ޖެނީންގެ ގަތުލުއާންމަށް ބަދަލުހިފުމުގެ ގޮތުން އިސްރާއީލުގެ ހަތް މީހުން މަރާލައިފި

އިސްރާއީލުގެ ޔަހޫދީން ގެ ކިބައިން ބަދަލުހިފި ފަލަސްތީނުގެ 21 އަހަރުގެ ޒުވާނާ ޚައިރީ އަލްގަމު

ހިފާފައިވާ ގުދުސް (28 ޖަނަވަރީ 2023): އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ޒުވާނަކު ބަޑިން ދިން ކުއްލި ހަމަލާތަކެއްގައި އިސްރާއީލުގެ ހަތް މީހުން މަރުވެ 12 މީހުން ޒަޚަމްވެއްޖެއެވެ.

ޚައިރީ ޢަލްގަމު ނަމަކަށްކިޔާ ފަލަސްތީނުގެ 21 އަހަރުގެ ޒުވާނާ މިހަމަލާތައް ދިނީ ފިސްތޯލައެއް ބޭނުންކޮށްގެންނެވެ. ހަމަލާދިނީ ފަލަސްތީނުގެ ބިމެއްކަމަށްވާ އިރުމަތީ ގުދްސުގައި ގާނޫނާ ޚިލާފަށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ އަވަށެއްކަމަށްވާ ނާވީ ޔައުގޫބު ގައި ހުންނަ ޔަހޫދީންގެ ފައްޅިއެއްގެ ތެރޭގައެވެ. ހަމަލާތައް ދީފައިވަނީ ފަލަސްތީނަށް ވެރިވެގަނެގެންއުޅޭ ޔަހޫދީ ވަޒަންވެރިންނަށާއި މަސްޖިދުލްއަގްސާގެ ހުރުމަތްކަނޑަމުންދާ ޔަހޫދީ ހަރުކަށި ދީނީ މީހުންނަށް އަމާޒުކޮށެވެ.

މި ހަމަލާތައް ދީފައި މިވަނީ އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ސިޓީއެއްކަމަށްވާ ޖެނީނަށް މިދިޔަ ބުރާސްފަތިދުވަހު ވަދެގެނެ ބަޑިޖަހައި ފަލަސްތީނުގެ ނުވަ މީހަކު ޝަހީދުކޮށްލިތާ އެއްދުވަހުގެ ތެރޭގައެވެ. އެހެންކަމުން މިއީ ޖެނީންގައި އިސްރާއީލު ސިފައިން ހިންގި އެ ގަތުލުއާންމަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ވަނީ ބެލެވިފައެވެ.

އިސްރާއީލު ސިފައިން މިދިޔަ ބުރާސްފަތިދުވަހު ޖެނީންއަށް އަރައި ޝަހީދުކޮށްލި ފަލަސްތީނުގެ ނުވަ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ފަލަސްތީނުގެ މަންމައަކުވެސް ހިމެނެއެވެ. ނުވަމީހުން ޝަހީދުކޮށްލުމަށްފަހު އިސްރާއީލު ސިފައިންވަނީ ޖެނީންގެ ހޮސްޕިޓަލުގައި ކުޑަކުދިންގެ ވޯޑަށްވެސް ހަތިޔާރާއެކު ވަދެގަނެ ބަލިމީހުންނަށާއި ޑޮކްޓަރުންނާއި ނަރުހުންނަށް ބިރުދައްކައި އެ ތަނުގެ ތެރެއަށް ކަރުނަގޭސްވެސް ޖަހާފައެވެ.

ޔަހޫދީ ސިފައިންގެ ރަހުމެއްނެތް މި ހަމަލާތަކުގެ ސަބަބުން އެވޯޑުގައި އެނދުމަތިކޮށްފައިވާ ފަލަސްތީނުގެ ގިނަ އަދަދެއްގެ ކުޑަކުދިންނަށް އަނިޔާވިއެވެ. އިސްރާއީލުގެ މި އަނިޔާވެރި އަދި ލާއިންސާނީ ގަތުލުއާންމުގައި ޝަހީދުކޮށްލި ފަލަސްތީނުގެ ނުވަމީހުން ވަޅުލައި އެމީހުންގެ ހަނދާނުގައި ޖެނީންގެ ރައްޔިތުން ދަނީ ހިތާމަކުރަމުންނެވެ.

އިސްރާއީލުގެ ފުލުހުން ބުނިގޮތުގައި ޔަހޫދީ ވަޒަންވެރިންގެ ހަތް މީހުން މަރާލި ހަމަލާދިން ފަލަސްތީނުގެ ޒުވާނާއަކީ ފަލަސްތީނުގެ ވަކި ޖަމާއަތަކަށް ނިސްބަތްވާ މީހެއްނޫނެވެ. އޭނާ އެހަމަލާދިންކަމަށް ބެލެވެނީ ބަދަލުހިފުމުގެ ގޮތުންނެވެ. އިސްރާއީލުގެ ސިފައިންވަނީ ރޭގެ ދަންގަޑިއެެއްގައި މިޒުވާނާ ޝަހީދުކޮށްލާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޔަހޫދީ ވަޒަންވެރިންގެ ހަތް މީހުން މަރާލި ފަލަސްތީނުގެ ޒުވާނާގެ ކާފަވަނީ މީގެ އަހަރުތަކެއް ކުރިން ޔަހޫދީ ވަޒަންވެރިއަކު ދިން ވަޅީގެ ހަމަލާއެއްގައި ޝަހީދުވެފައެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތައް ބުނާގޮތުން މިއީ އިސްރާއީލުން ޖެނީންގައި ބުރާސްފަތި ދުވަހު ހިންގި ގަތުލު އާންމަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ. ޔަހޫދީ ވަޒަންވެރިންގެ ހަތް މީހުންގެ މަރާ ގުޅިގެން އެމެރިކާވަނީ ކަންބޮޑުވުން ފާޅުކޮށް އިސްރާއީލުގެ ހިމާޔަތުގައި އަބަދުވެސް އޮންނާނެކަމުގެ ޔަގީންކަން ދީފައެވެ.

ނަމަވެސް އިސްރާއީލުން ޖެނީންގައި ހިންގި ގަތުލުއާންމުގައި ފަލަސްތީނުގެ ނުވަ މީހުން ޝަހީދުކޮށްލުމުން އެކަން ކުށްވެރިކޮށް ފަލަސްތީނަށް ހަމްދަރުދީވުމަށް އެމެރިކާވަނީ ފަސްޖެހިފައެވެ. އެމެރިކާއަކީ އަނިޔާކުރާ އިސްރާއީލުގެ ޔަހޫދީން ދިފާއުކޮށް އަނިޔާލިބޭ ފަލަސްތީނުގެ ރައްޔިތުން ކުށްވެރިކުރަމުން ގެންދާ އިސްތިއުމާރީ ހަރުކަށި ވިސްނުމުގެ ގައުމެކެވެ.

ޔަހޫދީ ވަޒަންވެރިންގެ ހަތް މީހުން މަރާލި ފައްޅި ހުންނަ ސަރަޙައްދަށް އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ހަރުކަށި ސަރުކާރުގެ އަމަނާބެހޭ ވަޒީރު އިތަމާރް ބެންގުވީރު ރޭވަނީ ޒިޔާރަތް ކުރައްވާފައެވެ. ރުޅިގަދަވެފައިވާ ޔަހޫދީ ވަޒަންވެރިންވަނީ ފަލަސްތީނު މީހުންގެ ކުރިމަތީގައި އިސްރާއީލަށް ކުރެވެނީ ކޮންކަމެއްތޯ ސުވާލުކޮށް އެދެބޭފުޅުންނަށް އެއްޗެހި ގޮވައި ހަދާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޖެނީންގައި އިސްރާއީލުން ހިންގި ގަތުލުއާންމުގެ ފަހަތުގައިވަނީ ބެންގުވީރު ކަމަށް ފަލަސްތީނުން ބުނެއެވެ. ޖެނީންގެ ގަތުލުއާންމަށް މިހާއަވަހަށް ބަދަލުހިފައި އިސްރާއީލުގެ ހަތް މީހުން މަރާލާނެކަމަށް ނަތަންޔާހޫ އާއި ބެންގަވީރަށް ލަފާކުރެވިފައިނުވާތީ އެދެ މީހުންނަށް ވަނީ ސިހުން ލިބިފައެވެ.

އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަކަށް ފަލަސްތީނުގެ ވަކިވަކި ފަރުދުންވެސް ބަދަލުހިފާނެކަމާއި މިފަދަ ހާލަތްތަކުގައި އިސްރާއީލުގައިވާ މިސައިލްތަކާއި ފައިޓާޖެޓްތައް ފަދަ ބާރުގަދަ ހަތިޔާރުތަކުން ކުރެވޭނެ ކަމެއްނެތްކަމާއި އިސްރާއީލުގެ ބަލިކަށިކަންވެސް އެދެބޭފުޅުންނަށް އިހްސާސްވެގެން ދިޔަކަމަށް މުރާސިލުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު