އަފްޣާންގެ ކުރީގެ ރައީސް އަޝްރަފް ޣަނީއަކީ ވަރަށް ނުބައި ބޭފުޅެއް: ޕޮމްޕެއޯ

މައިކް ޕޮމްޕެއޯ ލިޔުއްވި ފޮތް

ވޮޝިންޓަން (29 ޖަނަވަރީ 2023): އެމެރިކާގެ ތާއީދާއެކު އަފްޣާނިސްތާނުގައި ވެރިކަންކުރެއްވި އެގައުމުގެ ކުރީގެ ރައީސް މުހައްމަދު އަޝްރަފް ޣަނީ އަކީ ވަރަށް ނުބައި ނުލަފާ ބޭފުޅެއްކަމަށް އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ސިފަކުރެއްވުމުން އަފްޣާން ކުރީގެ މަސްއޫލުވެރިންގެ ރުޅި ޕޮމްޕެއޯއަށް އަމާޒުވެއްޖެއެވެ.

ޕޮމްޕެއޯ, އަޝްރަފް ޣަނީ ނުބައި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައިވަނީ އޭނާ އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާގެ ވެރިކަމުގައާއި އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގައި ހުންނެވި ދުވަސްވަރު އޭނާ ކުރެއްވި މަސައްކަތްތަކާ އަދި އޭރު އެމެރިކާ ސަރުކާރަށް ކުރިމަތިވިކަންކަމާއި އަދި ދުނިޔޭގައި ހިނގި މުހިއްމު ކަންކަމަބެހޭގޮތުން އޭނާ ލިޔުއްވި ފޮތުގައެވެ.

"ނެވާ ގިވް އޭން އިންޗް: ފައިޓިން ފޯ ދަ އެމެރިކާ އައި ލަވް"ގެ ނަމުގައި ލިޔުއްވައި ދާދިފަހުން ޝާއިޢުކޮށްފައިވާ ފޮތުގައި ޕޮމްޕެއޯ ވިދާޅުވެފައިވާގޮތުގައި އަޝްރަފް ޣަނީ އަކީ އެމެރިކާ ބުނާ ބަސްއަހާ ބޭފުޅެއްނޫނެވެ. ޣަނީ ގެންދެވީ އަފްޣާނިސްތާނުން ފޭބުމަށްޓަކައި އެމެރިކާއިން ތާލިބާން ޖަމާއަތާއެކު ގަތަރުގައި ދައްކަމުން ގެންދިޔަ ސުލްހައިގެ ވާހަކަތަކަށް ހުރަސްއެޅުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވަމުންނެވެ.

އެމެރިކާގެ ކަނާތު ފިޔައިގެ އެންމެ ހަރުކަށި ވިސްނުމުގެ ބޭފުޅުންގެ ތެރޭގައި ހިމެނޭ ޕޮމްޕެއޯ އެފޮތުގައި ލިޔުއްވާފައިވާގޮތުން އަޝްރަފު ޣަނީ އަކީ އޭނާ ބައްދަލުކުރެއްވި ދުނިޔޭގެ ލީޑަރުންގެ ތެރެއިން އެންމެ ގޯސް ލީޑަރެވެ. ޣަނީއަކީ އޭގެ ގައުމުކަމަށްވާ އަފްޣާނިސްތާނުގެ މަސްލަހަތަށްޓަކައި އޭނާގެ އަމިއްލަ ބޭނުންތައް ގުރުބާން ކުރައްވާ ޒާތުގެ ބޭފުޅެއް ނޫނެވެ. އޭގެ ބަދަލުގައި ޣަނީ އަކީ ވަރަށް އަމިއްލަ އެދުންބޮޑު ބޭފުޅެއް ކަމަށް ޕޮމްޕެއޯ ލިޔުއްވާފައިވެއެވެ.

އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ

އޭނާގެ ފޮތުގައި ވާގޮތުން އެމެރިކާގެ ބަހަށް ޣަނީ ބޯލެނބުމަށް ދެކޮޅު ހެއްދެވުމުގެ ސަބަބުން އެމެރިކާ ސިފައިންގެ އެތަށްބަޔަކު އަފްޣާނިސްތާނުގައި މަރުވެގެންދިޔައެވެ. އަދި ތާލިބާނުންނާ ކުރިމަތިލުމުގައި އެމެރިކާއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ.

ޕޮމްޕެއޯ ގެ ފޮތުގައި ވާގޮތުން އަފްޣާނިސްތާނުގައި އޭރު ދެވަނަ އަށް އެންމެ ބާރުގަދަ ވެރިޔާގެ ގޮތުގައި ހުންނެވި ރިކޮންސިލިއޭޝަން ކޮމިޓީގެ ވެރިޔާ ޑރ. އަބްދުﷲ އަބްދުﷲ އަކީވެސް ވަރަށް ކޮރަޕްޓް ބޭފުޅެކެވެ. އަބްދުﷲ އަބްދުﷲ އަކީ މާފިޔާ ލީޑަރެއްކަމަށް ސިފަކުރައްވަމުން ޕޮމްޕެއޯ އޭނާގެ ފޮތުގައި ވިދާޅުވެފައިވާގޮތުގައި އަބްދުﷲ އަބްދުﷲ ވަނީ އެމެރިކާއިން އަފްޣާނިސްތާނަށް ދިން އެހީގެ އެތަށް މިލިޔަން ޑޮލަރެއް ވަގަށް ނަންގަވައިފައެވެ.

އަޝްރަފް ޣަނީ އާއި އަބްދުﷲ އަބްދުﷲ އަކީ އެމެރިކާގެ ދެ ޕަޕެޓުން ނުވަތަ ދެ އެޖެންޓުންކަމަށް އެދުވަސްވަރު ތާލިބާނުން ސިފަކުރިއިރު އެމެރިކާ އަފްޣާނިސްތާނަށް އަރައިގެން އުޅުނުއިރު އެމެރިކާއަށް އެދެބޭފުޅުން ރަނގަނޅުވި ސަބަބާއި އެމެރިކާގެ ސަރުކާރުތަކުން އޭރު އެދެބޭފުޅުންނަށް ތައުރީފު ކުރި ސަބަބު ޕޮމްޕެއޯގެ ފޮތުގައި ހާމަކުރައްވާފައެއްނުވެއެވެ.

އޭނާ ލިޔުއްވާފައިވާގޮތުގައި އަފްޣާނިސްތާނުގައި އޭރުއޮތް ޑިމޮކްރަސީގެ ނިޒާމަކީވެސް ވަރަށް ބޮޑު ފޭކެކެވެ. އެނިޒާމުގެ ތެރެއިން އަޝްރަފް ޣަނީ ވެރިކަމަށް ވަޑައިގެންފައިވަނީ ވެސް ވޯޓު އޮޅުވާލައި މަކަރު ހައްދަވައިގެންނެވެ. ނަމަވެސް އަފްޣާނިސްތާނުގައި އޭރު އޮތް ހުޅަނގުގެ ޑިމޮކްރަސީގެ ނިޒާމަކީ އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައި ތާލިބާނުންގެ ވެރިކަން ވައްޓާލުމަށްފަހު އެމެރިކާ އުފެއްދި ނިޒާމެކެވެ.

ވޯޓު އޮޅުވާލައި މަކަރު ހައްދަވައިގެން އަފްޣާން ވެރިކަމަށް ވަޑައިގެންނެވި ޣަނީ ފަދަ ބޭފުޅުންނާ އެމެރިކާ މުއާމަލާތްކުރީ ކީއްވެގެންކަން ޕޮމްޕެއޯ ހާމަކުރައްވާފައެއް ނުވެއެވެ. އޭނާ ލިއުއްވާފައިވާ ގޮތުގައި އެމެރިކާ އަފްޣާނިސްތާނުން ފޭބުމަށް ހިންގި ސުލްހައިގެ މަސައްކަތްތަކުގެ ދަށުން ވަނީ އޭނާ ތާލިބާނުންގެ އެތަށް ލީޑަރުންނަކާ ބައްދަލުކުރައްވައިފައެވެ.

ތާލިބާނުންގެ ލީޑަރަކާ ޕޮމްޕެއޯ ބައްދަލުކުރައްވަނީ

ތާލިބާނުންގެ ލީޑަރުންނާ ބައްދަލުކުރެއްވީ ވަރަށް ނުރުހުމުގައި ކަމަށާއި އެއީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ ހިތްދަތި ތަޖުރިބާކަމަށްވެސް ޕޮމްޕެއޯ ސިފަކުރައްވާފައިވެއެވެ. އެންމެ ކަންބޮޑުވީ އުސާމާ ބިންލާދިން ފަދަ ހެދުން އަޅައިގެން ތާލިބާނުންގެ ލީޑަރުން ތިއްބަވާތީ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާގެ ފޮތުގައިވާ މިވާހަކަތަކަށް އަޝްރަފު ޣަނީގެ ސަރުކާރުގެ ނައިބު ރައީސް އަމްރުﷲ ސާލިހް ވަނީ ވަރަށް ހަރުކަށި ގޮތެއްގައި ރައްދު ދެއްވާފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ޕޮމްޕެއޯ އަކީ ބޮޑު ދޮގުވެރިއެކެވެ. އަދި އިންތިހާއަށް ދެފުށްދެގޮތް މުނާފިގެކެވެ. ރީތިކޮށް ކޯޓު ލައިގެން ހުންނެވިކަމަށް ވިޔަސް ހަރުކަށިކަމާއި އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅައި ދިޔުމުގައި ޕޮމްޕެއޯއަކީ ތާލިބާން ލީޑަރުންފަދަ ހަރުކަށި ބޭފުޅެކެވެ.

ޕޮމްޕެއޯ އަކީ އެމެރިކާގެ އަމިއްލަ މަސްލަހަތާއި ގައުމުތައް އަޅުވެތިކުރުމުގައި އެމެރިކާ ގެންގުޅޭ އިސްތިއުމާރީ ވިސްނުން ފިޔަވައި އެހެން ވިސްނުމެއްނެތް ބޯދާ ފިކުރުގެ ބޭފުޅެއް ކަމަށްވެސް ސާލިހް ވަނީ ސިފަކުރައްވާފައެވެ.

އޭނާ ވިދާޅުވިގޮތުގައި އެމެރިކާ އަފްޣާނިސްތާނުން ފައިބަންޖެހުނީ އެއްވެސް ރޭވުމެއްނެތި އެމެރިކާވެސް ލަދުވެތިވާފަދަ ވަރަށް ނިކަމެތި އަދި ލަދުވެތި ގޮތެއްގައި ކަމަށާއި މިކަން މުޅި ދުނިޔެއަށް ވެސް އެނގުނުއިރު އެކަމުގެ އެއް މޭސްތިރިއަކީ ޚުދު ޕޮމްޕެއޯ ކަމުގައެވެ. އެހެންވެ، އޭނާގެ ބޭނުމަކީ އެމެރިކާ ސަރުކާރާއި އޭނާގެ ނާކާމިޔާބީ އަފްޣާން އޭރުގެ ރައީސް އަޝްރަފް ޣަނީއާއި އަފްޣާން ސަރުކާރުގެ ބޮލުގައި އެޅުވުމެވެ. ތާލިބާނުން ވެސް ވަނީ ޕޮމްޕެއޯގެ މި ވާހަކަތަކަށް ވަރަށް ހަރުކަށި ރައްދެއްދީ ޕޮމްޕެއޯ އަކީ ދޮގުވެރި އިސްތިއުމާރީ ފޭލިއާ އެއްކަމަށް ސިފަކޮށްފައެވެ.

ޕޮމްޕެއޯގެ މި ލިޔުންތަކަށް ރައްދު ދެއްވަމުން އެމެރިކާއާ އޭރު މުއާމަލާތްކުރެއްވި ތާލިބާނުންގެ ވެރިއެއްކަމަށްވާ އަތާއުﷲ ލޫދީން ވަނީ އަފްޣާނިސްތާނުގެ އޭރުގެ ރައީސް އަޝްރަފް ޣަނީ ގައުމުން ފިއްލެވީ ތާލިބާނުންނާ ހަނގުރާމަކޮށްގެން އަފްޣާން ރައްޔިތުންގެ ލޭ އިތުރަށް އޮހޮރުވާލަން ބޭނުން ނުވާތީ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް