މަސްތުވާތަކެތި ފެނިއްޖެނަމަ އަނބުރާ ގައުމަށް ފޮނުވާލެވޭހެން ގަވައިދެއް

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެއާޕޯޓުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭރު ގައުމަކުން ރާއްޖެއަށް ވައިގެ މަގުން އަންނަ ބިދޭސީއެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެނަމަ އެ މީހަކު ރާއްޖެއިން ފޮނުވާލުމުގެ އިޚްތިޔާރު ލިބޭހެން ގަވައިދެއް ހަދައިފިއެވެ.

އެގޮތުން ގެޒެޓުކޮށްފައިވާ އިމިގްރޭޝަންގެ އެ ގަވައިދުގައިވާ ގޮތުން، ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަން ޝައްކުކުރެވޭނަމަ އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބެއެވެ.

އެ ކަން ކުރެވޭނީ ވަކި ހާލަތްތަކެއްގައެވެ. އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ، ލަގެޖުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވުމާއި، މަސްތުވާތަކެތި އުފުލުމުގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާކަމަށް ނުވަތަ އެ މީހަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުމެވެ.

ގަވައިދުގައި މިހެން އޮތް ނަމަވެސް އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވިދާނެ ވަކި ހާލަތްތަކެއް ވެސް ވެއެވެ.

އޭގެ ތެރޭގައި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވުން ހިމެނެއެވެ. ނަމަވެސް އެ ކަން ކުރަންވާނީ އެ މީހަކު ރާއްޖެ އައި އެއާލައިނަކުން އޭނާއަަށް އެނބުރި ގައުމަށް ފުރޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހުގައެވެ.

ނަމަވެސް ފުލުހުންގެ އޮޕަރޭޝަނަކަށް މަސްތުވާތަކެއްޗާއެކު ރާއްޖެ އެތެރެވާ މީހަކަށް މި ގަވައިދު ހުރަހެއް ނާޅާނެއެވެ.

މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ މީހުން ރާއްޖެއަށް އަންނަ ހިސާބުން ފުރުވައިލުމަށް ޚާއްސަ ގަވައިދެއް ހަދައިފައިވަނީ މި ފަހުން އެއާޕޯޓުން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ބިދޭސީން އަތުން އަތުލައިގެންފައިވަނިކޮށެވެ.

މީގެ އިތުރުން އެއާޕޯޓުން ހޯދި މަސްތުވާތަކެތި ގެއްލި ވީނުވީއެއް ނޭނގުނު މައްސަލަ ތަހުގީގުކުރަމުން އަންނަނިކޮށެވެ.

comment ކޮމެންޓް