އައްޑޫގައި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ޓެކްސީ ޑްރައިވަރެއްގެ މައްސަލަ ބަލަނީ

އައްޑޫ ސިޓީ. (ފޮޓޯ/ފޭސްބުކް)

އައްޑޫ ސިޓީގައި އަންހެނެކަށް ޖިންސީ ފުރައްސާރަކުރި ޓެކްސީ ޑްރައިވަރެއްގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ އައްޑޫގައި ޓެކްސީ ދުއްވާ މީހެއްގެ ކާރުން ދަތުރުކުރި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށާއި، މިހާރު އެމައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ އަންހެން މީހާ ވަނީ ޑްރައިވަރު އުޅުނު ގޮތް ވީޑިއޯކޮށް ސޯޝަލް މީޑީއާގައި އާންމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ބުނާ ގޮތުގައި އެއީ ހިތަދޫގެ ޓެކްސީ ޑްރައިވަރެކެވެ.

އެ ޑްރައިވަރުގެ ވަނަވަރު ހާމަކޮށް އެވާހަކަތައް މީސްމީޑިއާގައި ހިއްސާކުރުމުން، އެ ވާހަކަތައް ސިއްރުކޮށްދިނުމަށް އެދި ޑްރައިވަރު ކުރި މެސެޖުތައްވެސް އޭނާވަނީ ހިއްސާކޮށްފައެވެ.

އެމައްސަލާގައި ހިމެނޭ ޑްރައިވަރު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން މިހާތަނަށް ސާފުކޮށްދީފައެއް ނުވެއެވެ.

ޓެކްސީތަކުން ޚިދުމަތް ހޯދާ އަންހެނުންނަށް ކުރާ މިބާވަތުގެ ފުރައްސާރައިގެ މައްސަލަތައް މަދުން ނަމަވެސް ފެންމަތިވެއެވެ. ނަމަވެސް ގިނަ ފަހަރު އެފަދަ ގޯނާ ކުރާ މީހުންގެ މައްސަލަ ކުރިއަކަށް ނުދެއެވެ. އެކަށީގެންވާ އަދަބެއްވެސް ނުލިބެއެވެ. ގިނަ ފަހަރު އެފަދަ މީހުން ބަންދުކުރުމަށްފަހު ވެސް މާ ގިނަ ދުވަސް ނުވެ ދޫކޮށްލައެވެ.

comment ކޮމެންޓް