިހާރު އިއްވައިފައިވާ 11 އަހަރުގެ ބޮޑު ޖަލު ހުކުމެވެ.

މި މައްސަލަ އިސްތިއުނާފް މަރުހަލާއާ ހަމައަށް ގެންގޮސް، އިންތިޚާބުގެ ކެންޑިޑެންސީ ހުށަހަޅަން ޖެހޭ މުއްދަތު ހަމަވުމުގެ ކުރިން، އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަ ނިމިގެން އަންނާނެކަމީ އުފެދޭ އެންމެ ބޮޑު ސުވާލެވެ.

ކުރީގެ ރައީސް ޔާމީން: ޔާމީންގެ ދިފާއީ ހެކި ބާތިލް ކުރަން ދައުލަތުން ފަހުން ހުށަހެޅި ލިޔުންތައް ބަލައިގަންނަން ވަނީ ނިންމާފައި --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި، ރައީސް ޔާމީން އިސްތިއުނާފް މަރުހަލާގެ ތެރެއިން މިނިވަންވުމަށް ޓަކައި ގިނަ ހުރަސްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެކި ކޯޓުތަކުގައި ހޭދަކުރަން ޖެހޭ ވަގުތު ގިނަވުން ހިމެނެއެވެ.

އަދި ސިޔާސީ ގޮތުން ފަނޑިޔާރުންނަށް ފޯރުވައިފާނެ ނުފޫޒު ވެސް ހިމެނޭކަމަށް ޖަމީލް ދެކިލައްވައެވެ.

"އެހެންނަމަވެސް އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަނުކުރެވޭނެ އެންމެ ސިނާރިއޯއެއް އަޅުގަނޑަށް ފެންނަނީ. އެ ސިނާރިއޯއަކީ ރައީސް [އިބްރާހީމް މުހައްމަދު ޞާލިހު] އިބޫގެ މި ކުރިމަތިކުރުވާ އަނިޔާވެރިކަން. އަޅުގަނޑު ހަމަ ގަބޫލުކުރަނީ ވަރަށް އަނިޔާވެރި ބޭފުޅެއްކަމަށް ރައީސް އިބޫއަކީ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

އާރަށު މަައްސަލައިގައި ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފަށް ހުށަހެޅުމަށް ޓަކައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުން އަންނަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އިސްތިއުނާފު ކުރުން ލަސްވާތީ އެހެން ތުހުމަތުތަކެއް ސަޕޯޓަރުން އެބަކުރެއެވެ.

އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަނުކުރެވޭހާ ވަގުތު ކުޑަތަންވަންދެން އެ މަނިކުފާނު "ސިޔާސީ" ގޮތުން ޖަލު ބަންދުގައި ބަހައްޓަން މަސައްކަތްކުރަނީ ހަމައެކަނި ސަރުކާރުން އެކަނި ނޫންކަމަށް ރައީސް ޔާމީނަށް ތާއީދުކުރާ ލޯޔަލް ގިނަ ސަޕޯޓަރުން ބުނެއެވެ.

ޕީޕީއެމްގެ އެތެރޭގައި ރިޔާސީ ޓިކެޓަށް މާ ކުރިން ހިތުލައިގެން ތިބި ލީޑާޝިޕްގެ ބައެއް ބޭފުޅުން ހިމޭނުން ތިއްބަވައިގެން ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު އެ ޕާޓީގެ އިސް އެކްޓިވިސްޓުން ކުރެއެވެ.

ނަން ނުޖަހަން ޝަރުތުކޮށް "ސަން"އާ ވާހަކަދެއްކި އިސް އެކްޓިވިސްޓަކު ވަނީ ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނަކަށް ބައިވެފައިވާކަމަށް ބުނެފައެވެ. ރަސްމީ ގޮތުން އެކަމަށް އިންކާރުކުރި ނަމަވެސް އެއީ ޕާޓީގެ ތެރޭގައި އެ ކަން ހިނގަމުން އަންނަ ގޮތްކަމަށް އޭނާ ކިޔައިދިނެވެ.

"[ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ] އަދުރޭއަށް ވެސް އެނގޭނެ މި ވާގޮތް. އެއީ އެންމެ އަޑުގަދަ މީހުން ދޯ. ކަނޑައެޅިގެން އެނގޭނެ. ރިޔާސީ ޓިކެޓު ލިބެން އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމީން ޖަލުގައި ބޭންދުން. އެހެންވެ، ޕީޕީއެމްގެ ތެރެއިން ވެސް ހަމަ ލީޑާޝިޕުން ވެސް ސީދާ ފިއްތުންތައް ކުރިމަތިކުރުވާ އެބަ. މަގުމަތީ ހަރަކާތްތައް ވެސް އެ ހިންގަނީ އެހާ އަބުއިކޮށް،" އޭނާ ކިޔައިދިނެވެ.

އިދިކޮޅު ލީޑަރު ޔާމީން މިނިވަންކުރަން ގޮވައިލައި އިދިކޮޅުން މަގުތަކަށް --- ސަންފޮޓޯ/ ނާއިލް ހުސައިން

ހަމައެއާއެކު ލީޑާޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން، އެ މީހުންގެ ބާރު ހިނގާ ތަންތަނުގައި "ވަކި ދައުލަތެއް" ހަދައި އެ މީހުންގެ މަންފާއަށް މަސައްކަތްކުރާކަމަށް ވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. އޭގެ ތެރޭގައި ވަޒީފާތައް ދީގެން ބާރުވެރިކަން ހޯދާ ކަމަށް ބުނެއެވެ.

އަދި ރައީސް ޔާމީނަށް ސިޔާސީ އެއްވެސް ބާރެއް މި ވަގުތު ނެތްއިރު، ޕާޓީ ތެރެއިން އެ މަނިކުފާނާ ދެކޮޅަށް ބައެއް ބޭފުޅުން މަސައްކަތްކުރުމަކީ ޕާޓީ މުޅިން ދެބައިވަމުން އަންނަ ކަމެއްކަމަށް ވެސް ބުންޏެވެ.

ޔާމީންގެ ލޯޔަލް ސަޕޯޓަރުން ޕާޓީ ތެރެއިން އެހެލައިފައި

ޕީޕީއެމްގެ ތެރެއިން އެ ޕާޓީއަށް ވަފާތެރި، ރައީސް ޔާމީނާ އަރިސް ގިނަ ބަޔަކު މިހާރު ބާކީކޮށްލަމުން އަންނަ ކަމަކީ އެ މީހުންގެ ބޮޑު ކަންބޮޑުވުމެކެވެ. ރިޔާސީ ޓިކެޓު ހާސިލްކުރުމަށް މުޑި ނަގައިގެން ހުންނެވި ބޭފުޅަކު ނުވަތަ ބޭފުޅުންތަކަކާ އެ މީހުންގެ ވިސްނުން އެއްގޮތް ނުވުމަކީ އެތެރޭގެ ގިނަ ކަންތައްތަކަކުން އެ މީހުން ބާކީ ކުރަމުން އަންނަ ސަބަބެއްކަމަށް އެ ޕާޓީގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް، ކުރީ ސަފުގައި ހަރަކާތްތެރިވާ އެކްޓިވިސްޓަކު ނަން ނުޖަހަން ޝަރުތުކޮށް "ސަން"އަށް ކިޔައިދިނެވެ.

"އަޅުގަނޑަށް މިހާރު މަނާ ޕާޓީ އޮފީހަށް ވަދެ މައްޗަށް އެރުން ވެސް. ވަގެއްގެ ގޮތުގައި ލޭބަލްކޮށްފި. އަނެއްކާ މި ފަހުން ސެނެޓަރުން ހޮވަން ބޭއްވި އިންތިޚާބުގައި ވެސް ވަކި ލިސްޓެއް ހަދައި އެއަށް ވޯޓުލައި، ރައީސް ޔާމީނަށް އެންމެ ވަފާތެރި އެންމެން ތިބީ ކަޓުވައިލައިފައި. ލީޑާޝިޕުގެ ބައެއް މެމްބަރުން ހޮވަން ބޭނުންވި މީހުން ހޮވަން އެ މީހުންގެ ފޮޓޯ ހޯދައިގެން ގެނެސް ވަކި ބަޔަކު ހޮވީ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ލީޑާޝިޕްގެ ފަރާތުން އެކަމަށް އަޅާލުމެއް ނުދެއެވެ. ދެނީ ބީރު ކަންފަތެކެވެ. އަދި ޕާޓީގެ ގްރާސް ރޫޓު ހިފެހެއްޓުމަށް ލީޑާޝިޕުން އެއްވެސް ކަމެއް ނުކުރެއެވެ.

އެއްބަސް ނުވިއަސް، ޔާމީން ނޫން މީހަކަށް ޓިކެޓު ދޭން މަޝްވަރާ ހިނގާ

މިހާރު ވެސް ޕީޕީއެމްގެ ތެރޭގައި އެ ޕާޓީގެ ރިޔާސީ ޓިކެޓުގައި ރައީސް ޔާމީނަށް ނުކުމެވެން ނެތް ހާލަތެއްގައި ވާދަކުރާނެ ބޭފުޅަކާމެދު މަޝްވަރާތައް އަންނަނީ ކުރެވެމުންނެވެ. އެކަމާ އުޅުއްވާ ދެތިން ބޭފުޅުން އެބަތިއްބެވެ.

އެހެންނަމަވެސް މިކަމާ ގުޅޭގޮތުން މި ވަގުތު ޕީޕީއެމް ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަދުރޭ އާ މި ނޫހުން ސުވާލުކުރުމުން އޭނާ އެކަމަށް އަދިވެސް އިންކާރުކުރައްވައެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ނެތް ހާލަތަކަށް ވިސްނާކަށް ނުޖެހެއެވެ. އަދި އެފަދަ ހާލަތަކަށް ވިސްނަން ބޭނުން ވެސް ނުވެއެވެ.

މިއީ މުޅި ލީޑާޝިޕްގެ ހުރިހާ މެމްބަރުންގެ ވެސް ޖަވާބެވެ. ކޮންމެ ހާލަތެއްގައި ވެސް އޮތީ ރައީސް ޔާމީނާއެކު ކުރިއަށް ދިއުންކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. އެހެން ވިދާޅުވަނީ ހާމަކަން ބޮޑުކޮށެވެ.

ޕީޕީއެމުން "ހޯޕް ކޮންފަރެންސް" ފެށުން --

"އަޅުގަނޑު ތަކުރާރުކޮށް ދަންނަވާ ވާހަކައެއް އެއީ އެ ހާލަތަކަށް އަޅުގަނޑުމެން ނުވިސްނަމޭ. އެ ހާލަތަކަށް އަޅުގަނޑުމެން ވިސްނާކަށް ވެސް ބޭނުމެއް ނޫނޭ. އެއީ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ 100 ޕަސެންޓު ޔަގީންކަން އެބައޮތޭ 2023ގެ އިންތިޚާބުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެކަން. ދެން އެހެންވީމާ ކީއްކުރަންތޯ އަޅުގަނޑުމެން އެހެން ވިސްނުމެއް ވިސްނަނީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ލީޑާޝިޕުން ރިޔާސީ ޓިކެޓަށް ފާރަލައި ބޭފުޅަކު ހުންނެވިތޯ ކުރި ސުވާލަށް ވެސް އޭނާ ވަނީ ރައްދުދެއްވައިފައެވެ.

"އަޅުގަނޑު ވަރަށް ކެރިގެން ސާބިތުކަމާއެކު މި ދަންނަވަނީ ޕީޕީއެމްގެ ތެރޭގައި އެއްވެސް ފެކްޝަނެއް ނެތް. ޕީޕީއެމްގެ ލީޑާޝިޕް އޮތީ ރައީސް ޔާމީންގެ ފަހަތުގައި ވަރަށް ސާބިތުކަމާއެކުގައި. ރިޔާސީ ޓިކެޓަށް ދަހިވެތިވާ އެއްވެސް މީހަކު ލީޑާޝިޕަކު ނެތް. އަޅުގަނޑުމެން އެންމެންގެ ބޭނުމަކީ ރައީސް ޔާމީން މި ރާއްޖޭގެ ވެރިކަމަށް ގެނައުން، އެއީ ލީޑާޝިޕްގެ ބޭނުމަކީ ވެސް، ސެނެޓްގެ ބޭނުމަކީ ވެސް، އާންމު މެމްބަރުންގެ ވެސް ބޭނުމަކީ،" އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު ޔާމީން މިނިވަންކުރަން ގޮވައިލައި އިދިކޮޅުން މަގުތަކަށް --- ސަންފޮޓޯ/ ނާއިލް ހުސައިން

ރައީސް ޔާމީންގެ ހަގީގީ ސަޕޯޓަރުން އަދިވެސް ތިބީ ރައީސް ޔާމީނަށް ކުރިމަތިލެވޭނެކަމުގެ އުންމީދުގައެވެ. އެ މަނިކުފާނަށް ކުރިމަތި ނުލެވިއްޖެ ހާލަތެއްގައި އެ މަނިކުފާނު ދެއްވާ ނަމަކަށް ވޯޓު ދޭން ތައްޔާރަށެވެ.

އެހެންނަމަވެސް ރައީސް ޔާމީނަށް ވާދަނުކުރެވޭނެ ހާލަތެއްގައި ރިޔާސީ ޓިކެޓަށް ފާރަލައި މެމްބަރުންގެ މެދުގައި ޕީޕީއެމް ތެރޭ ކުރާ ހިމޭން މަޝްވަރާއަކީ ސިއްރެއް ނޫނެވެ. އެ އަޑު ޕާޓީގެ ތެރެއިން އިވެއެވެ.

comment ކޮމެންޓް