އަލަމްގީރު މައްސަލައިގައި ހައްޔަރުކުރި މީހަކު ފުލުހުންނާ ދެކޮޅަށް އަބުރުގެ ދައުވާ އުފުލައިފި

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އެތައް ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ފުލުހުންނާ ދެކޮޅަށް އަބުރުގެ ދައުވާ އުފުލައިފިއެވެ.

މި މައްސަލާގައި ހައްޔަރުކުރި ގާނޫނީ ވަކީލު، ށ. ފުނަދޫ ސީސްޓާ، މައުމޫން މޫސާ ވަނީ އަބުރު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ފަރާތުން 238.7 މިިލިއަން ރުފިޔާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

އޭނާގެ ފޮޓޯއާއެކު ވަނަވަރު ހާމަކޮށް، ބަންދަށް ވަނީ 10 ދުވަހުގެ މުއްދަތެއްވެސް ޖަހާފައެވެ. އެއަށްފަހު އޭނާ ދޫކޮށްލިއެވެ.

ފުލުހުންނާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އޭނާ ވަނީ ފުލުހުން އޭނާގެ ފޮޓޯ އާއި ވަނަވަރު އާންމުކުރުމަކީ އަބުރު ނަގައިލަން ކުރި ކަމެއް ކަމަށް ކަނޑައަޅައި ދީ، އެކަމަށް މާފަށް އެދި، އަދި މާލީ ބަދަލުގެ ގޮތުގައި 238،777،416ރ. ނަގައި ދިނުމަށް އެދިފައެވެ.

އޭނާ އެމައްސަލަ ހުށަހަޅަން ނިންމާފައިވަނީ ފުލުހުންނަށް ފޮނުވާފައިވާ އެއްވެސް ސިޓީއެއްގެ ޖަވާބު ލިބިފައި ނުވާތީ އާއި އޭނާގެ ފޮޓޯ ފުލުހުންގެ ވެބްސައިޓާއި ސޯޝަލް މީޑިއާއިން ނަގާފައިނުވާތީ ކަމަށް މީޑިއާތަކަށް މައުމޫން ބުނެފައިވެއެވެ. މި މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވި ނަމަވެސް، ހެއްކާއި ގަރީނާ ލިބިފައި ނެތުމުން އެ މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެހެންކަމުން މައުމޫން ވަނީ ފުލުހުންގެ ޓްވިޓާ އާއި ވެބްސައިޓުގައި އާންމުކުރި އޭނާގެ ވަނަވަރާއި ފޮޓޯ ނަގައިދީ، މާފަށް އެދުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވައިފައެވެ.

މައުމޫންގެ މައްޗަށް ކުރި ދޮގު ތުހުމަތެއްގައި ވަނަވަރު އާންމުކުރުމުގެ ސަބަބުން އާންމުން އޭނާއާ މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެ، ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އޭނާ ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

މި މައްސަލަ ކުރިއަށް ގެންދިއުމާމެދު ސިވިލް ކޯޓުން ވަކި ގޮތެއް ނިންމި ކަން އަދި ސާފެއް ނުވެއެވެ.

comment ކޮމެންޓް